މިދިޔަ އަހަރު ބޮލީވުޑަށް ތައާރަފްވެ، މަޝްހޫރުކަން ހޯދައިފާ ބަތަލާ ޖާވްވީ ކަޕޫރުގެ ކައިވެނީގެ ހުރިހާ ކަމެއް "ޕްލޭން" ކުރެވިއްޖެ ކަމާއި، މިހާރު ބޭނުންވަނީ ބައިވެރިޔެއް ކަމަށް އޭނާ ބުނެފިއެވެ.
އިންޑިއާގެ މީޑިއާއަކަށް ދިން އިންޓަވިއުއެއްގައި އޭނާ ވަނީ ކައިވެންޏަށް ކުރާ އުންމީދުތަކާއި، އިހުތިޔާރުކުރާނެ ބައިވެރިޔެއްގެ ގައިގައި ހުންނަންޖެހޭނެ ސިފަތައް ހިއްސާކޮށްފައެވެ.
އެގޮތުން، ޖާންވީގެ ބައިވެރިޔަކަށްވާ މީހަކީ ހުނަރުވެރި އަދި ކުރާ މަސައްކަތަށް ލޯބިޖެހިފައިވާ އަދި ދިރިއުޅުމުގައި ކާމިޔާބު މީހެއް ކަމުގައި ވާންޖެހޭނެ ކަމަށް އޭނާ ވަނީ ބުނެފައެވެ. އަދި އެމީހެއްގެ ފަރާތުން އޭނާ އަށް އިތުރު ކަންތައްތަކެއް ދަސްވެ، އޭނާ ދެކެ މޮޔަވާވަރަށް ލޯބިވާން ޖެހޭނެ ކަމަށްވެސް ޖާންވީ ވަނީ ބުނެފައެވެ.
މަޝްހޫރު ފިލްމީ ތަރި، ޝްރީ ދޭވީގެ ދަރިފުޅު ޖާންވީ ވަނީ އޭނާގެ ކައިވެނީގެ ޕްލޭންތައްވެސް ހިއްސާކޮށްފައެވެ. ޖާންވީ ބުނީ، އޭނާގެ ކައިވެނި ޕާޓީ މާ ގޮތްބޮޑުކުރަން ބޭނުންނުވާ ކަމަށާއި، ބޭނުންވަނީ އާދައިގެ ކުޑަ ޕާޓީއެއް ބާއްވަން ކަމުގައެވެ. ކައިވެނި ޕާޓީ ބާއްވަން ބޭނުންވަނީ އިންޑިއާގެ ތިރުޕަތީ ސަރަހައްދުގެ ކޮންމެވެސް ތަނެއްގައި ކަމަށާއި، ލާން ބޭނުންވަނީ "ކަންޖީވަރަމް ޒާރީ ސާރީ" އެއް ކަމަށް ވެސް ޖާންވީ ވަނީ ފާހަގަކޮށްފައެވެ. މީގެއިރުން ޕާޓީގައި ހުންނާނީ ސައުތު އިންޑިއާގެ ކެއުންތައް ކަމަށާއި، އިޑްލީ އާއި ސަމްބަރް ކޮންމެހެންވެސް ޕާޓީގައި ބަހައްޓާނެ ކަމަށް އޭނާ ވަނީ ބުނެފައެވެ.
ޖާންވީގެ ފުރަތަމަ ފިލްމް "ދަޅަކް" މިދިޔަ އަހަރު ރިލީޒްކުރެވުނުއިރު، އެ ފިލްމަށް ވަރަށް ބޮޑު ތަރުހީބެއް ވަނީ ލިބިފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް