ޑޮނަލްޑް ޓްރަމްޕް --
އީރާނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމަ ނިމުމަކަށް އަންނާނީ ނޮވެމްބަރު މަހުގެ މިޑްޓާމް އިންތިޚާބަށް ފަހު ކަމަށާއި ތެލުގެ އަގު ވެއްޓޭނީ ވެސް އެ ހިސާބުން ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ބުނެފިއެވެ.
ޓެކްސަސްގައި ރިޕަބްލިކަން ޕާޓީގެ ފުރަތަމަ މިޑްޓާމް ކޮންވެންޝަނަށް ދަތުރުކުރަމުން ޓްރަމްޕް ބުނީ އިންތިޚާބު ނިމުމާ އެކު ހަނގުރާމަ ވެސް ނިމޭނެ ކަމަށް ޤަބޫލުކުރާ ކަމަށާއި އިރާނަށް ދެން ކެތް ނުވާނެ ކަމަށެވެ. ޓްރަމްޕް ބުނީ އިންތިޚާބު ނިމުމާ އެކު ތެލުގެ އަގު ވެއްޓެން ފެށިނަމަވެސް މިޑްޓާމްއަށް ވުރެ ތަންކޮޅެއް ދިގުދެމިގެން ހިނގައިދާނެ ކަމަށެވެ.
އީރާނުން މަސައްކަތް ކުރަނީ އިންތިޚާބަށް ނުފޫޒު ފޯރުވައި ބަލިކަށި ބަޔަކު ވެރިކަމަށް ގެނެސް ނިއުކްލިއާ ހަތިޔާރެއް ހޯދުމަށް ކަމަށް ވެސް ޓްރަމްޕް ތުހުމަތުކުރިއެވެ. ނަމަވެސް މި ތުހުމަތަށް އެއްވެސް ހެއްކެއް ހުށައަޅާފައެއް ނުވެއެވެ. ނިއުކްލިއާ ހަތިޔާރު ހޯދަން މަސައްކަތް ކުރާ ކަމަށް އިރާނުން ތަކުރާރުކޮށް ދޮގުކޮށްފައިވެއެވެ.
ޓެކްސަސް ކޮންވެންޝަނުގައި ވާހަކަ ދައްކަމުން ޓްރަމްޕް ބުނީ އީރާނު ހަނގުރާމައިން މޮޅުވުމާ އެކު ތެލުގެ އަގު ވެއްޓޭނެ ކަމަށެވެ. އެމެރިކާގެ ބައެއް ރައްޔިތުންގެ ހިތްހަމަނުޖެހުމަށް އިޝާރާތްކޮށް އޭނާ ބުނީ އީރާނު ހަނގުރާމަ ނުފެށި ނަމަ ޕެޓްރޯލްގެ އަގު ބޮޑު ނުވާނެ ކަމަށް ބުނެ މީހުން ވާހަކަ ދައްކާ ކަމަށެވެ.
ނޮވެމްބަރު ތިނެއްގައި ބާއްވާ މިޑްޓާމް އިންތިޚާބުގައި ކޮންގްރެސްގެ ކޮންޓްރޯލް ރިޕަބްލިކަނުންގެ އަތުން ގެއްލިދާނެ ކަމުގެ ބިރު ވެސް އެ ޕާޓީއަށް ކުރިމަތިވެފައި އޮތެވެ. މައިގަނޑު ސަބަބަކީ އިރާން ހަނގުރާމަ އައި ތަކެތީގެ އަގުތައް އުފުލުމުގެ މައްސަަލަ އެވެ.
މި ހަނގުރާމައަށް މިހާރު ހަތް މަސް ފުރިފައިވާ އިރު ޓްރަމްޕް ކުރިން ލަފާކޮށްފައި ވަނީ މަދު ހަފުތާތަކެއްގެ ތެރޭ ހަނގުރާމަ ނިމޭނެ ކަމަށެވެ. ހަނގުރާމައިގެ ސަބަބުން ތެލާއި ކާބޯތަކެތީގެ އަގު އުފުލި ޓްރަމްޕްގެ ތާއީދު ދަށަށް ގޮސް ރިޕަބްލިކަން ޕާޓީ ތެރެއިން ވެސް ހަނގުރާމަ ނިންމުމަށް ވަނީ ޕްރެޝަރު ކުރިމަތިވެފައިވެއެވެ.
މެދުއިރުމަތީގެ ހަމަނުޖެހުން މިފަހުން ވަރަށް ބޮޑަށް ހޫނުވެ ސަރަޙައްދުގެ ތެޔޮ އުފައްދާ ތަންތަނަށް ހަމަލާ ދެމުންދެއެވެ. ބުދަ ދުވަހު ތެލުގެ އަގު ފީފާއަކަށް 100 ޑޮލަރަށް އަރައި ޖުލައި މަހަށް ފަހު ފުރަތަމަ ފަހަރަށް އެ އަދަދާ ހަމައަށް ދިޔައެވެ. ހަމަ އެ ހަފުތާ ތެރޭ އެމެރިކާގެ ޑީސެލް އަގު ރެކޯޑު މިންވަރަކަށް މައްޗަށް ޖެހިފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް