ސަސްޕެންޑް ކޮށްފައިވާ ކްރިމިނަލް ކޯޓުގެ އިސް ގާޒީ ހައިލަމް ދައްކަވަމުންގެންދަވާ ވާހަކައިގާ މާ ބޮޑު އޮއްޓަރެއް ނެތްކަމަށް ރައީސް އޮފީހުގެ ތަރުޖަމާން އިބްރާހިމް ހޫދު ވިދާޅުވެއްޖެއެވެ.
ހޫދު ވިދާޅުވީ ސަރުކާރުން ޝަރުއީ ދާއިރާގެ އެއްވެސް ގާޒީއަކަށް ނުފޫޒެއް ނުފޯރުވާނެ ކަމަށެވެ.
ރައީސް ޔާމިނަށް ޖަލު ހުކުމެއް ކަށަވަރު ކޮށްދިނުމުގެ ޔަގީންކަން ދެއްވުމަށް ނުފޫޒު ފޯރުވާ ކަމަށް ބުނެ ގާޒީ ހައިލަމް ބަޔާނެއް ނެރުއްވާފައިވާ އިރު، ނުފޫޒު ފޯރުވިކަން ކްރިމިނަލް ކޯޓު މިހާރު ހިންގެވުމާއި ހަވާލުވެވަޑައިގެން ހުންނެވި ގާޒީ އަލީ ރަޝީދަށް އެނގިވަޑައިގަންނަވާނެ ކަމަށް އެ ބަޔާނުގައި ހައިލަމް ވަނީ ވިދާޅުވެފައެވެ.
އެހެން ނަމަވެސް ހައިލަމް ހައްދަވަނީ އިތުރުފުޅެއް ކަމަށް ގާޒީ އަލީ ރަޝީދުވެސް ވަނީ ވިދާޅުވެފައެވެ.
ގާޒީ ހައިލަމް ސަސްޕެންޑުކުރީ ނަސްރުގެ ދުވަހުގެ މުނާސަބަތުގެ ތަހުނިޔާ ކިޔުއްވަމުން ޝެއަރ ކުރެއްވި ފޮޓޯއަކާއި ގުޅިގެންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް