ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދޭ ހިދުމަތްތައް ވިލަރެސްކުރުމަށް ސަރުކާރުން ތަމްރީނު ޕްރޮގްރާމެއް ހިންގައިފިއެވެ.
މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސްއިން މިއަދު ކުރިއަށް ގެންދިޔަ މި ޕްރޮގްރާމުގައި ޖުމުލަ 15 އިދާރާއަކުން ބައިވެރިވިއެވެ.
މި ޕްރޮގްރާމް ފެށުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިނިސްޓަރ އޮފް ސްޓޭޓް ފޮރ ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް އިފްހާމް ހުސައިން ވިދާޅުވީ މިއީ މި ދާއިރާގެ ފޯކަލް ޕޮއިންޓުން ތަމްރީނުކުރުމުގެ ގޮތުން ބާއްވާ ފުރަތަމަ ޕްރޮގްރާމް ކަމަށާއި، މި ޕްރޮގްރާމްގެ މަގުސަދަކީ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ހައްގުތައް ރައްކާތެރިކުރުމާއި މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ގާނޫނު ގައި ބަޔާންކުރާ ހައްގުތައް ކަށަވަރުކުރުމަށް ޓަކައި ދައުލަތުގެ އެންމެހައި ވުޒާރާތަކާއެކު ގުޅިގެން މަސައްކަތްކޮށް، ގާނޫނުގައި އިދާރާތަކާ ހަވާލުކުރެވިފައިވާ މަސްއޫލިއްޔަތުތައް އޭގެ އެންމެ ފުރިހަމަ ގޮތުގައި އަދާކުރުމަށް ބާރުއެޅުން ކަމަށެވެ.
މި ޕްރޮގްރާމްގައި ކޮންވެންޝަން އޮން ދަ ރައިޓްސް އޮފް ޕަރސަންސް ވިތު ޑިސްއެބިލިޓީސް (ސީ.އާރު.ޕީ.ޑީ) އާއި ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ހައްގުތައް ރައްކާތެރިކުރުމާއި، މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ގާނޫނާ ގުޅޭ ގޮތުން ބައިވެރިންނަށް މައުލޫމާތު ދީފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް