ފިލިޕިންސްގެ ފެރީގައި ރޯވެފައި --
ފިލިޕީންސްގެ ޕަލަވާން ޕްރޮވިންސް ކައިރީ ދަތުރުކުރަމުން ދިޔަ ފެރީއެއްގައި ރޭ ހިނގި އަލިފާނުގެ ހާދިސާއެއްގައި ފަސް މީހުން މަރުވެ 87 މީހެއްގެ ޚަބަރެއް ނުވެގެން ހޯދުމުގެ މަސައްކަތް ފަށައިފިއެވެ.
އެ ޤައުމުގެ ކޯސްޓްގާޑާއި ހަވާލާދީ ރިޕޯޓުތައް ބުނާގޮތުގައި އެމް/ވީ ޖޫން އެސްޓާ ނަމަކަށް ކިޔާ މި ފެރީގައި ރޯވީ ބުދަ ދުވަހުގެ ރޭ އައްސޭރިފަށުން ގާތްގަނޑަކަށް 2.2 ކިލޯމީޓަރު ބޭރުން ކަމަށެވެ. ފެރީ ދަތުރުކުރީ މެނީލާ އިން ފުރައިގެން ޕަލަވާން ޕްރޮވިންސްގެ މަޝްހޫރު ފަތުރުވެރިކަމުގެ މަންޒިލެއް ކަމަށްވާ ކޮރޮން އަށް ކަމަށް ރިޕޯޓުތައް ބުނެއެވެ.
މަރުވި ފަސް މީހުންގެ ހަށިގަނޑު ނަގާފައިވާ ކަމަށް ކޯސްޓްގާޑުން ބުނެފައިވެއެވެ. އެ އިދާރާއިން ފޭސްބުކްގައި ޙިއްޞާކުރި ވީޑިއޯ އިން ފެންނަ ގޮތުގައި ފެރީގެ ބޮޑު ބައެއް އޮތީ އަލިފާނުގެ ހުޅުގަނޑު ތެރޭގައެވެ.
މި ހާދިސާގައި މިހާތަނަށް 42 މީހުން ސަލާމަތްކޮށްފައިވެ އެވެ. ސަލާމަތްކުރެވުނު މީހުންގެ ތެރެއިން 38 މީހުންނަކީ ފަސިންޖަރުން ކަމަށާއި ހަތަރު މީހުންނަކީ ފެރީގެ ފަޅުވެރީންނެވެ.
އެ ފެރީން 134 ފަސިންޖަރުންނާއި ފަޅުވެރީން ދަތުރު ކުރި ކަމަށްވެ އެވެ.
7,000 އަށް ވުރެ ގިނަ ރަށް ހިމެނޭ ޖަޒީރާ ޤައުމެއް ކަމަށްވާ ފިލިޕީންސް ގައި ކަނޑު ދަތުރުތަކުގެ ހާދިސާތައް ހިނގުމަކީ ޢާންމު ކަމެކެވެ. މޫސުމީ ވިއްސާރައާއި ތޫފާނުތަކާ ހެދި ނުރައްކާތެރިވާ ކަނޑުގެ ހާލަތާއި އުޅަނދުފަހަރުގެ މަރާމާތު ނުބެލެހެއްޓުމާއި ދަތުރުވެރީން އިތުރުވެ ތޮށްޖެހުން އަދި ސަލާމަތީ ގަވާއިދުތައް ރަނގަޅަށް ތަންފީޒު ނުކުރެވުމަކީ ކުރީގެ ހާދިސާތަކުގެ ސަބަބެއް ކަމަށް ފާހަގަކުރެވިފައިވެއެވެ.
މި އަހަރުގެ ޖެނުއަރީ މަހު ވެސް 350 އަށް ވުރެ ގިނަ މީހުން ތިބި ފެރީއެއް ބަލުކް-ބަލުކް ޖަޒީރާ ކައިރިން އަޑިއަށް ގޮސް މަދުވެގެން 18 މީހުން މަރުވެފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް