ދީނަށް ފުރައްސާރަކުރާ މައްސަލަތައް ތަހުގީގު ކުރާނަން، ފިޔަވަޅުވެސް އަޅާނަން: އިމްރާން

ރާއްޖޭގައި އިސްލާމްދީނަށް ފުރައްސާރަ ކުރުމަކީ ގާނޫނުގެ ތެރެއިން ތަހުގީގުކޮށް އެކަންކަމަށް ފިޔަވަޅު އެޅޭނެ ކަމެއް ކަމަށް ހޯމް މިނިސްޓަރު އަދި އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ. ހ...

10 Oct 2019 | 13:52

ރާއްޖޭގައި އިސްލާމްދީނަށް ފުރައްސާރަ ކުރުމަކީ ގާނޫނުގެ ތެރެއިން ތަހުގީގުކޮށް އެކަންކަމަށް ފިޔަވަޅު އެޅޭނެ ކަމެއް ކަމަށް ހޯމް މިނިސްޓަރު އަދި އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

ހޯމް މިނިސްޓަރު އިމްރާން މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މާތްވެގެންވާ އިސްލާމްދީނަށް ފުރައްސާރަކޮށް މަލާމާތް ކުރުމަކީ ދިވެހިރާއްޖޭގެ ގާނޫނީ ނިޒާމުގެ ތެރެއިން ތަހުގީގުކޮށް ފިޔަވަޅު އެޅޭނެ މައްސަލައެއް ކަމަށެވެ. އަދި އެކަން މި ސަރުކާރުން ކުރާނެ ކަމަށް މިނިސްޓަރު އިމްރާން ވިދާޅުވިއެވެ.

https://twitter.com/ShimranAb/status/1182288968928223232?s=20

އެމްޑީއެން ސަސްޕެންޑު ކުރިކަން ހާމަކޮށް ޔޫތު މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ އެމްޑީއެން ސަސްޕެންޑް ކުރަން ނިންމީ އެ ޖަމިއްޔާ އިން "ޕްރިލިމިނަރީ އެސެސްމަންޓް އޮން ރެޑިކަލައިޒޭޝަން އިން ދަ މޯލްޑިވްސް" ގެ ނަމުގައި ޝާއިޢުކޮށްފައިވާ ރިޕޯޓުގައި އިސްލާމްދީނާ ހިލާފު ވާހަކަތަކެއް ހުރުމުންނާއި، އިސްލާމްދީނާއި ކީރިތި ރަސޫލާ އަށް ފުރައްސާރަކޮށްފައިވާ މައްސަލަ ފުލުހުން ތަހުގީގު ކުރަމުންދާތީ ކަމަށެވެ.

ޔޫތު މިނިސްޓްރީން ވަނީ ޖަމިއްޔާތަކުގެ ގަވާއިދުގެ 39ވަނަ މާއްދާއާ ހަވާލާދީ މޯލްޑިވިއަން ޑިމޮކްރެސީ ނެޓްވޯކުގެ ހަރަކާތްތައް، މިއަދުން ފެށިގެން ހުއްޓާލަން އަންގާފައެވެ.

ޔޫތު މިނިސްޓްރީން އެމްޑީއެން ސަސްޕެންޑު ކޮށްފައި މިވަނީ އެ މިނިސްޓްރީން އުވާލުމަށް އެތައް ބަޔަކު ބުނަމުންދާ ދަނޑިވަޅެއްގައެވެ. އަދި ޔޫތު މިނިސްޓަރު އަހުމަދު މަހްލޫފު ޓްވީޓާގައި ޓެގު ކުރައްވާ ވެސް އަންނަނީ އެ ޖަމިއްޔާ އުވާނުލައްވަނީ ކީއްވެތޯ ސުވާލު ކުރަމުންނެވެ.

އެމްޑީއެން އިން ނެރުނު ރިޕޯޓުގެ މައްސަލަ ތަހުގީގުކޮށް ފިޔަވަޅު އަޅަން އިސްލާމިކް މިނިސްޓްރީ އާއި އަދާލަތު ޕާޓީން ފުލުހަށް ހުށަހަޅާފައިވާއިރު ބައެއް ފަރާތްތަކުން އަންނަނީ އެ ޖަމިއްޔާ އަށް އުވާލުމަށް ވެސް ގޮވާލަމުންނެވެ.

އެމްޑީއެންގެ ރިޕޯޓު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެސް ދާދިފަހުން ވަނީ ކުށްވެރި ކުރައްވާފައެވެ. އަދި އެމަނިކުފާނު ވަނީ އެކަމާ ގުޅިގެން ފިޔަވަޅު އަޅުއްވާނެ ކަމުގެ ޔަގީންކަން ވެސް ދެއްވާފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް