ޓޫރިޒަމް މިނިސްޓަރު މުހައްމަދު އަމީން -- ފޮޓޯ: ރައީސް އޮފީސް
ރިސޯޓުކުގެ ކުއްޔާއި ޖޫރިމަނާގެ ގޮތުގައި ދައުލަތަށް ލިބެންޖެހޭ 97 މިލިއަން ޑޮލަރު ނުލިބި ހުރި ކަމަށާއި އެ ފައިސާ ހޯދުމުގެ މަސައްކަތް ބާރު ސްޕީޑުގައި ކުރިއަށްދާ ކަމަށް ޓޫރިޒަމް މިނިސްޓަރު މުޙައްމަދު އަމީން މިއަދު ވިދާޅުވެއްޖެއެވެ.
ރައީސް އޮފީހުގައި އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ފާހަގަކުރެއްވީ ފަތުރުވެރިކަމުގެ ދާއިރާގެ ގިނަ ބައެއް ޤާނޫނާ އެއްގޮތަށް ކުއްޔާއި ޓެކްސް ދައްކަމުންދާ ކަމަށެވެ. އެހެންނަމަވެސް މަދު ބައެއްގެ ސަބަބުން ދައުލަތަށް ލިބެންޖެހޭ ބޮޑު އަދަދެއް ނުލިބި ހުރި ކަމަށް ވިދާޅުވިއެވެ.
ކުލި ނުދައްކައި ތިބި ފަރާތްތަކުގެ ތެރޭގައި މިހާރު ވެސް ހިންގަމުންދާ ރިސޯޓުތަކާއި އެކި ސަބަބުތަކާ ހުރެ ވުޒާރާގެ ހުއްދައެއް ނެތި ބަންދުކޮށްފައިވާ ތަންތަން ހިމެނޭ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
މީގެ ތެރޭގައި 2013 ވަނަ އަހަރުން ފެށިގެން އެއްވެސް މިންވަރަކަށް ކުލި ނުދައްކައި ތިބި ކުންފުނިތައް ވެސް ހިމެނޭ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އެ ފައިސާ ހޯދުމަށް ފެށި މަސައްކަތުގައި އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ތައްޔާރަށް ތިބި ކަމުގެ ޔަޤީންކަން ވެސް ދެއްވިއެވެ.
"ވަރަށް ރަނގަޅު ކުރިއެރުންތަކެއް ވެސް ލިބިއްޖެ. އަޅުގަނޑުމެން އެ މީހުންނާ ދޭތެރޭ އަޅާ ފިޔަވަޅުތައް އެ އުސޫލުގެ ތެރެއިން ފިޔަވަޅު އެޅުމުގެ ނިޒާމެއް ގާއިމްކޮށް އެ ބޭފުޅުންނާ ވާހަކަ ދައްކައިގެން މި ރިކަވާ ކުރުމުގެ ކަންތައްތަކެއް އެބަދޭ" އެމަނިކުފާނު ވިދާޅުވިއެވެ.
މިދިޔަ އަހަރު އޮޑިޓާ ޖެނެރަލްގެ އޮފީހުން ނެރުނު ރިޕޯޓެއްގައި ފާހަގަކޮށްފައިވާ ގޮތުގައި ރިސޯޓު ކުލީގެ ޖޫރިމަނާ މާފުކޮށްދީ ލުއިތައް ދެމުން ގެންދިއުމަކީ ކުލި ނުދައްކައި ތިބުމަށް ހިތްވަރު ލިބޭ ކަމެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް