ރާއްޖޭގެ ބާޒާރުގައި ފިޔާގެ އަގު ދެ ގުނައަށް ބޮޑުވެއްޖެ އެވެ.
ބާޒާރުގައި ފިޔާ ބަސްތާއެއްގެ އަގު އުޅެނީ 800ރ. އާއި 1000ރ. އާއި ދެމެދުގެ އަގެއްގައެވެ. ފިޔާ ކިލޯއެއްގެ އަގު އުޅެނީ 30ރ. އާއި 45ރ. އާއި ދެމެދުގެ އަގެއްގައެވެ.
ފިޔާގެ އަގު 100 އިންސައްތަ އުފުލުނު ސަބަބަކީ، އިންޑިއާ އިން ފިޔާ ނުލިބުމެވެ. އިންޑިއާ އަށް މިހާރު ކުރަމުންދާ ވިއްސާރައިގައި ފިޔާ އެކްސްޕޯޓް ކުރުން ވަނީ ވަރަށް ބޮޑުތަނުން މަދުވެފައެވެ. އިންޑިއާ އިން މިހާރު ވަނީ ބައެއް ގައުމުތަކަށް ފިޔާ އެކްޕޯޓްކުރުން އެއްކޮށް ހުއްޓާލާފައެވެ.
ނަމަވެސް ފޮރިން މިނިސްޓްރީން ބުނިގޮތުގައި، އިންޑިއާ އިން ފިޔާ އެކްސްޕޯޓްކުރުން މަދު ނަމަވެސް، ރާއްޖެ އަށް ފިޔާ ލިބުމުގައި އެއްވެސް ދައްޗެއް ނެތެވެ. ރާއްޖެ އާއި އިންޑިއާ އާއި ދެމެދު ހަދާފައިވާ ހާއްސަ އެއްބަސްވުމެއްގެ ދަށުން، ރާއްޖެ އަށް އެއްވެސް ދަތިކަމެއް ނެތި ފިޔާ އެތެރެ ކުރެވޭނެ ކަމަށް ފޮރިން މިނިސްޓްރީން ވަނީ ބުނެފައެވެ.
އިންޑިއާ އަށް ކުރަމުންދާ ވިއްސާރައިގައި އިންޑިއާގެ ބައެއް ހިސާބުތަކުގައި ވެސް ފިޔާ ވަނީ ލިބުން ދަތިވެ އަގު އުފުލިފައެވެ. އެގޮތުން އިންޑިއާގެ ނިއު ދިއްލީގައި 100 ކިލޯގެ ފިޔާ ބަސްތާއެއް ލިބެނީ 4500 އާއި 5000 ރުޕީސް އާއި ދެމެދުގެ އަގެއްގައެވެ.
ފިޔާގެ އަގު ދެގުނައަށް އުފުލިފައިވާއިރު، ރާއްޖޭގެ ވިޔަފާރިވެރިން ބުނާގޮތުގައި ކުރިއަށް އޮތްތަނުގައި ވެސް ފިޔާގެ އަގު އުފުލުން އެކަށީގެންވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް