އެރެއަށްފަހު- އަށާވީސްވަނަ ބައި

ކުރީގެ އަދަދާ ގުޅޭ... "ޝައި މިހާރު ނޯމަލްއޭ... ހާސްނުވެބަލަ އެއީ މިހާރު ހަމަ ކުރީގެ ޝައި" ސުމާ ބުނެލިއެވެ. ސުމާ ބުނި ޖުމްލައިން އެންމެން އޭނާގެ މޫނަށް ބަލަންފެށިއެވެ. އެވާހަކަ ނުބުނެވި އޮތީތީ ސުމާ އިސ...

10 Nov 2019 | 04:05

ކުރީގެ އަދަދާ ގުޅޭ...

"ޝައި މިހާރު ނޯމަލްއޭ... ހާސްނުވެބަލަ އެއީ މިހާރު ހަމަ ކުރީގެ ޝައި" ސުމާ ބުނެލިއެވެ. ސުމާ ބުނި ޖުމްލައިން އެންމެން އޭނާގެ މޫނަށް ބަލަންފެށިއެވެ. އެވާހަކަ ނުބުނެވި އޮތީތީ ސުމާ އިސްޖަހައިލިއެވެ.

"ޔެސް ޝައި އިޒް ނޯމަލް..." އަނެއްކާވެސް ސުމާ ބުނެލިއެވެ.

"ކިހިނެއް ސުމާއަށް އިނގެނީ އޭނަ ނޯމަލް ކަމެއް؟ ބޭސް ނުކައިފިއްޔާ އުޅެވޭ ދުނިޔެއެއްވެސް އޭނައަކަށް ނޭންގެ..." ސުމާގެ އަތުގެ މުލައްދަނޑީގައި ހިފައި އަނބުރައިލަމުން ސަމާހު ބުނެލިއެވެ. އޭނާގެ ދެލޯ ވަނީ ބޮޑުވެފައެވެ. އެމޫނު ފެނުމުން ސުމާ ހިންދިރުވައިލިއެވެ.

"ދޮންބެ ރިލެކްސް" ސުމާ ބެލީ ސަމާހު ހަމައަކަށް އެޅުވޭތޯއެވެ. ސުމާގެ އެޖުމްލައިން ސަމާހު އޭނާގެ އަތް ފޮޅުވައިލިއެވެ. ހަށިފުރާ ނޭވާއެއް ދޫކޮށްލުމަށްފަހު ސުމާ ބަލައިލީ ސޯފާގައި އިން ޖުމާގެ މޫނަށެވެ. އަދި އެއަށްފަހު ސަމާހުގެ މޫނަށް ބަލައިލުމަށްފަހު ވާހަކަދައްކަން ފެށިއެވެ.

"ޝީ ޑޯންޓް ލައިކް ޖުމާ... ލައިކް ބިފޯރ... ޕާޓީއަށް ދިއުމުގެ ކުރިންވެސް އެކަމާ ހިތްހަމަނުޖެހިގެން އުޅުނީ... އޭނާ އަމިއްލައަށް ދޮންބެ ކައިރީ މެރީ ކުރަން ބުނީ އެކަމަކު އޭނަ އެހެން ވާހަކަދެއްކީމަ ސުމް އަށް އެނގިއްޖެ ނޯމަލް ވަނީކަން..." ފަހަރަކު މީހެއްގެ މޫނަށް ބަލައިލަމުން ސުމާ ވާހަކަދެއްކިއެވެ.

"ދެން ކީއްވެ އެހާ ބޮޑު އިމްޕްރޫވްމެންޓެއް އައީމަ އެހެންމީހުން ކައިރީ ނުބުނީ؟ އަހަރެން ކައިރީ ނުބުނީ؟" ސަމާހުގެ ދެލޮލުން މިހާރު ހީވަނީ ކަނިބުރާހެންނެވެ.

"އެއީ ޝައި ބޭނުންނުވީ... ޝައި ބޭނުންނުވީ މި ކައިވެނި ހުއްޓުވަން..." ސޯފާގައި އިށީންނަމުން ސުމާ ބުނެލިއެވެ. އޭނާ އެވަނީ ވަރަށް ބޮޑަށް ވަރުބަލިވެފައެވެ. ހުރިހާ އެންމެންގެ ސުވާލުތަކަށް ޖަވާބުދީދީ ވަރުބަލިވެފައެވެ.

***

"ޝައި ބޭބީ ލެޓްސް ގޯ ހޯމް" ޝައިލާގެ ބޮލުގައި ފިރުމައިލަމުން ނަޒާން ބުނެލިއެވެ. ޝައިލާ އަދިވެސް ހުރީ ބާރަށް ނަޒާންގެ ގައިގައި ހިފަހައްޓައިގެންނެވެ. ޝައިލާ ދޫކޮށްނުލުމުން ނަޒާން ގަދަކަމުން އޭނާގެ ގައިން ޝައިލާގެ އަތް ނައްޓުވައިލިއެވެ. އަދި ސައިކަލަށް އަރުވައިގެން އޭނާ ފުރަތަމަ ދިޔައީ އޭނާގެ ގެއަށެވެ. ނަސީބަކުން ގޭތެރެއިން އެއްވެސް މީހަކު ފެންނާކަށް ނެތެވެ.

"ޝައި ޓޯކް ޓު މީ... ހުއްޓާލަބަލަ" ޝައިލާގެ ލޮލުން ފައިބަމުންދިޔަ ކަރުނަތައް ފުހެލައިދެމުން ނަޒާން ބުނެލިއެވެ. އަދި ގެނެސް އޭނާގެ އެނދުމަތީގައި ބޭންދިއެވެ.

"ތެންކް ޔޫ ޒާން.. ތެންކް ޔޫ" ގިސްލުމުގެ ތެރެއިން ޝައިލާ ބުނެލިއެވެ. އަދި އަނެއްކާވެސް ނަޒާންގެ ގައިގައި ބައްދައިލިއެވެ. ނަޒާންގެ މޭގައި ބޯއަޅައިގެން އޮވެ އޭނާގެ ގަމީސް ތެންމަމުން ދިޔައެވެ.

"ޝައި ހީކުރީ އަނެއްކާ އެހެން ވާން އުޅުނީއޭ... ޝައި ހީކުރީ އަނެއްކާ ޝައިއަށް..." ޝައިލާއަށް ގިސްލެވެމުންދިޔައެވެ. ބުނަން އުޅުނު ޖުމްލަވެސް ފުރިހަމައެއް ނުކުރެވުނެވެ. ޝައިލާގެ އެވާހަކަތައް އިވިފައި ނަޒާންގެ ހިތްވެސް އިންތިހާޔަށް ތެޅެން ފަށައިފިއެވެ. ޔަގީނުންވެސް ޝައިލާއަށް އެއަޑު އިވޭނެއެވެ.

"އެރޭ... އެރޭ އެމީހުން ޝައި ގަދަކަމުން ގެއަކަށް ވައްދާފަ... ހަތަރު މީހުން މީ... މީހުންވެގެން އެރޭ... އެރޭ" ޝައިލާ މަސައްކަތްކުރީ އެރޭގެ ވާހަކަ ނަޒާނަށް ކިޔައިދޭށެވެ. ނަމަވެސް އެއްގޮތަކަށް ކުރިއަކަށް ނުގެންދެވުނެވެ. އެހުރިހާ ކަމެއް ހިތަށް އެރިޔަސް ހީވަނީ އެބިރުވެރި އިހުސާސް ކުރެވޭހެންނެވެ. ހީވަނީ އެމީހުންގެ އެބީހުންތައް އިހުސާސް ކުރެވޭހެންނެވެ.

"ޝްޝްޝް ޝައި... ޒާން ބޭނުމެއް ނޫން އަޑުއަހާކަށް..." ޝައިލާގެ ބުރަކަށީގައި ފިރުމައިލަމުން ނަޒާން ބުނެލިއެވެ. އަދި ޝައިލާގެ ނިތްކުރީގައި ތުންފަތް ޖައްސައިލިއެވެ. އޭރުވެސް ޝައިލާގެ މުޅި ހަށިގަނޑުން މަޑު ތުރުތުރެއް އަޅަމުން ދިޔައެވެ.

"ޝައިއަށް ހާދަ ތަދު... ތަދުވިޔޭ... ޝައި ހާދަވަރަކަށް ހަޅޭއް...ލެވީމޭ... އެމީހުން ޝައިއަށް... ހާދަ... ހާދަ... ތަދެއް ކުރިއޭ... ޒާން އެމީހުން ވެސް މިރޭ... އެއުޅުނީ... އެހެން... އެހެން ހަދަން..." ޝައިލާ ދެންވެސް ދައްކަމުން ދިޔައީ އެވާހަކައެވެ. ނަޒާންގެ ލޮލުން ވެއްޓުނު ކަރުނަތިކި ހަރުލީ ޝައިލާގެ އިސްތަށިގަނޑުގައެވެ. އެރޭވީ ހުރިހާ ކަމެއް ނަޒާނަށް އެނގެޔޭ ބުނަންވެސް ބޭނުންވިއެވެ. ނަމަވެސް ބުނާނީ ކޮން ދުލަކުން ހެއްޔެވެ؟

އެރޭގެ ވާހަކަ ޝައިލާ އެދެއްކީ ފުރަތަމަ ފަހަރަށެވެ. ފާއިތުވެދިޔަ އަހަރުތަކުގައި އެރޭގެ އެއްވެސް ވާހަކައެއް އެއްވެސް މީހަކު ޝައިލާ ކައިރީ އަހާފައެއް ނުވެއެވެ. ފުރަތަމަ ފަހަރަށް އެރޭގެ އެހާދިސާގެ ކުޑަމިންވަރެއް ވެސް ޝައިލާ އެކިޔައިދިނީ ނަޒާން އަށެވެ. ޔަގީނުންވެސް ނަޒާންގެ ދެއަތުގެ ތެރެއިން އޭނާއަށް ހިމާޔަތްތެރިކަމުގެ އިހުސާސެއް ކުރެވެއެވެ. އަދި ނަޒާން އޭނާއަށް ދުވަހަކުވެސް ދެރަގޮތެއް ނަހަދާނެ ކަމަށް ހިތުގެ އަޑިން ގޮވަމުން ދިޔައެވެ.

"ޝައި ދެން ހުއްޓާލަބަލަ... ޕްލީޒް ޝައި... ހޭ" ޝައިލާ އާއި ދުރުވެލަމުން ނަޒާން ބުނެލިއެވެ. ޝައިލާގެ މުޅި މޫނުމަތި ވަނީ ރަތްވެފައެވެ. ލޯކައިރި ވަނީ ދުޅަވެފައެވެ. ނަޒާން މަޑުމަޑުން ޝައިލާގެ ލޮލުން ފައިބަމުންދިޔަ ކަރުނަތައް ފުހެލައިދިނެވެ. އަދި ދެއަތުން ޝައިލާގެ ދެކޮލުގައި ހިފައިލިއެވެ.

"ޝައި ދެން ޒާން މިހުރީއެއްނު... ދެން އެއްވެސް ކަމެއް ނުވާނެ އިނގޭ... ނުރޮއްޗޭ އިނގޭ..." ނަޒާން ބެލީ ލޯބިން ވާހަކަދައްކައިގެން ޝައިލާ ހަމައަކަށް އެޅުވޭތޯއެވެ. އޭރުވެސް ޝައިލާގެ ތުންފަތުން ދިޔައީ ތުރުތުރު އަޅަމުންނެވެ.

"ސުމް ވަރަށް ގުޅާފަ އެބަހުރި... އެންމެންވެސް އުޅޭނީ ވަރަށް ހާސްވެގެން މިހާރު... ހިނގާ ގެއަށް ދާން ދޯ؟ މާދަން ދެން ދިމާވާނީ" ފޯނު ނަގައި ބަލައިލަމުން ނަޒާން ވާހަކަ ދެއްކިއެވެ.

"ނޫން ޝައި ބޭނުމެއް ނޫން އެއްވެސް ތަނަކަށް ދާކަށް ޝައި ބޭނުމީ ޒާން ކައިރީ ހުންނަން... ޕްލީޒް ޝައި ނުފޮނުވާލަބަލަ... ގެއަށް ގެންގޮސްފިނަމަ އަނެއްކާ ޝައި ގޮވައިގެން މެލޭއަށް ވެސް ގޮސްދާނެ... ދޮންބެ ވަރަށް ސުވާލު ކުރާނެ... މިރޭވީ ކަންތައް އެނގެއްޖެނަމަ ދޮންބެ ވަރަށް ދެރަވާނެ... އަލުން ޝައި ތެރަޕިސްޓް ކައިރިއަށް ވެސް ގެންގޮސްފާނެ... ޝައި... ޝައި ބޭނުމެއް ނޫން އިތުރަށް ބޭސް ކައިގެން އުޅޭކަށްވެސް... ޝައި ބޭނުމީ ޒާން ކައިރީ ހުންނަން... ޝައި.." ޝައިލާ ދައްކަމުންދިޔަ ވާހަކަ މެދުކަނޑައިލުމުގެ ގޮތުން ނަޒާން އެތުންފަތުގައި ޝަހާދަތް އިނގިލި ޖައްސައިލިއެވެ.

"އެއްވެސް މީހަކު އެއްވެސް ކަމެއް ނުކުރާނެ... އެއްވެސް މީހަކު ކައިރީ ނުބުނާނީ އިނގޭ؟" ނަޒާން ބުނެލިއެވެ. އިތުރަށް އެއްޗެއް ނުބުނެވި އުޅެނިކޮށް ސުމާ ގުޅަން ފަށައިފިއެވެ. މިހުރިހާއިރު ފޯނު ނިއްވާލައިގެން އުޅުމަށްފަހު ނަޒާން ފޯނު ހުޅުވީ ދެންމެއެވެ.

***

ޝައިލާ ގޮވައިގެން ގެއަށް ދެވުނީ ނަޒާން ވަރަށް އާދޭސް ކުރުމުންނެވެ. ގެ ކައިރިއަށް އައުމަށްފަހު ނުވަންނަން ވެސް ޝައިލާ ވަރަށް ގަދަހެދިއެވެ. އެންމެފަހުން ނަޒާނަށް ޖެހުނީ ޝައިލާ ގޮވައިގެން ގޭތެރެއަށް ވަންނާށެވެ. ވަނުމުގެ ކުރިން ޝައިލާގެ މުނުމަތީ ހުރި ކަރުނަތައް ފުހެލައިދިނުމަށްފަހު ޝައިލާގެ އިސްތަށިގަނޑުވެސް ރީތިކޮށްލައިދިނެވެ. ޝައިލާގެ އަތުގައި ހިފައިގެން ވަރަށް ހިތްވަރުކޮށްފައި ނަޒާން އެގޭތެރެއަށް ވަނެވެ.

"އޯމައިގޯޑް ޝައި" ޝައިލާ އާއި ނަޒާން އައިސް ވަތް މަންޒަރު ފުރަތަމަ ފެނުނީ ސުމާ އަށެވެ. ދެވެލާފައި ގޮސް ޝައިލާގެ ގައިގައި ސުމާއަށް ބައްދައިލެވުނީ އިހުތިޔާރަކާ ނުލައެވެ. އެންމެން އެއްފަހަރާ ޝައިލާ ގައިގައި އޮޅުލަން ފެށުމުން އޭނާ ހާސްވާގޮތްވިއެވެ.

"ޝައި އޯކޭތަ؟ ކޮންތާކު އުޅެފަ ތިއައީ؟ އެންމެން ހާސްވެގެން އުޅުންވަރު އިނގޭތަ؟" ސަމާހު ހުރިހާ ސުވާލެއް ކޮށްލީ އެއްފަހަރާ އެވެ. ޝައިލާގެ މޫނުމަތިން ކޮންމެވެސް ކަމެއް ވެއްޖެކަން އިނގެއެވެ. ޝައިލާގެ ދެލޮލާއި ތުންފަތް އަދި މޫނުގެ ކުލަ ފެނުމުން ސަމާހަށް ޔަގީނުން ކަމެއް ވެއްޖެކަން ކަށަވަރުވެއްޖެ އެވެ. ސަމާހަށް ދެން ފެނުނީ ކައިރީ ބަލަން ހުރި ނަޒާނެވެ. ޔަގީނުންވެސް ޝައިލާއަށް ކަމެއް ކުރީ މީނާ ކަމަށް ވެދާނެއެވެ.

"ކަލޭ ތީ ކާކު؟" ސަމާހުގެ ނިތްކުރިއަށް ރޫ އަރުވައިލަމުން އަހައިލިއެވެ.

"ކަލޭ ތީ ކާކުހޭ؟ ކަލޭ ޝައިލާއަށް ކީއްކޮށްގެން ތިގެނައީ؟" ނަޒާނަށް އެއްޗެއް ނުބުނެވި އުޅެނިކޮށް ސަމާހު ގޮސް އޭނާ ލައިގެންހުރި ގަމީހުގެ ގިރުވާނުގައި ހިފައިފިއެވެ. ސަމާހުގެ ދެލޯ ވަނީ ރަތްވެފައެވެ. އެއީ ޝައިލާގެ ދޮންބެކަން ނަގައިގަންނަން ނަޒާނަށް މާގިނައިރެއް ނުނެގިއެވެ.

"ދޮންބެ ލީވް ހިމް... އޭނަ ނުކުރާނެ ޝައިއަކަށް ކަމެއް..." ސުމާ އައިސް އަވަހަށް ބުނެލިއެވެ.

"ކިހިނެއް އިނގެނީ ނުކުރާކަމެއް... ބަލާލަބަލަ އޭނަ ހުރިގޮތް... މިހުރިހާ އިރު ހަބަރެއްވެސް ނުވެ އެހާގިނައިރު އުޅޭނީ ގައިމު ކޮންމެވެސް ކަމެއް ވެގެން" ނަޒާންގެ ގިރުވާނުން ދޫކޮށްލަމުން ސަމާހު އަނެއްކާވެސް ބުނެލިއެވެ.

"ޝައި ބުނެބަލަ ކޮންތަނަކުން ތިއައީ؟ ވާހަކަ ދެއްކީމަ ދޯ އިނގޭނީ" ސަމާހުގެ ރުޅިގަނޑު ދިޔައީ ގަދަވަމުންނެވެ.

"ޝައި ބޮލަށް އެނބުރުން އަރާތީ..." ވަރަށް ބިރުންހުރެ ނަޒާން ދޮގެއް ހަދައިލިއެވެ. ނަޒާންގެ އަޑަށް ޝައިލާ ވެސް ހަމައަކަށް އެޅުނެވެ.

"ޝައި ބޮލަށް އެނބުރުން އަރާތީ ޒާން އައީމަ ބޭސް ގަންނަން ދިޔައީ... ދެން މާބޮޑަށް ބްލެކްއައުޓް ވާތީ މަޑުކޮށްގެން ތިއްބަ ފެއިންޓްވީ" މިފަހަރު ވާހަކަ ދެއްކީ ޝައިލާ އެވެ.

"ގުޅާލިނަމަ... އަހަރެމެން ހާސްވެގެން މިހުރިހާއިރު މިއުޅުނީ... މިހާރު ރަގަޅުތަ؟" ފަހަތުން ޝާއިރާ އައިސް ޝައިލާގެ ބޮލުގައި ފިރުމައިލިއެވެ.

"ދެން އެވަރު ކަމެއް ނޫނޭ... ޕާޓީ ވެސް ނިމުނީ... ޝައި ވެސް ގެއަށް އައިސްފި... ދެން އެކަކުވެސް ހާސްވާނެ ކަމެއް ނެތް" ޔާސިރު އެންމެފަހުން ބުނެލިއެވެ. ސުމާ އަވަހަށް ދިޔައީ ޝައިލާގެ އަތުގައި ހިފައިގެން ކޮޓަރިއަށެވެ. ޖުމާ ވެސް މަންޒަރު ބަލަން އިނުމަށްފަހު އޭނާ އާއި ސަމާހް އުޅެން ހަމަޖެހިފައިވާ ކޮޓަރިއަށް ދިޔައެވެ. ސަމާހު ފިޔަވައި އެހެން އެންމެން ހިނގައްޖެ އެވެ.

"ތެންކްސް މޭން... ޝައިއަށް ކަމެއް ވެއްޖިއްޔާ އަހަރެމެން އެންމެން ވަރަށް ހާސްވާނެ... ޝައިއަކީ އަހަރެމެން ވަރަށް ބަލައިގެން ގެންގުޅޭ ކުއްޖެއް... އަސްލު ވަރަށް އުފާވެއްޖެ ޝައި އެންމެފަހުން އުޅެފަ ކަމުދާ ކުއްޖަކު ގެއަށް ގެނައީމަވެސް" ނަޒާންގެ ކޮނޑުގައި ޖަހައިލަމުން ސަމާހު ބުނެލިއެވެ.

"ދޮންބެ އައި ލަވް ހިމް" ފަހަތުން ޝައިލާގެ އަޑު އިވުމުން ދެމީހުން ވެސް ބަލައިލިއެވެ. އެއަޑު އިވުމުން ނަޒާންގެ ހިތް ބާރަށް ތެޅެންފެށިއެވެ.

"ދެޓްސް ގްރޭޓް... ޝައި އުފަލުގަ އުޅޭތަން ދެކެން އެންމެންވެސް ބޭނުންވޭ... އައިމް ހެޕީ ފޯރ ޔޫ" ޝައިލާގެ ކޮނޑުގައި ހިފައިލަމުން ސަމާހު ބުނެލިއެވެ.

"އެންޑް ސޮރީ ޝައިއާ ހެދި ދޮންބެގެ ވެޑިންގ އެއްކޮށް ޚަރާބުވީމަ... ވަރަށް ބޮޑަށް ސޮރީ" ތުން ދަމައިލަމުން ޝައިލާ ބުނެލިއެވެ. އެމޫނު ފެނުމުން ލޯބިން ފުރުނީ ނަޒާންގެ ހިތް އެކަންޏެއް ނޫނެވެ. ސަމާހުގެ ހިތް ވެސް ފުރިގެން ދިޔައެވެ.

"އިޓްސް އޯކޭ... ދެން ދޭ ބޭސްކައިގެން ނިދޭތޯ" ސަމާހު އެހެން ބުނުމުން ނަޒާން ވެސް ދަނީ ކަމަށް ބުނެ ނިކުމެގެން ދިޔައީ އެވެ.

ނަޒާން ދިއުމުން ޝައިލާ ވެސް ކޮޓަރިއަށް ވަދެ އެއްޗެހި ބަދަލުކޮށްގެން ނިދޭތޯ އުޅުނެވެ. ނަމަވެސް އެއްގޮތަކަށް އޭނާގެ ލޮލަކަށް ނިންޖެއް ނައެވެ. ހީވަނީ މީހަކު އޭނާގެ ގައިގައި އަތް ބީއްސަމުން ދާހެންނެވެ. ހީވަނީ އޭނާގެ ބޮލަށް މީހަކު ދަމާހެންނެވެ. މުޅިގައިން އަނެއްކާވެސް ތުރުތުރު އަޅަން ފަށައިފިއެވެ. މާބޮޑަށް ހީކަރުވަން ފެށުމުން ފަންކާ ނިއްވައިލުމަށްފަހު ރަޖާ އަޅައިގެން އޮށޯތެވެ. ގައިގައި ރަޖާ ބީހެން ފެށުމުންވެސް އޭނާއަށް އުދަނގޫވާން ފަށައިފިއެވެ. ރުޅިއައިސްގެން ރަޖާގަނޑު މުށިތަކުމައްޗަށް ހޫރައިލިއެވެ. އެނދުގައި ނޯވެވިގެން ޝައިލާ ދެކޮޅަށް ހިނގަން ފަށައިފިއެވެ. އަދިވެސް ހީވަނީ މުޅި ގައިގައި މީހަކު އަތް ހާކަމުންދާހެންނެވެ. ކުއްލިއަކަށް މޫނުމައްޗަށް އަނދިރިވާހެން ހީވިއެވެ. އަތް ނަގައި ބޮލުގައި ހިފަހައްޓާލަންވާއިރަށް އޭނާ މުށިތަކު މައްޗަށް ވެއްޓިއްޖެ އެވެ.

(ނުނިމޭ)

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް