ފޮރިން މިނިސްޓްރީ --
ފަލަސްޠީނު ރައްޔިތުންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ގޮތުން ޔޫރަޕާއި އުތުރު އެމެރިކާގެ ޤައުމުތަކަކުން އިސްތިއުމާރީ އިސްރާއީލާ ދެކޮޅަށް ފިޔަވަޅު އެޅުމާ ގުޅިގެން ދިވެހި ސަރުކާރުން އެ ނިންމުންތަކަށް މަރުޙަބާ ވިދާޅުވެއްޖެއެވެ.
އިނގިރޭސިވިލާތް އިސްވެ އޮވެ ކެނެޑާ އާއި ފަރަންސޭސިވިލާތް ހިމެނޭ ގޮތަށް 14 ޤައުމެއް ބައިވެރިވެގެން ނެރުނު ބަޔާނުގައި ހުޅަނގު އައްސޭރީގައި ޤާއިމުކޮށްފައިވާ ޔަހޫދީ އާބާދީތަކުގައި އުފައްދާ ތަކެތި އެ ތިން ޤައުމަށް އެތެރެކުރުން މަނާކުރުމަށް ނިންމައިފައިވެއެވެ.
ޑެންމާކް ފިންލޭންޑް އައިސްލޭންޑް އަޔަލޭންޑް ނޯވޭ ޕޮލެންޑް ޕޯޗުގަލް ސްޕެއިން އަދި ސްވިޑަންގެ ޚާރިޖީ ވަޒީރުން ވެސް އެ ބަޔާނުގައި ބައިވެރިވެފައިވެއެވެ.
ދިވެހި ސަރުކާރުން ނެރުނު ބަޔާނުގައި ބުނެފައިވަނީ ފަލަސްޠީނުގެ ބިންތައް ފޭރުމާއި ރައްޔިތުން ގަދަކަމުން ގެދޮރުން ބޭރުކުރުމާ ދެކޮޅަށް އެ ޤައުމުތަކުން ނެގި ފިޔަވަޅަށް ވަކިން ޚާއްޞަކޮށް މަރުޙަބާ ކިޔާ ކަމަށެވެ. އެ ނިންމުމަކީ ސަރަޙައްދުގެ ސުލްޙައާއި ހަމަޖެހުމަށާއި ފަލަސްޠީނުގެ ރައްޔިތުންގެ ސަލާމަތާއި ކަރާމާތް ކަށަވަރުކުރުމަށް ބައިނަލްއަޤުވާމީ ފެންވަރުގައި އެޅުނު މުހިންމު ފިޔަވަޅެއް ކަމަށް ވެސް ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.
ހަމައެއާ އެކު ހުޅަނގު އައްސޭރީގައި ޔަހޫދީ އާބާދީތައް ފުޅާކުރުމާ ދެކޮޅަށް ރާއްޖެއިން ގެންގުޅޭ ސިޔާސަތު ސަރުކާރުން އަލުން ތަކުރާރުކޮށްފައިވެއެވެ. ފަލަސްޠީނުގެ ރައްޔިތުންގެ އަމިއްލަ އިޚްތިޔާރުގެ ޙައްޤާއި 1967 ގެ ކުރީގެ ބޯޑަރުތަކުގެ މައްޗަށް ބިނާކޮށް އިރުމަތީ ޤުދުސް ވެރިރަށެއް ކަމުގައި ހިމެނޭ ގޮތަށް މިނިވަން ފަލަސްޠީނު ދައުލަތެއް ޤާއިމުކުރުމަށް ސާބިތުކަމާ އެކު ރާއްޖެ ދެމިއޮންނާނެ ކަމަށް ވެސް ބަޔާނުގައި ބުނެފައިވެއެވެ.
ފާއިތުވި އަހަރުތަކުގައި ޣައްޒާގައި ޔަހޫދީން ހިންގާ ޢަމަލުތަކާއި ހުޅަނގު އައްސޭރީގައި އާބާދީ ފުޅާކުރުމާ ގުޅިގެން އިނގިރޭސިވިލާތާއި އިސްތިއުމާރީ އިސްރާއީލާ ދެމެދު އޮތް ގުޅުން ވަރަށް ބޮޑަށް ހީނަރުވެފައިވެއެވެ. އިނގިރޭސިވިލާތުން 2025 ވަނަ އަހަރު ފަލަސްޠީނަކީ މިނިވަން ދައުލަތެއްގެ ގޮތުގައި ބަލައިގެންފައިވާ އިރު މިދިޔަ ޖޫން މަހު ވެސް ޔަހޫދީ އާބާދީތަކާ ގުޅިގެން އެ ޤައުމުން ފިޔަވަޅުތަކެއް އަޅައިފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް