އެމްޑީޕީން ބޭއްވި ޖަލްސާއެއް -- ފޮޓޯ: އެމްޑީޕީ
ތަނެއް ހަމަނުޖެހުމުން އިދިކޮޅު އެމްޑީޕީގެ ކޮންގްރެސް އަންނަ މަހަށް ފަސް ކޮށްފި އެވެ.
ކުރިން ތާވަލު ކޮށްފައި އޮތީ މިމަހުގެ 19 ވަނަ ދުވަހު އެމްޑީޕީގެ ކޮންގްރެސް ބާއްވާށެވެ. އަންނަ މަހު ކޮންގްރެސް ބާއްވަން މިހާރު ހަމަޖައްސާފައި ވަނީ މާލޭ ސިޓީ ހޯލްގައި އެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެމްޑީޕީގެ ޗެއަރޕަރސަންގެ ނައިބު އިދާރީ އިބްރާޙިމް ވަހީދު ވިދާޅުވީ ކޮންގްރެސް ލަސްވުމާ ގުޅިގެން މި މަހުގެ 20 ވަނަ ދުވަހުން ފެށިގެން އޮންލައިންކޮށް ރަޖިސްޓްރީ ވެވޭނެ ކަމަށެވެ. އޭނާ ވިދާޅުވީ ސެޕްޓެމްބަރު 30 ވަނަ ދުވަހުން ފެށިގެން ފާސް ދޫކުރާނެ ކަމަށެވެ.
ޗެއަރޕަރސަންގެ ނައިބު މާލީ ކުރީގެ ނައިބު ރައީސް މުޙައްމަދު ޝިފާޒް ވިދާޅުވީ ފަސް އަހަރުން އެއް ފަހަރު ބާއްވާ ކޮންގްރެސްއަކީ ޕާޓީއެއްގެ އެންމެ ބޮޑެތި ނިންމުންތައް ނިންމުމުގެ ފުރުޞަތު ލިބޭ މައިދާން ކަމަށެވެ. ކޮންގްރެސް މެދުވެރިކޮށް އަސާސީ ޤަވާއިދަށް އިސްލާޙު ގެނައުމާއި ޕާޓީގެ ކުރިމަގު ކަނޑައެޅުން ފަދަ ނިންމުންތައް ނިންމާނެ ކަމަށް ވިދާޅުވެ މަންދޫބުންނާއި ޑެލިގޭޝަނާ ގުޅޭ ތަފްސީލް ދެތިން ދުވަހެއްގެ ތެރޭގައި ހާމަކުރައްވާނެ ކަމަށް ޝިފާޒް ވިދާޅުވިއެވެ.
ކޮންގްރެސްގެ ތެރެއިން ބާއްވާ އިންވެސްޓްމެންޓް ފޯރަމެއްގައި އެމްޑީޕީ ތަމްސީލުކުރާ ކައުންސިލްތައް ބައިވެރިވާ ގޮތަށް ހަމަޖެހިފައިވާ ކަމަށް ވެސް ޝިފާޒް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ ކައުންސިލްތަކުން ރަށުގައި ކުރިއަށްގެންދާނެ މަޝްރޫޢުތައް ނިމުމުން އެ މަޝްރޫޢުތައް ކުރިއަށް ގެންދާނެ ގޮތެއް ޕާޓީ ތެރޭގައި މަޝްވަރާ ކުރެވޭނެ ކަމަށެވެ.
މިހާރުވެސް 74 ޕްރޮޖެކްޓް އެމްޑީޕީގެ ސެކެޓްރިއެޓާ ކައުނސިލްތަކުން ހިއްސާ ކޮށްފައިވާ ކަމަށާއި 100އަށް ވުރެ ގިނަ ޕްރޮޖެކްޓް ކޮންގްރެސްގައި ޙިއްސާކުރެވޭނެކަމަށް ބެލެވޭ ކަމަށް ވިދާޅުވި އެވެ.
"ރަށްވެހި އުފެއްދުން" ޝިއާރުގެ ދަށުން ބާއްވާ މި ކޮންގްރެސްގައި ކުރީގެ ރައީސް ނަޝީދު ޗެއަރޕަރސަންގެ މަޤާމާ ރަސްމީކޮށް ހަވާލުވެވަޑައިގަތުން ވެސް ކުރިއަށް ދާނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް