މުހައްމަދު އަމީން -- ފޮޓޯ: ރައީސް އޮފީސް
ފަތުރުވެރިކަމުގެ ބޭނުމަށް ކުއްޔަށް ދޫކޮށް ތަރައްޤީގެ އެއްވެސް މަސައްކަތެއް ނުކޮށް އަށް އަހަރު ފާއިތުވެ ނުދައްކައި ހުރި ކުއްޔާއި ޖޫރިމަނާ 10 މިލިއަން ޑޮލަރަށް ވުރެ މައްޗަށް ގޮސްފައިވާ ތަންތަނުގެ އެއްބަސްވުން އިތުރު ފުރުސަތެއް ނުދީ ބާތިލުކުރެވޭ ގޮތަށް ޓޫރިޒަމް މިނިސްޓްރީން މިއަދު ގަވައިދެއް ގެޒެޓުކޮށް ޢަމަލުކުރަން ފަށައިފިއެވެ.
މި ގަވައިދުގެ ދަށުން ސީދާ އެއްބަސްވުން ބާތިލުކުރެވޭ ހާލަތްތަކުގެ ތެރޭގައި ގްރޭސް ޕީރިއަޑު ހަމަވީ ފަހުން ކޮންސްޓްރަކްޝަން ޕީރިއަޑު 60 މަހަށް ވުރެ ގިނަ ދުވަހަށް ދިގުކޮށްފައިވާ ތަންތަނާއި ކުލީގެ މުއްދަތުން އަށް އަހަރު ފާއިތުވެ ތަރައްޤީގެ މަސައްކަތުގެ 15 އިންސައްތައަށް ވުރެ ދަށުގައި އޮތް ތަންތަން ހިމެނެއެވެ.
ގްރޭސް ޕީރިއަޑު ހަމަވެ މުއްދަތު އިތުރުނުކޮށް ހުރި އެހެން ނަމަވެސް ކުލީގެ މުއްދަތުން އަށް އަހަރު ހަމަނުވާ ތަންތަނަށް މި ގަވައިދުން އެއް ފުރުސަތު ދެއެވެ. އެ ފުރުސަތުގައި ލިބޭ މުއްދަތުގެ ތެރޭގައި ތަން ތަރައްޤީކޮށް ޚިދުމަތް ފަށައިގެން ނުވާ ނަމަ އެއްބަސްވުން ބާތިލުކުރެވޭނެ ކަމަށް ގަވައިދުގައިވެއެވެ.
އަދި އަށް އަހަރު ވެފައިވާ ތަންތަނުގެ ތެރެއިން ކޮންސްޓްރަކްޝަން ޕީރިއަޑު ބާކީ އޮތް އަދި މަސައްކަތް ހިނގަމުންދާ ތަންތަނުގައި އެކަށީގެންވާ ދުވެއްޔެއް ނެތް ނަމަ ނުވަތަ މަސައްކަތް ހުއްޓިފައި ވާ ނަމަ ފިޔަވަޅު އެޅުމުގެ ބާރު ވުޒާރާއަށް ލިބިދެއެވެ. މީގެ އިތުރުން ބާތިލުކުރެވޭ ތަންތަނާ ގުޅިގެން އަރައިފައި ހުރި ކުއްޔާއި ޖޫރިމަނާގެ ފައިސާ ދައުލަތަށް ދައްކަން ޖެހޭނެ ކަމަށް ވެސް ގަވައިދު ބުނެއެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޓޫރިޒަމް މިނިސްޓަރު މުޙައްމަދު އަމީން ވިދާޅުވީ ފަތުރުވެރިކަމުގެ ބޭނުންތަކަށް ދޫކޮށް ތަރައްޤީ ނުނިމި ގިނަ ދުވަސް ވެފައިވާ 168 ތަނެއް އެބައޮތް ކަމަށާއި އޭގެ ތެރޭގައި 25 އަހަރު ފާއިތުވެފައިވާ ރަށްތައް ވެސް ހިމެނޭ ކަމަށެވެ. ތަރައްޤީ ނުކޮށް ހުރި ތަންތަނުން ދައުލަތަށް ލިބެންޖެހޭ 537 މިލިއަން ޑޮލަރު ނުލިބި ހުރި ކަމަށް ވެސް އެ ވުޒާރާއިން ވަނީ ހާމަކޮށްފައެވެ.
ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން ރާއްޖޭގައި މިހާރު 179 ރިސޯޓު ހިންގައެވެ. ދައުލަތުގެ އާމްދަނީގެ ބޮޑު ބައެއް ބިނާވެފައި ވަނީ ފަތުރުވެރިކަމުގެ ދާއިރާއިން ނަގާ ޓީޖީއެސްޓީއަށް ކަމަށް ވާ އިރު ފިނޭންސް ވުޒާރާގެ ހިސާބުތައް ދައްކާ ގޮތުން މިދިޔަ މަހުގެ 27 ވަނަ ދުވަހުގެ ނިޔަލަށް މުދަލާއި ޚިދުމަތުން ނެގި ޓެކުހުގެ ޖުމްލަ 11 ބިލިއަން ރުފިޔާއަށް އަރާ އިރު އޭގެ ތެރެއިން ހަތް ބިލިއަން ރުފިޔާ އަކީ ޓީޖީއެސްޓީއެވެ.
ރިސޯޓުތަކުން ޑޮލަރު ޤައުމުގައި ހިފެހެއްޓުމަށްޓަކައި ސަރުކާރުން ވަނީ ރިސޯޓުތަކުގެ އާމްދަނީގެ ވަކި ނިސްބަތެއް މާރުކުރަން ލާޒިމުކުރާ ގާނޫނެއް ތަންފީޒުކޮށް ފުރަތަމަ %20 ގައި ކަނޑައެޅި ނިސްބަތް މިދިޔަ މަހު %40 އަށް އިތުރުކޮށްފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް