ބަންގްލަދޭޝްގެ ވެރިރަށް ޑާކާގެ ޔުނިވާސިޓީއެއްގައި ކިޔަވަމުން ދިޔަ އަބްރާރު ފަހަދް ނަކަމަށް ކިއުނު ދަރިވަރެއް ގައިގައި އެތައް އިރަކު ތެޅުމަށްފަހު މަރާލައިފި އެވެ.
ބީބީސީން ރިޕޯޓް ކޮށްފައިވާ ގޮތުގައި މިދިޔަ އާދިއްތަ ދުވަހު ޑާކާގެ ޔުނިވާސިޓީ އޮފް އިންޖިނިއަރިންގެ ދަރިވަރު، އަބްރާރު ފަހަދުގެ ގައިގައި ތެޅީ ދީނީ ޕާޓީއަކާ ގުޅުން އޮތް ކަމަށް ތުހުމަތުކޮށްގެން ނެވެ. އެގޮތުން އަބްރާރް ގައިގައި ތެޅީ ވެރިކަންކުރާ އަވާމީ ލީގުގެ ޒުވާނުންގެ ގޮފީގެ ބައެއް މީހުންނެވެ.
ބީބިސީ އަށް މައުލޫމާތު ދެމުން ޔުނިވާސިޓީގެ ދަރިވަރަކު ބުނެފައިވަނި 20:00 ހާއިރު ބަޔަކު އަބްރާރު ކޮޓަރިން ނެރުނު ކަމަށާއި އަބްރާރު ގައިގައި އެމީހުން މަދުވެގެން ހަތަރު ގަޑިއިރު ވަންދެން ތަޅާފައިވާ ކަމަށެވެ.
މި މައްސަލައާ ގުޅިގެން އަބްރާރުގެ އޮޓޮޕްސީ ރިޕޯޓް ހެދި ޑޮކްޓަރު ބުނީ އަބްރާރު އަށް ވަރަށް ބޮޑަށް އަނިޔާ ކޮށްފައިވާ ކަމަށްށެވެ.
ބީބީސީ ގައި ރިޕޯޓް ކޮށްފައިވާ ގޮތުގައި މި މައްސަލައާ ގުޅިގެން އަވާމީ ގޮފީގެ 13 މީހަކު ވަނީ ހައްޔަރުކޮށްފައެވެ.
އަވާމީ ގޮފި މަޝްހޫރުވެފަވަނީ ދަރިވަރުންނަށް މަޖުބޫރުކޮށްގެން ފައިސާ ހޯދައި އަދި އަނިޔާކުރާ ބައެއްގެ ގޮތުގައެވެ.
މި އަނިޔާވެރި މަރާ ގުޅިގެން ޑާކާ އާއި އެހެން ސިޓީތަކުގައި ދަނީ އަބްރާރުގެ މަރުގައި ބައިވެރިވި މީހުނަށް މަރުގެ އަދަބު ދިނުމަށް ގޮވާލާ މުޒާހަރާކުރަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް