އެއީ އިއްޔެއަކު މިއަދަކު ދެކެވޭ ވާހަކަތަކެއް ނޫނެވެ. އަބަދުވެސް ރާއްޖޭގެ ފަނޑިޔާރުގެއިން ކުރާ ހުކުމްތަކާއި ފަނޑިޔާރުގޭގައި ހުންނަ މައްސަލަތަކަކީ އަޅުގަނޑުމެން މީގެ އެތަކެއް އަހަރުތަކުގެ ކުރިން އަޑުއަހާ އުޅޭ އަދި އަޑުއަހާ ވާހަކަތަކެކެވެ. ކާބަފައިންގެ ޒަމާނުގައިވެސް އެއްބަޔަކަށް ފަނޑިޔާރު މަނިކުފާނު ކުރައްވާ ހުކުމްތައް ރަނގަޅުވެ އަނެއް ބަޔަކަށް ކުރާ ހުކުމްތައް ކަމުނުދާ ވާހަކައަކީ އަޑު އިވޭ ވާހަކަތަކެވެ.
ނަމަވެސް މިއަދު މިކަން މިވަނީ "ހައްދުން" ނެއްޓިފައެވެ. ކޮރަޕްޝަނާއި ފަސާދަ އިންތިހާއަށް އެ ދާއިރާގައި އޮންނަ ކަމާއި އެ ތަނުން ކުރާ ހުކުމްތައް ކުރަނީ އަދުލުވެރިކޮށް ނޫން ކަމަށްބުނެ އެތައް ބަޔަކު ވާހަކަތައް ދައްކައެވެ. ހާއްސަ ގޮތެއްގައި ރާއްޖެއަށް މަލްޓި ޕާޓީ ޑިމޮކްރަސީ އައި ފަހުން މި ވާހަކަތައް އަޑު ނީވޭ ހަމަ އެންމެ ދުވަހެއް ވެސް ނުދެއެވެ. މި މަންޒަރުތައް ނިއުޅެމުންދާތާ އެތައް އަހަރެއް ވެފައިވާއިރު މިކަން އިސްލާހު ކުރަން ތިބީ ކޮންބައެއް ހެއްޔެވެ. އާއްމު ރައްޔިތުން ހެއްޔެވެ. ނޫނީ ގައުމުގެ ސިޔާސީ އިސް ފަރާތްތައް ހެއްޔެވެ.
ފަނޑިޔާރުގެ ހަލާކު ކުރީ ސިޔާސީ ވެރިންނާއި ވިޔަފާރިވެރިން!؟
ފަނޑިޔާރުގެ އިސްލާހު ކުރުމުގެ މަސައްކަތެއް ރައްޔިތުންނަކަށް ނުކުރެވޭނެއެވެ. ނަމަވެސް ރައްޔިތުން ކުރާ ވަރަށް ބުރަ މަސައްކަތެއް އޮވެއެވެ. އެއީ ކޮންމެ ފަސް އަހަރުން އެއްހަރު ކުރާ ބުރަ މަސައްކަތެވެ. އެއީ ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ މަގާމަށް ބޭފުޅަކު އިންތިހާބު ކުރުމެވެ. އިންތިހާބު ކުރާ ފަރާތް ރައްޔިތުން އިންތިހާބު ކުރަނީ މީހާގެ މޫނާއި މީހާ ހެދިފައި ހުންނަ ގޮތަކަށް ނުވަތަ ސޫރައަކަށް ނުބަލާ އެމީހާ ދައްކާ ވާހަކައަށް ބިނާކޮށެވެ. ވާ ވައުދުތަކަށް ބިނާކޮށެވެ.
ރައްޔިތުން ކިތަންމެހާވެސް ތަރައްގީ ބޭނުންވެއެވެ. ނަމަވެސް ތަރައްގީ ގެނައުމުގެ ކުރިންވެސް މިއަދު ރައްޔިތުން އެންމެ ބޭނުންވަނީ އިންސާފުވެރި ފަނޑިޔާރުގެއެއްކަން މިއަދު ރާއްޖޭގެ ވެރިކަމަށް ބަލައިލުމުން އެނގިގެންދާނެއެވެ. ހަމަގައިމުވެސް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވެރިކަމުން ބޭލުވީ އެމަނިކުފާނަށް ގައުމު ތަރައްގީ ނުކޮށްދެވޭތީއެއް ނޫނެވެ. ފަނޑިޔާރުގެއަށް "އަތްބާނާ" ކަމަށް އެތައް ބަޔަކު ތުހުމަތު ކުރެވި އެކަމުގެ ސަބަބުން ފަނޑިޔާރުގެތަކުން އިންސާފުވެރި އަދި އަދުލުވެރި ހުކުމްތައް ނުކުރާ ކަމުގެ ތުހުމަތުގައެވެ.
ރައްޔިތުން މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް ވިދާޅުވީ ޝަރުއީ ދާއިރާ އަށް ނުފޫޒު ފޯރުވަނީ ވަކި ބައެއް ނޫން ކަމަށާއި އެ ދާއިރާ އަށް އެންމެން ވެސް ނުފޫޒު ފޯރުވާ ކަމަށެވެ. އޭނާ ވިދާޅުވީ ޝަރުއީ ދާއިރާއާ މެދު ރައްޔިތުންގެ އިތުބާރު ގެއްލުނީ ކޮން ސަބަބަކާއި ހެދިތޯ ބަލަންޖެހޭ ކަމަށެވެ.
އޭނާ ވިދާޅުވި ގޮތުގައި ޝަރުއީ ދާއިރާ އަށް ނުފޫޒު ވަންނަމުން ދަނީ ހަމައެކަނި ވިޔަފާރިވެރިންނާއި ސިޔާސީ ގޮތުން ތަފާތު ފިކުރުގެ މީހުންގެ ފަރާތުން އެކަންޏެއް ނޫނެވެ. އެއީ ސަރުކާރުން ނުވަތަ އިދިކޮޅު ފަރާތްތަކުން ކުރާ ކަމެއްގެ ގޮތުގައި ވެސް ނިންމާލައިގެން ނުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"މި ހުރިހާ ފަރާތްތަކެއްގެ ނުފޫޒު ފޯރުވަމުންދޭ. މަހުޖަނުން، ވިޔަފާރިވެރިން، ފައިސާވެރިންގެ ނުފޫޒު ވެސް ފޯރާ،" އާދަމް ޝަރީފް ވިދާޅުވި އެވެ.
މި ގައުމުގައި ވިޔަފާރިވެރިންގެ ތެރެއިން ގިނަބަޔަކު ވެސް ގުޅިލާމެހިފައި ގިނަ ފަހަރު އޮންނަނީ ކޮންމެވެސް ސިޔާސީ ބޭފުޅަކަށް ނުވަތަ ސިޔާސީ ޕާޓީއަކަށް ހަރަދު ކުރާ ބައެއްގެ ގޮތުގައެވެ. މިބައިމީހުން ބޭނުން ގޮތަކަށް ހުކުމެއް ނުކުރާ ކަމަށްވާ ނަމަ އެ ފަނޑިޔާރަކަށް ކަންވާ ގޮތް މާޒީގެ ސޮފްހާތައް ބަލާލުމުން ހާމަވެގެން ދާނެއެވެ.
ކްރީގްލާގެ ރިޕޯޓުން ޝަރުއީ ދާއިރާ އޮތީ ކަންބޮޑުވާ ހާލަތެއްގައިކަން ހާމަވޭ:
މިއީ މުޅި ޝަރުއީ ދާއިރާގެ އޮޑިޓެއް ހެދުމަށް އެޓާނީ ޖެނެރަލްގެ އޮފީހުން އައްޔަންކުރި ކޮންސަލްޓަންޓް، ދެކުނު އެފްރިކާގެ ރިޓަޔަޑް ޖަސްޓިސް ޔޮހާން ކްރީގްލާގެ ރާއްޖޭގެ ޝަރުއީ ދާއިރާ ދިރާސާ ކުރެއްވުމަށްފަހު އެކުލަވާލި ރިޕޯޓު ކިޔައިފި ދިވެއްސަކު ލޮލުން ކަރުނަ އަޅާނެއެވެ. ސަބަބުތައް ކިތަންމެހާ ވެސް ބައިވަރެވެ. ދިވެހިރާއްޖޭގެ އެންމެ މަތީ ކޯޓާއި އަދި މުޅި ޝަރުއީ ނިޒާމު އޮތް ހާލަތާއި މެދު ވިސްނާލާފައެވެ.
އެ ރިޕޯޓުގައި މުޅި ޝަރުއީ ނިޒާމު އޮތީ ގަޑުބަޑުވެފައިކަން ހާމަވެއެވެ. އެއީ ހަމަ ހުރެފައިވީ ކަމެއް ނޫނެވެ. ކުރިން ދެންނެވި ފަދަ ސިޔާސީ އެތައް ބަޔަކާއި ވިޔަފާރިވެރިންގެ ނޫޓުތަކުގެ އަވާގައި ޖެހިގެންނެވެ.
އެ ރިޕޯޓުގައި ކްރީގްލާ ވިދާޅުވެފައި ވަނީ ފާއިތުވެގެން ދިޔަ 10 ވަރަކަށް އަހަރުގެ ތެރޭގައި ސުޕްރީމް ކޯޓުން ގާނޫނާއި ހިލާފު އެތައް އަމަލެއް ކޮށްފައިވާ ކަމަށެވެ. އަދި އެކޯޓަކީ ރާއްޖޭގެ ޑިމޮކްރަސީއަށް އޮތް ބިރެއްގެ ގޮތުގައި ކްރީގްލާގެ ރިޕޯޓުގައި ވަނީ ސިފަ ކޮށްފައެވެ.
އެ ރިޕޯޓުގައި ޝަރުއީ ދާއިރާއަށް ރާއްޖޭގެ ރައްޔިތުން އިތުބާރު ނުކުރާ އަދި އިތުބާރު ގެއްލިފައިވާ ވެސް އެންމެ ބޮޑު ސަބަބަކީ ސުޕްރީމް ކޯޓު ކަމަށް ވަނީ ބުނެފައެވެ. އަދި ސިޔާސީ އެތަކެއް ކަމެއް ކުރުމަށް ވެރިކަމުގައި އޭރު ހުންނަވާ ފަރާތްތަކުން ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބޭނުން ހިފާ ކަމަށް ރިޕޯޓުގައި ބަޔާންކޮށްފައިވެއެވެ.
ދާންދޫ ދާއިރާގެ މެންބަރު އަބްދުﷲ ޔައުގޫބު ވިދާޅުވީ ކުރުގޮތަކަށް ދަންނަވާ ކަމަށްވާ ނަމަ ވަގުތު ބޭކާރު ނުކޮށް ހުރިހާ ފަނޑިޔާރުން ބޭރުން ކުރަންވެއްޖެ ކަމަށެވެ.
ޔައުގޫބް ވިދާޅުވީ މީގެ އެތައް އަހަރެއް ކުރިން ރައްޔިތުން ފަނޑިޔާރުންނާ ބެހޭ އެތައް ރިޕޯޓެއް ހަދައި މެމްބަރުންނާ ހަވާލުކޮށްފައިވާ ކަމަށެވެ. އޭގައިވާ ގޮތުން ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނާ ބެހޭ ގޮތުން އިތުރު ތަހުގީގެއް ކުރަން ނުޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ. އޭނާ ވިދާޅުވި ގޮތުގައި ރައްޔިތުންގެ ގިނަ ބަޔަކު، އެމްޑީޕީގެ މެމްބަރުން ހޮވީ ވެސް ފަނޑިޔާރުން ވަކިކުރާށެވެ.
"ރައްޔިތުން ކުރާ ޝަކުވާއަކީ އިތުރު ރިޕޯޓުތަކެއް ހެދުމެއް ނޫން. ކުރާ ޝަކުވާއަކީ ފަނޑިޔާރުން މިހިނދުން މިހިނދަށް ވަކިކޮށް އެެތަން އިސްލާހު ކުރަން،" ޔައުގޫބް ވިދާޅުވި އެވެ.
ޔައުގޫބް ވަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ވަކިކުރަން އުޅޭތޯ ސުވާލު އުފައްދަވައިފަ އެވެ. އަދި ފަނޑިޔާރުގެ އިސްލާހު ކުރުމުގެ ޕްލޭނަކީ ކޮބައިތޯ ވެސް އޭނާ ސުވާލު ކުރެއްވި އެވެ.
"އަޅުގަނޑަކީ ފެށުނީއްސުރެ މި ސުވާލު ކުރަމުން އަންނަ މީހެއް. އަދި އަދާ ހަމައަށް އަޅުގަނޑަކަށް ނޭނގެ ފަނޑިޔާރުގެ އިސްލާހު ކުރަން އަޅުގަނޑުމެންގެ ޕްލޭނަކީ ކޮބައިކަމެއް،" ޔައުގޫބް ވިދާޅުވި އެވެ.
މުޅި ސުޕްރީމް ކޯޓުވެސް އޮތީ ފެއިލްވެފައި: މެމްބަރުން
ހެންވޭރު ހުޅަނގު ދާއިރާގެ އެމްޑީޕީގެ މެމްބަރު ހަސަން ލަތީފް ވިދާޅުވީ ޖޭއެސްސީގެ މެމްބަރުން ޖުޑިޝަރީ ކޮމިޓީގައި ދެއްކެވި ވާހަކަތަކަކީ ބިރުން "ފިއްކަނޑައިގެންދާ" ފަދަ ވާހަކަތަކެއް ކަމަށެވެ. އަދި އެންމެ ކަންބޮޑުވެވަޑައިގެންނެވީ ފަނޑިޔާރުންގެ ސުލޫކީ މައްސަލަ އާއި ފަނޑިޔާރުންގެ ފެންވަރު ޖޭއެސްސީން ބެލުމަށް ސުޕްރީމް ކޯޓުން ހުރަސް އަޅާތީ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ހަސަން ވިދާޅުވި ގޮތުގައި ގާނޫނުއަސާސީގައި އެންމެ ފަހު ބަސް ބުނުމުގެ ފުރުސަތު އޮންނަނީ ސުޕްރީމް ކޯޓަށް ކަމަށް ބުނި ކަމުގައިވިޔަސް، އެ ކަން ކުރަން އޮންނަނީ ވަރަށް މަދު ދާއިރާއެއްގަ އެވެ. އެއީ ގާނޫނުއަސާސީ އާއި ގާނޫނު މާނަކުރުމާއި ޝަރީއަތުން ބަލާ މައްސަލަތަކުގައި އެކަނި ކަމަށް އޭނާ ވިދާޅުވި އެވެ.
"އެއީ ދުނިޔޭގައި ލެއްވިހާ ކަމެއްގައި ފަހު ބަސް ބުނާ ތަނެއް ނޫން. މި މަފްހޫމް އޮޅުވާލައިގެން ގާނޫނުއަސާސީގެ ނިޒާމު ގަޑުބަޑުކުރާ ސުޕްރީމް ކޯޓެއްގެ ވާހަކަ މި ދައްކަނީ،" ހަސަން ލަތީފް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މަޖިލިހާއި ޖޭއެސްސީން ކުރާ ކަންކަން ހުއްޓުވުމުގެ ބާރު ސުޕްރީމް ކޯޓަށް ލިބިގެން ނުވާ ކަމަށާއި އެއީ ގާނޫނުއަސާސީ ދަންނަ ކަމެއް ވެސް ނޫން ކަމަށެވެ.
ބިލެތްދޫ ދާއިރާގެ މެމްބަރު އަހުމަދު ހަލީމް (ދޮންބިލެތް) ވިދާޅުވި ގޮތުގައި ރާއްޖޭގެ ގިނަ ރައްޔިތުން ފަނޑިޔާރުގެއަކަށް އިތުބާރެއް ނުކުރެ އެވެ. ފަނޑިޔާރުގެއަށް ރައްޔިތުން އިތުބާރު ނުކުރަނީ ސުޕްރީމް ކޯޓުން އަޖައިބުވާ ކަހަލަ ހުކުމްތަކެއް ނެރޭތީ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އެއް ދުވަހު ނެރޭ ހުކުމެއް އަނެއް ދުވަހު ހަމަ ބާތިލްކޮށް މުޅިން އެހެން ގޮތަކަށް އެބަ ނިންމާ. އަޅުގަނޑުމެންނަށް ފެނިގެން ދިޔައީ ސުޕްރީމް ކޯޓަކީ، ފަނޑިޔާރުގެތަކަކީ ބާރުގަދަ ވިޔަފާރިވެރިންތަކެއް ނޫނީ ނުފޫޒު ހުރި ފަރާތްތަކެއްގެ ބާރުގައި، މުށު ތެރޭގައި ވެފައިވާ ތަން،" އަހުމަދު ވިދާޅުވި އެވެ.
މާފަންނު އުތުރު ދާއިރާގެ އެމްޑީޕީގެ މެމްބަރު އިމްތިޔާޒް ފަހުމީ (އިންތި) ވިދާޅުވީ ރައްޔިތުން މަޖިލިހުގެ ބޮޑު އަޣުލަބިއްޔަތެއް އެމްޑީޕީ އަށް ދިނީ ފަނޑިޔާރުގެ ސާފުކުރަން ކަމަށެވެ. އަދި ރާއްޖޭގެ ރައްޔިތުންނަށް ހައްގުވާ އިންސާފު ލިބެން ޖެހޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ކުރިންސުރެ ވެސް ޝަރުއީ ނިޒާމުގެ މައްސަލަތަކާ މެދު ފާޅުގައި ވާހަކަ ދައްކަވަމުން ގެންދެވި އިންތި ވިދާޅުވީ ސުޕްރީމް ކޯޓުން ނިންމާ ޣައިރު ގާނޫނީ ނިންމުންތަކަށް މަޖިލިހުން ބޯލަނބާ ނަމަ، އެ ވެވެނީ ރައްޔިތުންނަށް ހިޔާނާތް ކަމަށެވެ. ސުޕްރީމް ކޯޓުން ނިންމާ މައްސަލަތަކުން ދުސްތޫރީ ނިޒާމެއް އެއް ފުށުން އަނެއް ފުށަށް ޖަހާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އެހެންވެ އަވަސް ފުރުސަތެއްގެ ތެރޭގައި ޖުޑިޝަރީ އިސްލާހުކޮށް ރައްޔިތުންނަށް ބޭނުންވާ ހައްގު ހޯދައިދޭން ޖެހޭ،" އިންތި ވިދާޅުވި އެވެ.
ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އެދިވަޑައިގަތީ އެމަނިކުފާނުގެ ޕާޓީ އަށް ރައްޔިތުންގެ މަޖިލީހުގެ އަޣްލަބިއްޔަތު ލިބުމަށެވެ. ރައްޔިތުން އެ އޮތީ އެ ޕާޓީ އަށް ބޮޑު އަޣްލަބިއްޔަތެއް ދީފަ އެވެ. ރައްޔިތުންގެ އެންމެ ބޮޑު އެދުމަކަށް ވެފައި އޮތީ ޝަރުޢީ ދާއިރާ އިޞްލާހު ކުރުމެވެ. އެކަން ކުރެވޭނީ މަޖިލީހަށެވެ. އެކަން ކުރުމުގެ ބާރު މިހާރު މަޖިލީހުގައި އެބަ އޮތެވެ.
ސަރުކާރުން އަންނަނީ ޝަރުއީ ދާއިރާ އިސްލާހު ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. މި ކަމަކީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ވެރިކަމަށް ވަޑައިގަތުމަށް ރައްޔިތުން ގާތު ވީ މުހިއްމު ވައުދެކެވެ. ޝަރުއީ ދާއިރާ އިސްލާހު ކުރުމަށް ޕެރެލައިޒް ވެފައި އޮތް މަޖިލިސް ކުއްލިއަކަށް އެކްޓިވް ވެއްޖެއެވެ. ހާއްސަ ކޮމެޓީތައް ހަދާ މަސައްކަތް ކުރަނީ ވަރަށް ބާރު ސްޕީޑުގައެވެ. މިއީ އުފާވެރި މަންޒަރުތަކެކެވެ. ނަމަވެސް ކިތަންމެ ވަރަކަށް މަސައްކަތް ކުރި ނަމަވެސް ޝަރުއީ ދާއިރާގެ ވަރަތައް ކޮށާލި ސިޔާސީ ވެރިންގެ އަތްދަށުން އެ ދާއިރާ ސަލާމަތް ކުރެވޭނެތޯ މިއީ އެންމެ ބޮޑު ސުވާލެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް