ފްރޯޑާއި ފޯޖަރީގެ ތުހުމަތާއި އެކު ޑަބްލިޔުއެޗްއޯގެ މަގާމުން ޝެއިހް ހަސީނާގެ ދަރިކަނބަލުން ސައިމާ އިސްތިއުފާދީފި

ބަންގްލަދޭޝްގެ ކުރީގެ ބޮޑުވަޒީރު ޝެއިޚް ހަސީނާގެ ދަރިކަނބަލުން ސައިމާ ވާޒިދު ދުނިޔޭގެ ޞިއްޙަތު ޖަމިއްޔާ (ޑަބްލިޔުއެޗްއޯ) ގެ ދެކުނު އިރުމަތީ އޭޝިއާ ސަރަޙައްދުގެ ޑައިރެކްޓަރުގެ މަގާމުން މިއަދު އިސްތިއުފ...

10 Sep 2026 | 09:23
ޝެއިހް ހަސީނާ އާއި ސައިމާ --

ޝެއިހް ހަސީނާ އާއި ސައިމާ --

ބަންގްލަދޭޝްގެ ކުރީގެ ބޮޑުވަޒީރު ޝެއިޚް ހަސީނާގެ ދަރިކަނބަލުން ސައިމާ ވާޒިދު ދުނިޔޭގެ ޞިއްޙަތު ޖަމިއްޔާ (ޑަބްލިޔުއެޗްއޯ) ގެ ދެކުނު އިރުމަތީ އޭޝިއާ ސަރަޙައްދުގެ ޑައިރެކްޓަރުގެ މަގާމުން މިއަދު އިސްތިއުފާ ދީފި އެވެ.

ސައިމާ އިސްތިއުފާ ދީފައި މިވަނީ އެ ޖަމިއްޔާ އާއި ބަންގްލަދޭޝް ސަރުކާރުން އޭނާ އާއި ދެކޮޅަށް ކުރިއަށް ގެންދާ ފްރޯޑާއި ފޯޖަރީގެ ތަޙުޤީޤުތަކާ ގުޅިގެން ކަމަށް ރިޕޯޓުތައް ބުނެ އެވެ. އޭނާ ފަސް އަހަރުގެ ދައުރަކަށް ޑަބްލިއުއެޗޯގެ މަގާމަށް އައްޔަން ކުރީ 2024 ވަނަ އަހަރުގެ ކުރީކޮޅެވެ.

ނަމަވެސް އޭނާގެ މަންމާފުޅުގެ ވެރިކަން އެ އަހަރުގެ ވެއްޓުމާއި ގުޅިގެން ބަންގްލަދޭޝްގެ ވަގުތީ ސަރުކާރުގެ ދަށުން ހިންގާ އެންޓި ކޮރަޕްޝަން ކޮމިޝަނުން 2025 ވަނަ އަހަރުގެ މާރިޗު މަހު ސައިމާ ވާޒިދާ ދެކޮޅަށް ފްރޯޑާއި ފޯޖަރީގެ ދައުވާ އުފުލިއެވެ. އެއަށްފަހު ޖުލައި 2025 ގައި ޑަބްލިޔުއެޗްއޯ އިން ސައިމާ ޗުއްޓީއަށް ފޮނުވައި ފަހުން މުސާރަ ނުލިބޭ ގޮތަށް އެޑްމިނިސްޓްރޭޓިވް ލީވެއް ދިނެވެ.

މި ނިންމުމާއި ގުޅިގެން ސައިމާ ވަނީ އޭނާ އާއި ގުޅޭގޮތުން ޑަބްލިއުއެޗްއޯއިން ބަލަމުންދާ މައްސަލަތަކަށް ޖަވާބުދާރީވެ ވަކީލުން މެދުވެރިކޮށް ސިޓީއެއް ފޮނުވާފައި އެވެ. އެ ސިޓީގައި ބުނެފައިވަނީ ސައިމާ ޗައިނާ އަށް ކުރި ދަތުރަކާއި ގުޅިގެން މާލީ ފްރޯޑު ހިންގި ކަމަށާއި ތަޢުލީމީ ފެންވަރާ ގުޅޭ ގޮތުން ދޮގު މަޢުލޫމާތު ހުށަހެޅި ކަމަށް ޑަބްލިޔުއެޗްއޯ އިން ކުރާ ތުހުމަތުތަކުގައި އަސާސެއް ނެތް ކަމަށެވެ.

އެގޮތުން ދަތުރު ހަރަދާ ގުޅޭ ކަންތައް ހިނގީ އެހީތެރިއެއް ރީއިންބާސްމެންޓް ޕްރޮސެސް ކުރުމުގައި ހެދި އެޑްމިނިސްޓްރޭޓިވް ކުށެއްގެ ސަބަބުން ކަމަށާއި އެއީ 901 ޑޮލަރުގެ ކަމެއް ކަމަށް ވަކީލުން މެދުވެރިކޮށް ބުނެފައިވެއެވެ. ތަޢުލީމީ ފެންވަރާ ގުޅޭ ގޮތުން ސައިމާ ބުނީ ބަންގްލަދޭޝްގައި އޯޓިޒަމާ ގުޅޭ ގޮތުން ކުރި މަސައްކަތުގެ ސަބަބުން ލިބިފައިވާ އޮނަރަރީ ޑޮކްޓަރޭޓެއް ކަން ޑަބްލިޔުއެޗްއޯގެ ވެރިޔާ ޓެޑްރޯސް އަށް ކުރިން ސާފުކޮށްދީފައިވާނެ ކަމަށެވެ.

ބަންގްލަދޭޝުން ބިމެއް ގާނޫނާ ޚިލާފަށް ހޯދި ކަމުގެ ތުހުމަތާ ގުޅޭ ގޮތުން ސައިމާ ބުނީ ޑަބްލިޔުއެޗްއޯ އާ ގުޅުމުގެ ކުރިން ލިބުނު ބިމެއް ކަމަށެވެ. ނަމަވެސް އޭނާ ގަބޫލު ކުރާ ގޮތުގައި އެފަދަ ބިމެއް ލިބުމަކީ ބަންގްލަދޭޝްގެ މިނިވަންކަމުގެ ބާނީ ޝެއިޚް މުޖީބުއް ރަހުމާނުގެ ޢާއިލާއަށް ޤާނޫނީ ގޮތުން ލިބެންޖެހޭ ޙައްޤެއް ކަމަށް ގަބޫލު ކުރާ ކަމަށް ބުނެފައިވެ އެވެ.

މި ތަފްސީލަށް ފަހު މިއަދު އިސްތިއުފާދީ ފޮނުވި ސިޓީގައި ބުނެފައިވަނީ އޭނާ ޑަބްލިއުއެޗްއޯގެ ވަޒީފާ އަދާ ކުރީ އިހްލާސްތެރި ކަމާއި އެކު ކަމަށެވެ. ވަޒީފާ އަދާ ކުރުމަށް ހުރަސް އެޅީ އެ ޖަމާއަތުގެ ވެރިން ކަމަށާއި ހުރަސް އެޅުންތަކާއި އެކު ޑަބްލިއުއެޗްއޯ ވެރިންގެ އިތުބާރު ގެއްލިފައިވާ ކަމަށެވެ.

އޭނާ ބުނީ އިސްތިއުފާ ދޭން މަޖުބޫރުވީ މުސާރަ ނުލިބޭގޮތަށް އެޅި ފިޔަވަޅުގެ ސަބަބުން މާލީ ހާލަތު ދަށްވުމުގެ ސަބަބުން ކަމަށެވެ.

ޑަބްލިޔުއެޗްއޯ އިން މިކަމާ ގުޅޭ ގޮތުން އެއްވެސް ކޮމެންޓެއް ކޮށްފައެއް ނުވެއެވެ. އެ ޖަމިއްޔާގެ މެންބަރު ޤައުމުތައް ގުޅިގެން ކުރީން ވެސް ސައިމާ ރަސްމީ ގޮތުން މަޤާމުން ވަކިކުރުމަށް ރާވަމުންދިޔަ ކަމަށް ރޮއިޓާސް އިން ރިޕޯޓުކޮށްފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް