މާރާމާރީއާއި ގޭންގުކުށްތައް އިންތިހާއަށް އިތުރުވެ ތޫނު ހަތިޔާރުން ހަމަލާދީ މީހުން މެރުން ހައްދުން ނައްޓާފައިވާއިރު މި އަހަރުގެ ޖުލައި މަހުން ފެށިގެން މިފަދަ މައްސަލަތަކުގައި ޖުމްލަ 50 މީހުން ހައްޔަރުކޮށްފައިވާކަމަށް ފުލުހުން ވަނީ ރޭގައި ހާމަކޮށްފަ އެވެ.
ނަމަވެސް އެ އަދަދުގެ ތެރެއިން މިހާރު ފުލުހުންގެ ބެލުމުގެ ދަށުގައި ތިބި މީހުންގެ އަދަދު ހާމަކުރަން ފުލުހުން ދެކޮޅު ހަދައިފި އެވެ.
ރޭގެ ނޫސްބަޔާން ނޫސްވެރިންނާއި ހިއްސާ ކުރުމުން، މިހާރު ފުލުހުންގެ ބެލުމުގެ ދަށުގައި ތިބި މީހުންގެ އަދަދަކީ ކޮބައިތޯ، އެހުމުން ފުލުހުން ބުނެފައިވަނީ "މަރުގެ މައްސަލަތަކުގެ ތަހުގީގާ ގުޅިގެން މިވަގުތު އިތުރު މައުލޫމާތު ހިއްސާ ކުރެވުން ނެތްވާހަކަ ދަންނަވާ" ކަމަށެވެ.
ފުލުހުން ރޭ ނެރުނު ބަޔާނުގައި ބުނެފައިވަނީ މި އަހަރުގެ ޖުލައިމަހުން ފެށިގެން ހުނގަމުންދާ މާރާމާރީއާއި ރޭވިގެން ހިންގާ ކުށްތައް، ހާއްސަކޮށް ތޫނު އެއްޗެހި ބޭނުންކޮށްގެން މާރާމާރީ ހިންގާ މީހުން މެރުމުގެ މައްސަލަތައް ހުއްޓުވުމަށްޓަކައި ހާއްސަ މަސައްކަތްތަކެއް މިދަނީ ކުރަމުން، މި މައްސަލަތަކުގެ ތަހުގީގަށް މިހާތަނަށް 50 މީހުން ހައްޔަރުކޮށށް، އޭގެ ތެރެއިން ބައެއް މީޙުންގެ ޝަރީއަތް ފެށިގެން ކުރިއަށްދާކަން ފާހަގަ ކުރާ ކަމަށެވެ. އަދި މި މީހުންގެ ތެރޭގައި މާރާމާރީ ހިންގައި މީހުން މެރުމުގައި އަމަލީ ގޮތުން ބައިވެރިވެފައިވާ މީހުން ހިމެނޭއިރު މި އެންމެންވެސް ހައްޔަރުކޮށްފައިވަނީ ކުށް ސާބިތު ކުރުމަށް ބޭނުންވާ ހެއްކާ ގަރީރާތަކާއެކުކަންވެސް ފާހަގަކުރާ ކަމަށެވެ.
ފުލުހުން މިހެން ބުނެފައިވާއިރު ގޭންގް ކުށްތައް ހުއްޓުވުމުގައި ދައުލަތް ފެއިލްވެފައިވާކަމަށް ގިނަ ބަޔަކު އަންނަނީ ބުނަމުންނެވެ.
އޭގެ އެއް ސަބަބެއް ކަމަށް ބެލެވެނީ ޓެގް އަޅުވާ ވާހަކަ ދައްކާފައި އެކަންވެސް އަދިވެސް ވަކި ކޮޅެއްގައި ޖެހިފައި ނެތުމެވެ. ފުލުހުން ކުރިން ބުނީ 16 މީހެއްގެ ފައިގާ ޓެގް އަޅުވަން އެދިފައިވާނެ ކަމަށެވެ. ހާރިސް މަރާލި ރޭ ޕީއެސްއެމްއަށް އިންޓަވިއު ދެއްވަމުން ހޯމް މިނިސްޓަރު އަޒްލީން ވިދާޅިވީ 21 މީހެއްގެ ފައިގާ ޓެގް އަޅުވަން އެދިފައިވާނެ ކަމަށެވެ. ދެތިން ދުވަސް ފަހުން މޮނިކޮން ކޮމިޓީން ނިންމީ ނުވަ މީހެއްގެ ފައިގާ ޓެގް އެޅުވުމަށެވެ. އަނެއް ދެން ތިބި މީހުންގެ ފައިގާ ޓެގް ނާޅުވާން ނިންމި ސަބަބު އެ ކޮމިޓީން ހާމަކޮށްފައެއްވެސް ނުވެ އެވެ. އަދި މިހާތަނަށް އެންމެ މީހެއްގެ ފައިގާ ޓެގް އެޅުވިކަންވެސް ފުލުހުން ހާމަކޮށްފައެއް ނުވެ އެވެ.
ފުލުހުން ރޭ ނެރުނު ބަޔާން ނިންމާލަމުން ބުނެފައިވަނީ މާރާމާރީއާއި ރޭވިގެން ހިންގާ ކުށްތައް، ހާއްސަކޮށް ތޫނު އެއްޗެހި ބޭނުންކޮށްގެން ނުރައްކާތެރި ޖަރީމާތައް ހިންގުމަށްފަހު އެއްވެސް ފަރާތަކަށް ފިލާ ނުތިބެވޭނެކަމާއި މިފަދަ ނުރައްކާތެރި އަމަލުތައް ހިންގާ ފަރާތްތައް ހޯދައި، އެފަރާތްތަކުގެ މައްޗަށް ހިންގަންޖެހޭ ތަހުގީގުތައް ހިންގައި ޝަރީއަތަށް ހުށަހަޅާނެކަން، މިފަދަ ނުރައްކާތެރި ކުށްތައް ކުރާ ފަރާތްތަކަށް އަންގާ ކަމަށެވެ. އަދި މިފަދަ މައްސަލަތައް ތަހުގީގުކުރުމުގައި ވަކި ފަރާތަކަށް ނުޖެހި ސާބިތުކަންމަތީ ފުލުހުން ދެމިތިބޭނެކަމުގެ ޔަގީންކަން ދިވެހި އެންމެހާ ރައްޔިތުންނަށް އަރުވާކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް