އިރާންގެ މެޓްރޯ ސްޓޭޝަނެއް --
އީރާނުގެ ވެރިރަށް ތެހެރާނުގެ މެޓްރޯ ނެޓްވޯކުގެ ސްޓޭޝަންތައް ވައިގެ ހަމަލާތަކުން ޢާންމު ރައްޔިތުން ސަލާމަތްކުރުމަށް ބޭނުންކުރެވޭ ހިޔާތަކެއްގެ ގޮތުގައި ފައްކާކުރުމުގެ މަސައްކަތް ފަށައިފިއެވެ.
ތެހެރާން ސިޓީ ކައުންސިލުގެ ވެރިޔާ މެހެދީ ޗަމްރާން ހާމަކުރި ގޮތުގައި ކުއްލި ޙާލަތެއް ދިމާވާ ވަގުތު ރައްޔިތުންނަށް ބޭނުންވާ ވަސީލަތްތައް މެޓްރޯ ސްޓޭޝަންތަކުގައާއި އެ ތަންތަނާ ކައިރީގައި ޤާއިމުކުރުމުގެ މަސައްކަތް ކުރިއަށް އެބަ ގެންދެއެވެ. އޭގެ އިތުރުން ރައްޔިތުންނަށް ހިޔާ ހޯދުމަށް ކަނޑައެޅިފައިވާ ތަންތަނަށް މަގު ދައްކައިދޭ ބޯޑުތައް ހަރުކުރުމުގެ މަޝްރޫޢުވެސް ރޭވިފައިވާ ކަމަށް އީރާނުގެ ނޫސް ވެބްސައިޓެއް ކަމަށްވާ ދީދްބާންއިން ރިޕޯޓުކޮށްފައިވެއެވެ.
މި މަޝްރޫޢު ކުރިއަށް ގެންދަން ނިންމީ އިސްތިއުމާރީ އިޒްރޭލާއި އެމެރިކާއިން އީރާނަށް ވައިގެ ހަމަލާތައް ދިން ދުވަސްވަރު ތެހެރާނުގެ ރައްޔިތުންނަށް ބިމުއަޑީގެ މެޓްރޯ ސްޓޭޝަންތަކުގައި ރައްކާތެރިކަން ހޯދުމަށް އެންގި ފަހުންނެވެ. ތެހެރާނުގެ މެޓްރޯ ނެޓްވޯކުގައި ގާތްގަނޑަކަށް 160 ސްޓޭޝަން ހިމެނެ އެވެ.
އީރާނުގެ މީޑިއާ ރިޕޯޓުތައް ބުނާ ގޮތުގައި ބައެއް ސްޓޭޝަންތައް ބިމުގެ 40 މީޓަރަށްވުރެ ފުނުގައި އޮންނައިރު އެ ތަންތަނުން ހަމަލާތަކުން ވަކި މިންވަރެއްގެ ރައްކާތެރިކަމެއް ލިބިދާނެ ކަމަށް ބެލެވެއެވެ.
އެހެންނަމަވެސް އެތައް މިލިއަން މީހުން ދިރިއުޅޭ ތެހެރާން ސަރަޙައްދުގައި ކުއްލި ޙާލަތެއްގައި ހުރިހާ ރައްޔިތުންނަށް މެޓްރޯ ސްޓޭޝަންތަކަށް ވާސިލުވުމަކީ ގޮންޖެހުމަކަށް ވެދާނެ ކަމަށް ރިޕޯޓުތައް ފާހަގަކޮށްފައިވެއެވެ.
އިސްރާއީލު ފަދައިން ޤައުމީ ފެންވަރުގެ ޑިފެންސް ޝެލްޓަރު ނިޒާމެއް އީރާނުގައި ޤާއިމުވެފައި ނެތް އިރު ސަރަޙައްދީ ނުތަނަވަސްކަމާއި އިތުރު ޢަސްކަރީ ހަމަނުޖެހުންތަކެއް ފެށިދާނެ ކަމުގެ ކަންބޮޑުވުންތަކާ އެކު ދިފާޢީ ފިޔަވަޅުތައް މުރާޖަޢާކުރުމުގެ މަސައްކަތް އީރާނުގެ ކަމާ ބެހޭ ފަރާތްތަކުން ކުރިއަށް ގެންދެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް