މިނިސްޓަރު މާރިޔާ ޔޫއޭއީ އަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލައްވައިފި

ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ޔޫއޭއީ އަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވައިލެއްވުމަށްފަހު ރާއްޖެ ވަޑައިގެންފިއެވެ. މިނިސްޓްރު މާރިޔާ ޔޫއޭއީ އަށް ވަޑައިގެންނެވީ މެދުއިރުމަތީގައި ބާއްވާ އ...

10 Oct 2019 | 07:49

ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ޔޫއޭއީ އަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވައިލެއްވުމަށްފަހު ރާއްޖެ ވަޑައިގެންފިއެވެ.

މިނިސްޓްރު މާރިޔާ ޔޫއޭއީ އަށް ވަޑައިގެންނެވީ މެދުއިރުމަތީގައި ބާއްވާ އެންމެ ބޮޑު އެއް ޓެކްނޮލޮޖީ އެގްޒިބިޝަން ކަމަށްވާ "ގަލްފް އިންފޮމޭޝަން ޓެކްނޮލޮޖީ އެގްޒިބިޝަން – ޖައިޓެކްސް" ގައި ތަޤްރީރު ކުރެއްވުމަށް ލިބިވަޑައިގެންނެވި ދައުވަތަކަށެވެ.

މިނިސްޓަރުގެ މިދަތުރުފުޅުގައި ދުބާއީގެ ވަރލްޑް ޓްރޭޑް ސެންޓަރުގެ "މޮޑަރން އެޑިޔުކޭޝަން ސްޓޭޖް" ގައި އިއްޔެ ވަނީ ތަޤްރީރުކުރައްވާފައެވެ. މިނިސްޓަރު ތަޤްރީރުކުރެއްވީ "ސެކިއުރިޓީ، އެޑިއުކޭޝަން އެންޑް ޓެކްނޮލޮޖީ އިން ދަ ޓުވެންޓީ ފަރސްޓް ސެންޗަރީ" ނުވަތަ 21 ވަނަ ޤަރުނުގައި ސަލާމަތީ ނިޒާމުގެ އިތުރުން، ތައުލީމާއި ޓެކްނޮލޮޖީއާ ދެމެދު އޮތް ގުޅުމުގެ މައްޗަށެވެ.

މި ދަތުރުފުޅުގައި، މިނިސްޓަރ މާރިޔާ ވަނީ، ޔޫ.އޭ.އީގެ މިނިސްޓަރ އޮފް އިންޓީރިއަރ އަދި ޑެޕިއުޓީ ޕްރައިމް މިނިސްޓަރ ހިސް ހައިނަސް ލެފްޓިނެންޓް ޖެނެރަލް ޝެއިޚް ސައިފް ބިން ޒައިދު އަލް ނަހްޔާނާ ވެސް ބައްދަލުކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި ހިސް ހައިނަސް ލެފްޓިނެންޓް ޖެނެރަލް ޝެއިޚް ސައިފް ބިން ޒައިދު އަލް ނަހްޔާން ވަނީ އެމްއެންޑީއެފްގެ ފަޔަރފައިޓަރުން ތަމްރީނުކުރުމުގައި ޔޫ.އޭ.އީން އެހީތެރިވާނެކަމަށް ވިދާޅުވެފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް