ޓެކްނޮލޮޖީގެ ނާޖާއިޒު ފައިދާ ނަގަމުންދާ މަދު ބަޔަކު އެބަ އުޅޭ: މާރިޔާ

ފަރުދާގެ ފުރަގަހުގައި ފޮރުވިގެން ތިބެ، ޓެކްނޮލޮޖީގެ ނާޖާއިޒު ފައިދާ ނަގަމުންދާ މަދު ބަޔަކު އުޅެމުންދާ ކަމަށް ޑިފެންސް މިނިސްޓަރު މާރިޔާ އަހްމަދު ދީދީ ވިދާޅުވެއްޖެއެވެ. މިނިސްޓަރު މިހެން ވިދާޅުވީ ދުބާއ...

10 Oct 2019 | 08:31

ފަރުދާގެ ފުރަގަހުގައި ފޮރުވިގެން ތިބެ، ޓެކްނޮލޮޖީގެ ނާޖާއިޒު ފައިދާ ނަގަމުންދާ މަދު ބަޔަކު އުޅެމުންދާ ކަމަށް ޑިފެންސް މިނިސްޓަރު މާރިޔާ އަހްމަދު ދީދީ ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މިހެން ވިދާޅުވީ ދުބާއީގެ ވޯލްޑް ޓްރޭޑް ސެންޓަރުގައި ކުރިއަށް ދިޔަ މެދުއިރުމަތީގެ އެންމެ ބޮޑު އެއް ޓެކްނޮލޮޖީ އެގްޒިބިޝަން ކަމަށްވާ "ގަލްފް އިންފޮމޭޝަން ޓެކްނޮލޮޖީ އެގްޒިބިޝަން -ޖައިޓެކްސް" ގައި ތަގުރީރު ކުރައްވަމުންނެވެ.

މިނިސްޓަރު މާރިޔާ ތަގްރީރުކުރައްވާފައިވަނީ 21 ވަނަ ގަރުނުގައި ސަލާމަތީ ނިޒާމާއި، ތައުލީމާއި ޓެކްނޮލޮޖީއާ ދެމެދު އޮތް ގުޅުމުގެ މައްޗަށެވެ.

މޮނިސްޓަރު މާރިޔާ ވަނީ ދިވެހިރާއްޖޭގެ ޖަޒީރާވަންތަކަން ނުގެއްލޭނެހެން، ޒަމާނީ ޓެކްނޮލޮޖީއާއި ތަޢުލީމުގެ އެހީގައި، މިހާރަށްވުރެ އިލްމީ، ގާބިލް، ޞިއްޙީގޮތުން ދުޅަހެޔޮ އަދި ބަދަހި މުޖްތަމަޢެއް ބިނާކުރުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ޞާލިޙު ގެންގުޅުއްވާ ތަޞައްވުރުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ.

މީގެ އިތުރުން، މިނިސްޓަރ ވަނީ، އީ ގަވަރމަންޓް ނުވަތަ އިންޓަރނެޓް މެދުވެރިކޮށް، ރައްޔިތުންނާ ވީހާވެސް ގާތުން، އިންސާފުވެރިކަމާއެކީ އަދި ދެފުށް ފެންނަގޮތަށް، ދަޢުލަތުން ޚިދުމަތް ފޯރުވައިދިނުމަށް، ޔޫ.އޭ.އީގެ ސަރުކާރުން ފަރުމާކުރައްވާފައިވާ ޓެކްނޮލޮޖީތައް ފާހަގަކުރައްވައި، ތަޢުރީފުކުރައްވާފައެވެ. އަދި، ޓެކްނޮލޮޖީގެ ޒަރިއްޔާއިން ރައްޔިތުންނަށް ޚިދުމަތް ފޯރުވައިދިނުމަކީ، ރައީސް ޞާލިޙުގެ ޒީރޯ ޓޮލެރަންސް އޮން ކޮރަޕްޝަންގެ ސިޔާސަތަށް ލިބޭނެ ކުރިއެރުމެއްކަން އެކަމަނާ ފާހަގަކުރެއްވިއެވެ.

މި ދަތުރުފުޅުގައި، މިނިސްޓަރ މާރިޔާ ވަނީ، ޔޫ.އޭ.އީގެ މިނިސްޓަރ އޮފް އިންޓީރިއަރ އަދި ޑެޕިއުޓީ ޕްރައިމް މިނިސްޓަރ ހިސް ހައިނަސް ލެފްޓިނެންޓް ޖެނެރަލް ޝެއިޚް ސައިފް ބިން ޒައިދު އަލް ނަހްޔާނާ ވެސް ބައްދަލުކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި، ހިސް ހައިނަސް ލެފްޓިނެންޓް ޖެނެރަލް ޝެއިޚް ސައިފް ބިން ޒައިދު އަލް ނަހްޔާންވަނީ، އެމްއެންޑީއެފްގެ ފަޔަރފައިޓަރުން ތަމްރީނުކުރުމުގައި ޔޫ.އޭ.އީން އެހީތެރިވާނެކަމަށް ވިދާޅުވެފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް