އެރެއަށްފަހު- ސޯޅަވަނަ ބައި

ކުރީގެ އަދަދާ ގުޅޭ... ނަޒާން ނަގަން ނުހާ ކުރި މަސައްކަތް ބޭކާރުވުމުން އޭނާ ނިކުމެގެން ދިޔައެވެ. ނުހާ ހުރީ ނަޒާންގެ އެއަމަލުން ވަރަށް ހިތުގައި ޖެހިފައެވެ. މިހާރަކަށް އައިސް ނަޒާން އޭނާ އާއި ވަރަށް ދުރު...

10 Oct 2019 | 04:15

ކުރީގެ އަދަދާ ގުޅޭ...

ނަޒާން ނަގަން ނުހާ ކުރި މަސައްކަތް ބޭކާރުވުމުން އޭނާ ނިކުމެގެން ދިޔައެވެ. ނުހާ ހުރީ ނަޒާންގެ އެއަމަލުން ވަރަށް ހިތުގައި ޖެހިފައެވެ. މިހާރަކަށް އައިސް ނަޒާން އޭނާ އާއި ވަރަށް ދުރުކަން ފާހަގަކުރެވެއެވެ. ނަޒާންގެ ކޮޓަރިން ޝައިލާގެ ސޫރަ ކުރަހާފައިވާ އެތައް ކަރުދާހެއް ރޭގައި އޭނާ އަށް ވަނީ ފެނިފައެވެ. ލޯބިވާކަން ނުބުނެވި އުޅެނިކޮށް ނަޒާން ގެއްލިދާނެ ކަމުގެ ބިރުވެސް ހީވާން ފަށައިފިއެވެ. ނަޒާން ޝައިލާ ދެކެ ލޯބިވާކަން މިހާރު ނުހާ އަށް ވަނީ ކަށަވަރުވެފައެވެ. އެގޭގައި އޭނާ ބާކީވާ ކަމުގެ އިހުސާސެއް ވެސް މިހާރު ކުރެވެން ފަށައިފިއެވެ. ނަޒާންގެ ދުރުކަމަކީ އޭނާގެ ހަޔާތަށް ލިބޭ ވަރަށް ބޮޑު ހުސްކަމެކެވެ.

***

އޮފީސް ނިންމައިލުމަށްފަހު ސަމާހް ގެއަށް އައީ ހަވީރުގެ ވަގުތެއްގައެވެ. އޭރުވެސް ޝައިލާ އިނީ ސޯފާގައި ފޯނަށް ގެއްލިފައެވެ. ސަމާހް އައިސް ޓީވީ ހުޅުވައިލިއެވެ. ފޯނަށް ގެއްލި ހުސްވެފައި އިން ޝައިލާގެ މޫނުމަތިން ހިނިތުންވުން ފިލައިގެން ނުދެއެވެ. އެ ހިނިތުންވުމުގެ ފަހަތުގައި ކޮންމެވެސް ސިއްރުތަކެއް ވާނެއޭ އޭނާގެ ހިތް ބުނަމުން ދިޔައެވެ. ޓީވީ ބަލަމުން ސަމާހް ދިޔައީ ޝައިލާގެ މޫނަށް ވެސް ކަޅި އެއްލަމުންނެވެ. އިރުކޮޅަކު އިނުމަށްފަހު ކުއްލިއަކަށް ތެދުވެގެން ވަރަށް ބާރަށް ޝައިލާ ކޮޓަރިއަށް ހިނގައްޖެއެވެ.

ކޮންމެއަކަސް ޝައިލާގެ އުޅުމަށް މިހާރު ވަރަށް ބޮޑެތި ބަދަލުތަކެއް އައިސްފިކަން ސަމާހަށް ފާހަގަކުރެވުނެވެ. ކުއްލިއަކަށް އުޅުމަށް އެހާބޮޑު ބަދަލެއް އަންނަން ފެށީ ކީއްވެގެންތޯ ސަމާހް ބަލަން ބޭނުމެވެ. އެކަމުގެ ހަގީގަތް ޔަގީނުންވެސް ސުމާ އަށް އިނގޭނެއެވެ.

ބޭރުން އައިސް ގެއަށް ވަތް ސުމާގެ ނަމުން ސަމާހް ގޮވައިލިއެވެ.

"ކޮންތާކުން؟" ފުރަތަމަ ސަމާހް ކޮށްލީ އެސުވާލެވެ.

"މިއައީ މެލޭ ފްރެންޑެސް އާ އެކީގަ ބޭރަށް ގޮސްލާފަ... ކޮބާ ޝައި؟" ގޭތެރެއަށް ނަޒަރު ހިންގައިލަމުން ސުމާ އަހައިލިއެވެ.

"ހިނގައްޖެ ކޮޓަރިއަށް... ވަޓްސް ގޮއިން އޮން؟" ސަމާހްގެ ކުރިމަތީ ހުރި ސޯފާގައި އިށީންދެ އިން ސުމާ ކައިރީ އަހައިލިއެވެ. ސަމާހްގެ އެ ސުވާލު ނުވިސްނުމުން ސުމާ ނިތްކުރިއަށް ރޫ އަރުވައިލިއެވެ.

"ޝައި ވަރަށް ޗޭންޖް ވެއްޖެ... ފޯނަށް ބަލާފަ މިއަދު ވެސް އިނީ ވަރަށް ހެވިފަ" ނިތް އަރުވައިލަމުން ސަމާހް ބުނެލިއެވެ. އެޖުމްލަ އަހާފައި ސުމާ ތިރީ ތުންފަތުގައި ދަތް އަޅައިލިއެވެ. އެއްވެސް ވާހަކައެއް ބުނަން އަދި މާ އަވަސް ކަމަށް އޭނާގެ ހިތް ބުނެލިއެވެ.

"އޮންލައިން ސައިޓަކުން ކޮމިކްސް ކިޔަނީ މިހާރު... އެހެންވެ ކަންނޭގެ" ސުމާ ގަސްތުގައި ދޮގެއް ހަދައިލިއެވެ. ސަމާހް ބޯ ޖަހައިލިއެވެ. އެވާހަކަ ސަމާހް ގަބޫލުކުރީ ކަމެއް ނުވަތަ ނޫންކަމެއް އޭނާ އަކަށް ނޭންގުނެވެ. އިތުރު ސުވާލެއް ސަމާހް ނުކުރުމުން ސުމާ ތެދުވެގެން ހިނގައްޖެ އެވެ.

***

ހެނދުނު ހޭލީއްސުރެ ޝައިލާ އަށް މެސެޖު ކުރަމުން ދިޔަ ނަޒާން ބޭރަށް ނިކުތީ އިރުއޮއްސެން ކައިވެފައި ހުއްޓައެވެ. މުޅި ދުވަހު ގޭގައި އޮތުމަށްފަހު ނަޒާން ބޭރަށް އެނިކުތީ ޝައިލާ ދެކިލަން ދާން ވެގެންނެވެ. ނަޒާން ގެއިން ނިކުމެގެން ސައިކަލަށް އަރައި ނައްޓައިލި ވަގުތު، ނަޒާން ފަހަތުން އިތުރު މީހަކު ޖީއެން ސައިކަލެއްގައި ދުއްވައިލައިފިއެވެ. އެމީހާ ދުއްވަމުން ދިޔައީ ނަޒާންގެ ފަހަތުންނެވެ. އަވި އައިނެއް އަޅައިގެން އިން އެމީހާގެ ސޫރަ ވަނީ ބޮޑު މަތިމަހާއި ތުނބުޅީގެ ސަބަބުން ފޮރުވިފައެވެ.

ނަޒާން ގޮސް މަޑުކޮށްލީ ޝައިލާމެން ގޭ ފުރަގަހުގައި ޝައިލާގެ ކޮޓަރީގެ ކުޑަދޮރު ހުންނަ މަގުގައެވެ. ތަންކޮޅެއް ދުރުގައި ސައިކަލު ޕާކުކޮށްލުމަށްފަހު ނަޒާން އައިސް ޖައްސައިލީ ރޭގައި ވެސް އިން ހިސާބުގައި ހުރި ސައިކަލެއްގެ މަތީގައެވެ. އެވަގުތު ޝައިލާ ހުރީ ކުޑަދޮރު ކައިރީ ނަޒާނަށް ބަލާށެވެ. ޝައިލާގެ ފޯނަށް ގުޅައިލުމަށްފަހު ނަޒާން ސައިކަލު މަތީގައި އެއްފައި ކުރުކޮށްގެން ހަމަޖެހިލިއެވެ.

"ކޮޓަރީގެ ބޮކި ދިއްލީމަ ދޯ ފެންނާނީ" ނަޒާން ބުނެލިއެވެ. އިރުއޮއްސި އަނދިރިވަމުން ދިޔަ ވަގުތުކަމުން ޝައިލާގެ ކޮޓަރިވެސް ފެންނަނީ އަނދިރިކޮށެވެ. ވަގުތުން ޝައިލާ ގޮސް ބޮކި ދިއްލައިލިއެވެ.

"މިހާރު އޯކޭތަ؟" ޝައިލާ އަހައިލިއެވެ. ނަޒާން "ހުމް" އަޅުވައިލިއެވެ.

ނަޒާންގެ ފަހަތުން އައި ސައިކަލު މަޑުކޮށްލައިގެން އިނީ އެގޯޅި ނިމޭ ހިސާބުގައެވެ. ނަޒާނާއި، ކުޑަދޮރު ކައިރިން ފެންނަން ހުރި ޝައިލާގެ ހަރަކާތްތަކަށް ބަލަން އިނުމަށްފަހު އައިކޮޅަށް ދާން އޭނާ ނައްޓައިލިއެވެ. ވޫސްލާފައި އެސައިކަލު ގެއްލުނީ ދާދި އަވަހަށެވެ.

"ދެން ތިހެން ބަލަން ހުންނާނީތަ؟" ނަޒާން ލޯބިވެތި އަޑަކުން އަހައިލިއެވެ.

"ދެން ކީއްތަކުރަންވީ؟" ޝައިލާގެ ޖަވާބު ވަރަށް އަވަހެވެ. ލަދުގަތް ނަމަވެސް މިހާރު ވާހަކަދައްކާވަރު ކުރިއަށްވުރެ ގިނައެވެ.

"އާދެބަލަ ބޭރަށް" ނަޒާންގެ ހިތުގެ އެދުން ބުނެލީ ޖެހިލުންވެ އިނދެ އެވެ. ޝައިލާ އެކަމާ ދެކޮޅު ހަދާނެކަން އެހެން ބުނިއިރުވެސް އިނގެއެވެ.

"ނޫން... މިހެން އޯކޭ އޭ" ޝައިލާގެ ޖަވާބު އައީ ނަޒާން އުންމީދުކުރި ގޮތަށެވެ.

"އޯކޭ އަހަރެން ދަންތަ ކުޑަދޮރު ކައިރިއަށް؟" އަނެއްކާވެސް ނަޒާން އަހައިލިއެވެ. މިފަހަރު ވެސް ޝައިލާ އެކަމަށް އިންކާރު ކުރިއެވެ.

"އެހާ ދުރުކޮށްލާފަ ތިބަހައްޓަނީ ކީއްވެގެންތަ؟" މަޑުމައިތިރިކޮށް ނަޒާން ބުނެލީ ޝަކުވާކުރާ ރާގަކަށެވެ.

"ދުރެއް ނޫނެއްނު... ޒާން އަށް ޝައި ފެނެއެއްނު އެބަ" ހަމަޖެހިލާފައި ޝައިލާ ބުނެލިއެވެ.

"ދެން މިވަރުން ފުއްދާލާނީ ދޯ" ބޯ ކަހައިލަމުން ނަޒާން ބުނެލިއެވެ. އެ ޖުމްލައިން ޝައިލާގެ މޫނުގެ ކުލަވަރު ބަދަލުވެގެން ދިޔައެވެ. ހިތް ތެޅެން ފެށުމުން ފޯނު ކަނޑައިލުމަށްފަހު ކުޑަދޮރު ކަހައިލައި، ފަރުދާވެސް ކަހައިލައިފިއެވެ.

ޝައިލާ ކުއްލިއަކަށް ފޯނު ކަނޑައިލައިލުމަށްފަހު އެގޮތަށް ދިއުމުން ނަޒާން އަށް ލިބުނީ ކުއްލި ސިހުމެކެވެ. ޝައިލާ ރުޅިއަންނަ ވަރުގެ އެއްޗެއް އޭނާ އަށް ބުނެވިއްޖެ ހެއްޔެވެ؟ އެތައްފަހަރަކު ގުޅުމުންވެސް ޝައިލާ ފޯނެއް ނުނެގި އެވެ. ސުމާ އަށް ގުޅުމުން ވެސް ފޯނު ނުނެގުމުން ނަޒާން ވަރަށް މާޔޫސްވެއްޖެ އެވެ. ހިތުގައި ޖެހުނުވަރުން ކުޑަދޮރާ ދިމާލަށް ބަލަހައްޓައިގެން އިނދެވުނީ ކިހާއިރަކު ކަމެއްވެސް ނޭންގެ އެވެ.

އެތައްފަހަރަކު ޝައިލާގެ ފޯނަށް ގުޅުމަށްފަހު ޖަވާބެއް ނުލިބުމުން ނަޒާން އެތަނުން ދާން ތެދުވިއެވެ. އެވަގުތު ނަޒާންގެ ފޯނަށް ނުދަންނަ ނަންބަރަކުން ގުޅަން ފަށައިފިއެވެ. އެއީ ހެނދުނު ވެސް ގުޅި ނަންބަރުކަން އިނގުނީ ފަހު ދެ ނަންބަރު ފާހަގަވުމުންނެވެ. ފޯނު ކަނޑައިލައި ޖީބަށް ލުމަށްފަހު އަނެއްކާވެސް ޝައިލާގެ ކޮޓަރީގެ ކުޑަދޮރަށް ބަލައިލިއެވެ. މަޔޫސްކަމާއި އެކު ނަޒާން ސައިކަލު ބެހެއްޓި ދިމާލަށް ހިނގައިގަތެވެ.

"ޝައި ކީއްވެތަ ތި ރޮނީ؟" ބާލީހުގައި ބައްދާލައިގެން އެނދުމަތީ ރޯން އޮތް ޝައިލާ ކައިރީ އަނެއްކާވެސް ސުމާ އަހައިލިއެވެ. ޝައިލާގެ އަނގައިން ނިކުންނަނީ ގިސްލުމުގެ އަޑެވެ. އެއަޑުގައި އެތައް ވޭނެއް އުފުލިފައިވާކަން ސުމާ އަށް އިހުސާސުކުރެވުނެވެ.

"ޝައި ނުބުނަންޏާ ނޭންގޭނެ ދޯ؟ ނަޒާން އެއްޗެއް ބުނީތަ؟" ނަޒާންގެ ނަން އިވުމުން ޝައިލާގެ މޫނުގައި ބާލިސް އަޅައި ފޮރުވައިލިއެވެ.

"ވަޓްސް ރޯންގް؟ މިއަދު ވެސް ޝައި އުޅުނީ ނުލާހިކު ހެޕީކޮށް؟ ގެޓް އަޕް ޝައި..." ޝައިލާގެ މޫނުމަތީ އޮތް ބާލީސް ދަމައިގަންނަމުން ތަންކޮޅެއް ބާރަށް ސުމާ ބުނެލިއެވެ. ޝައިލާ ބަންޑުން ޖެހެން ދިޔަ ވަގުތު ސުމާ އޭނާގެ އަތުގައި ހިފައި ކޮޅަށް ނެގިއެވެ. އަދި ޝައިލާގެ މޫނުގައި ދެއަތުން ހިފައިލުމަށްފަހު އިސްއުފުލައިލިއެވެ.

"ޓެލް މީ" ޝައިލާ އާއި ހަތަރުކަޅި ހަމަކޮށްލަމުން ސުމާ ބުނެލިއެވެ.

"ނަޒާން... ނަޒާން" ނަޒާންގެ ނަން ދެފަހަރަކު ކިޔައިލުމަށްފަހު ޝައިލާ މަޑުޖެހުނެވެ. އޭރުވެސް ދިޔައީ ގިސްލެވެމުންނެވެ.

"ނަޒާން ކިހިނެއްވީ؟ ކީއްވެ ނަޒާން ގުޅަންހެދީމަ އަހަރެން ފޯނު ނެގިޔަ ނުދިނީ؟" ޝައިލާގެ ކަރުނަތައް ފުހެލައިދެމުން ސުމާ އަހައިލިއެވެ.

"ހުސް އެއްކަހަލަ ފިރިހެނުން... އައި ޑޯންޓް ވޯންޓް ދިސް... ބޭނުމެއް ނޫން އެއްވެސް ފިރިހެނަކާ ވާހަކަ ދައްކާކަށް... އޯލް އާ ސޭމް..." ސުމާ ގައިގައި ބައްދައިލަމުން ޝައިލާ ބުނެލިއެވެ. ވީގޮތެއް ސާފުނުވި ނަމަވެސް ނަޒާންގެ ފުށުން ޝައިލާ ހިތްހަމަނުޖެހޭ ކަމެއް ފެނުނީކަން ޔަގީން ވެއްޖެ އެވެ. ޝައިލާ ހިތްފުރެންދެން ރޯލަން ސުމާ ބޭއްވިއެވެ. ޝައިލާ އަނެއްކާވެސް އަނދިރި ފަރާތަށް މޫނު އަނބުރައިލަފާނެތީ ސުމާ ބިރުގަތެވެ. ޝައިލާ ގެނބެނިކޮށް އައްސޭރިއަށް ގެނެސް ސަލާމަތްކުރީ ވަރަށް މަސައްކަތުންނެވެ. އަލުން ޝައިލާ އެދިމާލަށް މިސްރާބުޖެހިޔަ ނުދޭން ސުމާ އަޒުމުކަނޑައެޅިއެވެ. މިހުރިހާ ދުވަހު ސުމާ ހުރީ ސާބިތުކަންމަތީއެވެ. ޝައިލާ ދެކެ ލޯބިވަނީ އެއްބަނޑު އެއްބަފާ ކޮއްކޮއެއް ފަދައިންނެވެ. ޝައިލާ ދެކެ ސުމާ އިންތިހާޔަށް ލޯބިވާކަން ފާއިތުވެދިޔަ އަހަރުތަކުގައި ސާބިތުކޮށްދީފި އެވެ.

***

ގެއަށް ވަނުމަށްފަހު މޯޅި ގޮތަކަށް ހިނގާލާފައި ނަޒާން ގޮސް ވަނީ ކޮޓަރިއަށެވެ. ނުހާ ގޮވާ އަޑު ފަހަތުން އިވުނުހެން ހީވިއެވެ. ނަމަވެސް މިވަގުތު އޭނާ އެހުރީ ފަހަތަށް އެނބުރެން ވެސް ބޭނުންނުވެފައެވެ. ފައިން ކޮށްޕައިލުމަށްފަހު ދޮރު ލައްޕައިލިއެވެ. އެނދުގައި އިށީނުމަށްފަހު ޝައިލާ އަށް ފޮނުވަން މެސެޖެއް ލިޔެލިއެވެ.

"ސޮރީ ޝައި ދެރަވާކަހަލަ އެއްޗެއް ބުނެވުނީމަ... އައި ޑޯންޓް މީން ޓު ހާޓް ޔޫ... އިގްނޯ ނުކޮށްބަލަ ޕްލީޒް" މެސެޖު ލިޔެލުމަށްފަހު ދެރަވާ އިމޯޖީ ތަކަކާއި އެކީ މެސެޖު ފޮނުވައިލިއެވެ. ޖަވާބެއް ނައުމުން ނަޒާން ގޮސް އިށީނީ މޭޒު ކައިރީގައެވެ. ގަނޑެއް ނެގުމަށްފަހު ކުރަހަން ފަށައިފިއެވެ. ކުރަހަމުން ދިޔަވަރަކަށް މަންޒަރު ސާފުވަމުން ދިޔައެވެ. އެކީ ކުރަހައި ނިންމައިލުމަށްފަހު ނަޒާން އެ ކަރުދާހަށް ބަލައިލިއެވެ.

ކުޑަދޮރެއް ކައިރީ ހުއްޓިލައިގެން އެހުރި އަންހެންކުއްޖާގެ މޫނުން ސިފަވަނީ ޝައިލާ އެވެ. ޝައިލާގެ މޫނާ އެމޫނު އެހާ ވައްތަރު ނޫން ނަމަވެސް މޫނުގެ ބައްޓަން އެފަދައެވެ. އެކުރެހުން ނަޒާން ކުރަހާ އެހެން ކުރެހުންތަކަށްވުރެ ފުރިހަމަ ނޫންނަމަވެސް ހިތުގެ އުދާސްތައް ބަންޑުން ކޮށްލެވިއްޖެއެވެ. އެވަރުން އޭނާ އަށް ފުދެއެވެ. ވަތްގަނޑުގައި ރައްކާކޮށްފައި ހުރި ޝައިލާގެ އެހެން ކުރެހުންތައް ނަގައި އޭއްޗިއްސަށް ބަލަން ފަށައިފިއެވެ. އެއިން ކޮންމެ ކުރެހުމަކީ ވެސް ވަކި ހަނދާނެކެވެ.

ޝައިލާގެ ހިޔާލަށް ގެއްލިފައި އިން ނަޒާން ސިހުނީ ފޯނަށް މެސެޖެއް އައުމުންނެވެ. ޝައިލާގެ ޖަވާބު އައީ ކަމަށް ހިތައި އަވަސްކޮށްލާފައި ފޯނު ނަގައި މެސެޖު ހުޅުވައިލިއެވެ.

"އައިމް ވޮޗިންގ ޔޫ" ނުދަންނަ ނަންބަރަކުން ކުރި އެ މެސެޖު ފެނިފައި ނަޒާންގެ ހިތުގައި މީހަކު ވިކައިލި ކަހަލައެވެ.

(ނުނިމޭ)

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް