ކެޔޮދޫ ޒުވާނުންގެ ޖަމިއްޔާއިން ބާއްވާ "ކޭ.ޒެޑް.ޖޭ ވިމެންސް ޗެމްޕިއަންޝިޕް 2019" މިއަދު ކެޔޮދޫ ޓާފް ދަނޑުގައި ފަށައިފިއެވެ. މިއަދު ހަވީރު 4:10 ގައި ބޭއްވުނު ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ރައްޔިތުންގެ މަޖިލީހުގެ ކެޔޮދޫ ދާއިރާގެ ޢިއްޒަތްތެރި މެންބަރު އަލްފާޟިލް ޙުސައިން ޤާސިމްއެވެ.
މުބާރާތުގެ ފުރަތަމަ މެޗުގައި ވާދަކުރީ 'މިކޮޅުކޮޅުން' އާއި ސީކްރެޓްސް އެވެ. މިމެޗް 7-2 އިން ކާމިޔާބުކުރީ 'މިކޮޅުކޮޅުން' އެވެ. 2 ހެޓްރިކާއެކު ޖުމުލަ 7 ގޯލްޖަހައި މި މެޗްގައި 'މިކޮޅުކޮޅުން' ގެ ފިރުޝާނާ ވަނީ ތަފާތު މޮޅު ކުޅުމެއް ދައްކާފައެވެ. މެޗްގެ ކުއީން އޮފް ދަ މެޗްގެ މަޤާމް ލިބުނީވެސް 'މިކޮޅުކޮޅުން' ގެ ފިރުޝާނާއަށެވެ.
ފުރަތަމަ މެޗާ ޚިލާފަށް 2 ވަނަ މެޗް ވެގެންދިޔައީ ވާދަވެރި މެޗަކަށެވެ. މި މެޗްގައި ވާދަކުރީ ސްޕޯޓްސް ކްލަބް ހޮސްކޮވޯ އާއި 'އެކޮޅުކޮޅުން' އެވެ. މިމެޗް 3-2 އިން ކާމިޔާބުކުރީ ސްޕޯޓްސް ކްލަބް ހޮސްކޮވޯ އެވެ. މި މެޗްގައި ސްޕޯޓްސް ކްލަބް ހޮސްކޮވޯ ގެ ގޯލްތައް ކާމިޔާބުކުރީ 2 ގޯލްޖެހި ރީމާ އާއި 1 ގޯލް ޖެހި ފަސާހާއެވެ. 'އެކޮޅުކޮޅުން' ގެ ގޯލްތައް ކާމިޔާބުކޮށްދިނީ ޝަޒިއްޔާ އަދި ނަރީމާއެވެ. މި މެޗްގެ ކްއީން އޮފް ދަ މެޗްގެ މަޤާމަށް ހޮވުނީ ސްޕޯޓްސް ކްލަބް ހޮސްކޮވޯ ގެ ރީމާއެވެ.
މި މުބާރާތުގެ 2 މެޗް މާދަމާ ހެނދުނުވެސް ކުޅެވޭނެއެވެ. މިގޮތުން މާދަމާ ހެނދުނު 7:00 ގައި ކުޅެވޭ މުބާރާތުގެ 3 ވަނަ މެޗްގައި ވާދަކުރާނީ މެގަ ބުލްބުލް އަދި 'މިކޮޅުކޮޅުން' އެވެ. މި މެޗުން މޮޅުވެއްޖެނަމަ 'މިކޮޅުކޮޅުން' އަށް މުބާރާތުގެ ސެމީ ފައިނަލުން ޔަޤީން ޖާގައެއް ލިބޭނެއެވެ. ހެނދުނު 7:45 ގައި ކުޅެވޭ މުބާރާތުގެ 4 ވަނަ މެޗްގައި ވާދަކުރާނީ 'ގޭދޮށުޓީމް' އަދި ސްޕޯޓްސް ކްލަބް ހޮސްކޮވޯ އެވެ.
ޗެމްޕިއަން ޓީމަށް 5،000 ރުފިޔާގެ ފައިސާގެ އިނާމެއް ހުށަހެޅިފައިވާ މި މުބާރާތުގެ ސްޕޮންސަރުންނަކީ މޯލްޑިވް ގޭސް، ޖުޕިޓަރ ސަންރައިސް ލޮޖް، ދިލްޝާދު މާރޓް އަދި ދަ ލަޒާނިޔާ ޕޮޓް އެވެ. މީޑިއާ ޕާރޓްނަރ އަކީ ދުވަސް އޮންލައިނެވެ. ދުވަސް އޮންލައިން މެދުވެރިކޮށް މި މުބާރާތުގެ އެންމެ ފަހުގެ މައުލޫމާތު ކިޔުންތެރިންނާ ހިއްސާކުރެވޭނެއެވެ. އަދި ކެޔޮދޫ ޒުވާނުންގެ ޖަމްޢިއްޔާގެ ފޭސްބުކް ޕޭޖަށްވެސް މި މައުލޫމާތުތައް އަޕްޑޭޓް ކުރެވެމުންދާނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް