ބޮލީވުޑްގެ އެކްޓްރެސް އެވްލީން ޝަރްމާ އަންނަ އަހަރު ކައިވެނިކުރާނެ ކަމަށް އޭނާ ބުނެފިއެވެ.
އެވްލީން ލޯބީގެ ގޮތުން ގުޅިގެން އުޅޭ އޮސްޓްރޭލިއާގެ ޑެންޓިސްޓް ތުޝާން ބިންޑީ އާއި އެންގޭޖްވެފައި ވަނީ މިދިޔަ އޮކްޓޯބަރު މަހުގެ އަށްވަނަ ދުވަހުއެވެ. ކައިވެނިކުރާނެ ވަކި ތާރީހެއް ކަނޑައެޅިފައި ނުވިނަމަވެސް އަންނަ އަހަރު ކައިވެނި ކުރާނެ ކަމަށް އޭނާ ވަނީ ބުނެފައެވެ.
އެވްލީން އާއި ތުޝާން ނިންމާފައި ވަނީ ޑެސްޓިނޭޝަން ކައިވެންޏެއް ކުރުމަށެވެ. ކައިވެނީގެ ދެ ހަފްލާއެއް ބާއްވަން ނިންމާފައިވާއިރު، ހިންދޫ ކައިވެންޏަކާއި ޗަޕާލް ކައިވެންޏެއް ކުރަން ދެމީހުން ވަނީ ނިންމާފައެވެ.
އެވްލީން ބުނީ، ކައިވެނީގެ ތައްޔާރީތައް މިހާރު ކުރިއަށްދާއިރު، ހަނީމޫނަށް ދާނެ ތަންތަން ވެސް މިހާރު ދަނީ ކަނޑައަޅަމުން ކަމަށެވެ. ނަމަވެސް ދަނީ ކޮން ތަންތަނަކަށް ކަމެއް އޭނާ ބުނެފައެއް ނުވެއެވެ.
އެވްލީން އާއި ތުޝާން ފުރަތަމަ ދިމާވީ މިދިޔަ އަހަރު 'ބްލައިންޑް ޑޭޓް' އަކުންނެވެ. ރައްޓިއްސެއް މެދުވެރިކޮށް ދެމީހުން ދިމާވެ، ލޯބީގެ ގޮތުން ގުޅިފައިވަނީ ދިމާވިތާ މަދު ދުވަސްކޮޅެއްގެ ތެރޭގައެވެ.
އެވްލީން ބޮލީވުޑުން ގިނައިން ފެނިގެން ގޮސްފައި ވަނީ ސައިޑް ރޯލުތަކުންނެވެ. އޭނާ އެންމެ ފުރަތަމަ ކުޅުނީ އެމެރިކާގެ ފިލްމެއް ކަމަށްވާ 'ޓަރން ލެފްޓް' އެވެ. ބޮލީވުޑަށް އޭނާ ތައާރަފްވީ 2012 ވަނަ އަހަރު އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް