އުތުރު ކޮރެއާގެ މައްސަލައިގައި ހުރިހާ ފަރާތަކުން ވެސް ހަމަޖެހުމަށް ޗައިނާ އަދި ރަޝިޔާއިން ގޮވާލައިފިއެވެ.
ރަޝިޔާއާއި ޗައިނާއިން މިހެން ގޮވާލައިފައިމިވަނީ، އުތުރު ކޮރެއާގެ މައްސަލަ ވާހަކަ ދައްކައިގެން ހައްލުނުވާނެ ކަމަށާއި އެގައުމު މައިތިރި ކުރެވޭނީ އެންމެ ގޮތަކުންކަމަށް އެމެރިކާގެ ރަޢީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެފައިވާ ދަނޑިވަޅެއްގައެވެ. ބެލެވޭ ގޮތުގައި ޓްރަމްޕް އެންމެ ގޮތެއްގެ ގޮތުގައި މާނަކުރަނީ އަސްކަރީ ހަމަލާ ދިނުމުގެ ގޮތުގައެވެ.
ރަޝިޔާގެ ކްރިމްލިންގެ ތަރުޖަމާނު މީޑިޔާއަށް މައުލޫމާތު ދެއްވަމުން ވިދާޅުވެފައިވަނީ އުތުރު ކޮރެއާގެ ހޫނުވެފައިވާ މަޝްރަހު އިތުރަށް ގޯސްވެދާނެފަދަ އެއްވެސް ކަމެއް އެއްވެސް ފަރާތަކުން ނުކުރުމަށް ރަޝިޔާއިން ގޮވާލާކަމަށެވެ. ޗައިނާގެ ދާހިލީ ވުޒާރާގެ ސްޕޯކްސްމަން ވިދާޅުވެފައިވަނީ އުތުރު ކޮރެއާގެ މައްސަލައަކީ ހޫނު އަދި އުނދަގޫ މައްސަލައެއް ކަމަށާއި، މައްސަލައިގައި ޝާމިލްވާ ހުރިހާ ފަރާތަކުންވެސް ހަމަޖެހިގެން ކުރިއަށް ދިޔުމަށް އެގައުމުން ގޮވާލާކަމަށެވެ.
އުތުރު ކޮރެއާގެ މައްސަލަ ހޫނުވެފައި މިވަނީ ފާއިތުވި ހަފްތާތަކުގައި އެގައުމުން ތަޖުރިބާކުރި ދުރު ރާސްތާގެ މިސައިލްތަކާއި ނިއުކްލިއާ ޓެސްޓްގެ ސަބަބުންނެވެ. މި ހުރިހާ ތަޖުރިބާއެއްވެސް އެގައުމުން ކޮށްފައިވަނީ އދ ގެ ގަރާރުތަކާޢި ހިލާފަށެވެ. އުތުރު ކޮރެއާއިން މަސައްކަތް ކުރަމުން ދަނީ އެމެރިކާއަށް ފޮނުވާލެވޭ ފެންވަރުގެ ނިއުކްލިއާ މިސައިލެއް އީޖާދުކުރުމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް