އެރެއަށްފަހު- ފަސްވަނަ ބައި

ކުރީގެ އަދަދާ ގުޅޭ... އެމީހާގެ ލޮލުން ޝައިލާ އަށް ސިފަވީ ބިރުވެރިކަމެކެވެ. ވަގުތުން ހަށިގަނޑު ތެދުކޮށްލަން މަސައްކަތް ކުރަން ފެށިއެވެ. އެކަން އެމީހާއަށް ފަހުމުވީ ކަހަލައެވެ. އެމީހާ ޝައިލާ ނަގާ ކޮޅަށް ...

10 Sep 2019 | 04:21

ކުރީގެ އަދަދާ ގުޅޭ...

އެމީހާގެ ލޮލުން ޝައިލާ އަށް ސިފަވީ ބިރުވެރިކަމެކެވެ. ވަގުތުން ހަށިގަނޑު ތެދުކޮށްލަން މަސައްކަތް ކުރަން ފެށިއެވެ. އެކަން އެމީހާއަށް ފަހުމުވީ ކަހަލައެވެ. އެމީހާ ޝައިލާ ނަގާ ކޮޅަށް ބެހެއްޓިއެވެ. އޭރު ވެސް އެމީހާ ދިޔައީ ކަޅި ޖަހާނުލައި ޝައިލާގެ ދޮން މޫނަށް ބަލަމުންނެވެ. ގަތް ލަދުންނާއި، ހިތުގައި އުފެދުނު ގޮތް ނޭންގޭ ހައިޖާނުގަނޑެއްގެ ސަބަބުން އަވަހަށް އެތަނުން ދާން ޝައިލާ ހިނގައިގަތެވެ. ޝައިލާ އެތަނުން ނިކުންނަންދެން އެމީހާ ހުރީ ބަލާށެވެ.

މަންޒަރު ބަލަންހުރި ނުހާ ދަބަސް އަޅުވައިގެން ނަޒާން ކައިރީ ހުއްޓެވެ. އެމަންޒަރު ފެނުމުން ނުހާގެ ހިތުގައި ރިއްސައިލިއެވެ.

"ނަޒާން ތީ ބޮޑުވަރު" ހިތުގައި އަށަގަތް އާދަޔާހިލާފު އިހުސާސް އޮއްބައިލަމުން ނުހާ ބުނެލިއެވެ. އެއަޑަށް ނަޒާން ނުހާގެ މޫނަށް ބަލައިލިއެވެ.

"ނޭންގެ ކީއްވެކަމެއް... އަހަރެން ދަންނަ ކުއްޖެއްހެން ހީވަނީ... އަހަންނާ ކޮންމެވެސް ގުޅުމެއްވާހެން ހީވަނީ" އަނެއްކާވެސް ބޭރު ބަލައިލަމުން ނަޒާން ބުނެލިއެވެ.

"މޮޔަވެބަލަ... އަހަރެން ދުވަހަކުވެސް ތި ކުއްޖާ ނުދެކެން" މިހެން ބުނުމަށްފަހު ނުހާ އެތަނުން ދާން ހިނގައިގަތެވެ. ނަޒާން ވެސް ފަހަތުން ދާން ހިނގައިގަތެވެ.

އެރޭގެ ވަގުތެވެ. ނަޒާން އިނީ ކާކޮޓަރީގައި ސައިތައްޓެއް ބޯށެވެ. ނާޒިމާ ހުރީ މޭޒުމަތިން ތަށިތައް ނަގާށެވެ. ނަޒާން އިނީ ހިޔާލަކަށް ގެއްލިފައެވެ. މި ދެދުވަހު ނަޒާން ފާޑަކަށް އުޅޭކަން ނާޒިމާ އަށް ވަނީ ފާހަގަވެފައެވެ. އެކަމާ އެއްޗެއް އަހަން އުޅުނު ވަގުތު އެތެރެއަށް އައިސް ވަނީ ނަހުޒާނެވެ.

"ދަރިފުޅު ކާނަންތަ؟ މަންމަ ކާން ހަދަންތަ؟" ނަހުޒާން އައިސް ނަޒާންގެ ކުރިމަތީގައި އިށީނުމުން ނާޒިމާ އަހައިލިއެވެ. ނަހުޒާން ބޯޖަހައިލުމުން ނާޒިމާ އަވަސްވެގަތީ އޭނާއަށް ކާން ހަދައިދޭށެވެ. ބޭބެގެ މޫނަށް ބަލައިލުމަށްފަހު ނަޒާން ފޯނާ ކުޅެން ފެށިއެވެ. އެއްލި ކަޅިއަކުން ނަޒާންގެ ލޮލުގައި އަޅައިގަތީ ނަހުޒާންގެ އަތް ކައިރީ އޮތް ތަޅުދަނޑިއެވެ. ތަޅުދަނޑިއަށް ބަލައިލުމަށްފަހު ނަޒާން ދެން ބަލައިލީ ނަހުޒާންގެ މޫނަށެވެ.

"ކާކު ކާރު ތަޅުދަނޑި ދިނީ؟" ނަޒާން އަހައިލިއެވެ. އެއަޑަށް ނާޒިމާ ވެސް ބަލައިލިއެވެ. މިރޭގެ ކުޅިގަނޑު މިފެށުނީއޭ ނާޒިމާގެ ހިތައް އެރިއެވެ.

"ބައްޕަ" ނަޒާންގެ ލޮލަށް ބަލަން އިން ނަހުޒާން ބުނެލިއެވެ. މޭޒުމަތީ އަތުން ޖެހުމަށްފަހު ނަޒާން އެތަނުން ހިނގައްޖެއެވެ.

ކޮޓަރިއަށް ވަތް ނަޒާން ރުޅި އައިސްގެން އަތުގައި އޮތް ފޯނު އެނދުމައްޗަށް އެއްލައިލިއެވެ.

"ނަޒާން ރުޅިމަޑުކޮށްފަ އަޑުއަހާބަލަ" ނަޒާންގެ ފަހަތުން އައި ނާޒިމާ ބުނެލިއެވެ.

"ކޯންޗެއް އަޑުއަހަން... ހުރިހާ މޮޅެއް އެ ނަހުޒާނަށް... އަހަރެންމީ އޭނަގެ ދަރިއެއް ނޫންތަ؟ މިކޮޓަރިގަނޑު ފިޔަވާ އޭނަ އަހަންނަށް ދިނީ ކޯންޗެއްތަ؟ އަހަންނަށް އެއްވެސް ކުރިއެރުމެއް ނުލިބުނީ ބައްޕައާ ހެދި... ނަހުޒާން މޮޅުކުރަން މަންމަ ވެސް އުޅެނީ... އަހަރެން އޮފީހަށް ގެންދާށޭ ބުނީމަވެސް ނުގެންދިޔަ... އަހަރެން މިހާރު ކުރިން އުޅޭހެން ނޫޅެމެއްނު... އެކަމަކު ވެސް އަހަރެންނަށް އަޅާލާނެ މީހެއް ނެތް" ހިތައް އެރިހާ އެއްޗެއް ގޮވައިލުމަށްފަހު ނަޒާން ގޮސް ވަނީ ފާހާނާ އަށެވެ.

ނަހުޒާނަކީ އޭނާގެ މަންމަގެ ދަރިއެއް ނޫންކަން ނަޒާނަށް އިނގުނީ އުމުރުން ސޯޅަ އަހަރުގައެވެ. އެންމެ ފުރަތަމަ ދުވަހުން ފެށިގެންވެސް އަބަދު ފެންނަނީ ނަހުޒާނާއި ދޭތެރޭ ބައްޕަ ބަހައްޓާ ގާތް ކަމާއި އޯގާތެރިކަމެވެ. ނަޒާނަކީ ނަމެއްގައި ހުންނަ ދަރިއެކެވެ. ރަގަޅު ތައުލީމެއްދީ، ދިރިއުޅުމުގައި ކާމިޔާބު މީހަކަށް ހަދަން ބައްޕަ ބޭނުންވަނީ ނަހުޒާން އެކަންޏެވެ. ބައްޕަގެ ފަރާތުން އެ ފެންނަ ދުރުކަމާއި، އަޅާލުން ކުޑަކަމުގެ ސަބަބުން ނަޒާން ގޯސްމަގުން ކައްސައިލީ ދާދި އަވަހަށެވެ. ނަޒާން ގެންގުޅޭ ގޯސް އެކުވެރިންގެ ސަބަބުން ނަޒާން އޭރު އުޅުނީ އާވާރާއެއް ފަދައިންނެވެ. އޭރު ބައްޕަގެ ޝަކުވާއަކަށްވީ ނަޒާންގެ އުޅުމެވެ. ނަޒާން ގެންގުޅޭ ނުބައި އެކުވެރިންނެވެ. ނަޒާން ގަބޫލުކުރާގޮތުގައި ނަޒާން އެ އުޅުން އިހުތިޔާރު ކުރަން ޖެހުނީ ބައްޕަގެ ސަބަބުންނެވެ. ބައްޕަ އަދި ބޭބެ އާއި ދޭތެރޭ ނަޒާންގެ ހިތުގައި ވި ނަފްރަތަކީ ނާޒިމާއަށް ވެސް ނިއްވައިލެވޭނެ އެއްޗެއް ނޫނެވެ. ނަޒާން ގަބޫލުކުރާގޮތުގައި މަންމަ ވެސް ލޯބިވަނީ ނަހުޒާން ދެކެ އެކަންޏެވެ. އެއާއިލާގައި ފޮރުވިފައިވި ސިއްރަކީ ނަހުޒާންގެ މަންމަ އަކީ ކާކުކަމެވެ. އެކަން އިނގޭ މީހާކަށް އެގޭގައި އުޅެނީ އެމީހުންގެ ބައްޕަ އެކަންޏެވެ. އެވާހަކަ ދުވަހަކުވެސް ދައްކާ އަޑެއް ނީވެއެވެ.

މިފަދަ ގޮތަކަށް ދުވަސްތައް ފާއިތުވަމުން ގޮސް ކުއްލިއަކަށް ނަޒާންގެ ދިރިއުޅުމަށް އައި ބަދަލަކީ އެގޭ އެކަކަށް ވެސް އިނގޭ ކަމެއް ނޫނެވެ. ނަޒާން ކުއްލިއަކަށް ކުރިން އުޅުނު އުޅުން ދޫކޮށްލުމުން އެންމެންވެސް ތިބީ ހައިރާންވެފައެވެ. އިނގޭހާވެސް އެއްޗަކީ، އެކީ އުޅުނު އެކުވެރިން ބޮޑު މައްސަލައެއްގައި ޖަލަށް ލީކަމެވެ. އެއަށްފަހު ދެއަހަރު ވާންދެން ނަޒާން ގޮސް ހުރީ ލަންކާގައެވެ. އަލުން މާލެ އައި އިރު މީހާ ހުރީ އެކަށް ބަދަލުވެފައެވެ. އުޅަނބޮއްޓާއި ހިސާބަށް ދިގުކޮށްފައި އޮތް ވަރުގަދަ ބުޅި އިސްތަށިގަނޑު އޮތީ ކޮށާލައިފައެވެ. ކަރުގަޔާއި އަތްފަޔަށް އަމުނާފައި ހުރި ހުރިހާ އެއްޗެއް ހުރީ ނަގައިފައެވެ. ނަމަވެސް ބައްޕަގެ ހިތް ނަޒާނާއި ދޭތެރޭ ހަމަ އެފަދައެވެ. އުޅުމަށް ބޮޑެތި ބަދަލުތަކެއް އައި ނަމަވެސް ނަފްރަތަކަށް ކުޑަވެސް ބަދަލެއް ނާދެއެވެ.

ފާހާނާއިން ނިކުމެގެން އައިސް ނަޒާން އެނދުމައްޗަށް ވެއްޓިގަތެވެ. ބައްޕަގެ ކާރަކީ މިހާރު ނަހުޒާންގެ އެއްޗެއް ކަން އިނގުމުން ނަޒާން އެވަނީ ވަރަށް ހިތުގައި ޖެހިފައެވެ. އެ ކާރަކީ މިއަދާ ޖެހެންދެން ނަޒާން ދެކެމުންއައި ހުވަފެނެކެވެ. ކާރު ދޭނީ ކޮންމެވެސް އެއް ދަރިއަކަށް ކަން ބައްޕަ ވަނީ މަންމަ ކައިރީ ބުނެފައެވެ. ބައްޕަ ނަޒާން ދެކެ ލޯބި ނުވި ނަމަވެސް އެކާރު އޭނާއަށް ދޭނެ ކަމަށް އުންމީދު ކުރިއެވެ. ނަމަވެސް އުންމީދުތައް ފުނޑުފުނޑު ވެއްޖެއެވެ. ނަހުޒާން ނޫން ދަރިއެއް ބައްޕަގެ ނުހުންނާނެއެވެ.

ނިދި ޖެހެމުން ދިޔަ ވަގުތު ނަޒާންގެ ލޯ ކުރިމަތިން ފެންނަމުން ދިޔައީ މިއަދު ކެފޭ ތެރެއިން ދިމާވި އަންހެން ކުއްޖާއެވެ. އެ އެކްސިޑެންޓް ލޯ ކުރިމަތީ ފިލްމެއްހެން ދަނީ ފެންނަމުންނެވެ. އެ ހުވަފެނުން ދާދި އަވަހަށް ނަޒާނަށް ހޭލެވުނެވެ. އަނެއްކާވެސް ނިދި ޖެހުނެވެ.

"ނޫން ނޫން އަހަންނަށް ތިހެން ނުހަދާ.. ޕްލީޒް އަހަރެން ދޫކޮށްލާ" އަނދިރިގަނޑުގެ ތެރެއިން ބާރު ހަޅޭކަކާއި އެކު އިވެމުން ދިޔައެވެ. ކުއްލިއަކަށް އަޑު ކެނޑިއްޖެއެވެ. މަޑުމަޑުން އަލިވާން ފެށިއެވެ. އަނދިރީގެ ތެރެއިން ހިޔަންޏެއް ފެންނަމުން ދިޔައެވެ. އެހިޔަނި އަންނަނީ ފަހަރެއް ފަހަރަކަށްވުރެ ކައިރިވަމުންނެވެ. އިރުކޮޅެއްގެތެރޭ މުޅިތަން އަލި ވެއްޖެއެވެ. އެވަގުތު އެއީ ކާކުކަން ފެނުނެވެ.

އެއީ ރިތި ހުސްކޮށްގެން ހުރި އަންހެން ކުއްޖެކެވެ. ދޮން ޖަންބެއް ފަދަ ކޯތާފަތާއި، މަޑު މަޑު ރަތްކުލައެއް އަރާފައިވާ ތުންފަތެކެވެ. ބޮޑު ދެލޮލާއި ދިގު އެސްފިޔަތަކެވެ. އެ ރާޅު ބާނީ އިސްތަށިގަނޑު އޮތީ ދެފަރާތުން ކޮނޑުމައްޗަށް ވައްޓާލައިފައެވެ. ހިމަތޮޅި ހަށިގަނޑެއް ނަމަވެސް، ބައްޓަން ރީތި ހަށިގަނޑެކެވެ. ހެޔޮވަރުގެ އިސްކޮޅެކެވެ.

ސިއްސައިގެން ގޮސް ނަޒާނަށް ހުވަފެނުން ހޭލެވުނެވެ. މިރޭ ފެނުން ހުވަފެން އެހެންޏާ ފެންނަ ހުވަފެންތަކާއި މުޅިން ތަފާތެވެ. މިރޭ އެކުއްޖާގެ މޫނު ފެނިއްޖެއެވެ. އެއީ މިއަދު ދިމާވި ކުއްޖާއެވެ. ނަޒާނަށް ބޮލުގައި އަތް އަޅައިލެވުނެވެ. އެ ފެންނަ ބިރުވެރި ހުވަފެނުގެ ތެރެއިން މިއަދު ދިމާވި ކުއްޖަކު ކުއްލިއަކަށް ފެންނަންވީ ކީއްވެގެން ހެއްޔެވެ. ނަޒާންގެ ނިތްކުރި ވަނީ ބޮޑެތި ދާތިކިތަކުން ފުރިފައެވެ. ހިތް ވެސް ބާރު ބާރަށް ތެޅެމުންދިޔައެވެ.

އަނެއްކާ މިފެންނަ ހުވަފެންތަކާއި އެކުއްޖާ އާއި އެއްވެސް ގުޅުމެއް ވޭބާއެވެ. އަނެއްކާ އެއީ އެކުއްޖާ ހެއްޔެވެ. ނޫނެކެވެ. އެއީ އެކުއްޖާ އެއް ނޫނެވެ. އެއީ އެކުއްޖާ އަށް ވާކަށް ނަޒާން ބޭނުމެއްވެސް ނޫނެވެ. މި ނުބައި ހިޔާލުތަކުން ދުރުވެވޭނެ ގޮތެއް ހޯދަން އެވަގުތު ނަޒާން ވަރަށް ބޭނުންވިއެވެ.

***

"ޝައި ހޭލަބަލަ" ނިދާފައި އޮތް ޝައިލާ އަށް ހޭލެވުނީ ސުމާ އައިސް ގޮވަން ފެށުމުންނެވެ. މޯޅިއަކަށް ދެމިލުމަށްފަހު ޝައިލާ އަނެއްކާވެސް ލޯ މަރައިލިއެވެ.

"ޝައި ދެން ތެދުވެބަލަ އެއާޕޯޓަށް ދާށޭ" ޝައިލާގެ ގައިގައި ހިފައި ތަޅުވައިލަމުން ސުމާ ބުނެލިއެވެ. ސުމާ އުނދަގޫކުރަން ފެށުމުން ޝައިލާ ތެދުވެގެން ގޮސް ފާހާނާއަށް ވަނެވެ.

"ހޭލައިފިތަ؟" ސުމާ އައިސް ބަދިގެއަށް ވަނުމުން ޝާއިރާ އަހައިލިއެވެ. ސުމާ ބޯ ޖަހައިލުމަށްފަހު މޭޒު ދޮށުގައި އިށީނެވެ.

"ވަޒީފާއެއް ހޯދަބަލަ ދެން ތިހެން ނޫޅެ..." ޝާއިރާ ބުނެލިއެވެ. ސުމާ އަނެއްކާވެސް ބޯ ޖަހައިލިއެވެ.

"މަންމާ ހަމަ އަހަރެމެންތަ ދާންވީ އޭނަ ބަލާ... ހާދަ ފޫހިވާ އަންހެނެކޭ އެއީ" ކުކީއެއް ކައިލަމުން ސުމާ ބުނެލިއެވެ.

"ސުމާ އެއީ ސުމާގެ ވެސް ދައްތައެއް... ދެން އެހެން ނުބުނައްޗޭ..." ސުމާގެ މޫނަށް ލޯއަޅައިލަމުން ޝާއިރާ ބުނެލިއެވެ.

"އެމީހުން ޝައިއަށް އެހެންވީމަ ވެސް ހާދަ އެއްޗިއްސެއް ކިޔޭ މަންމާ... ޝައި ގޯސްކޮށް އުޅޭތީއޯ... ޔާސިރުބެ މާ ދޫދީގެން އުޅޭތީއޯ ކިޔާފަ" ސުމާ އަނެއްކާވެސް ހަމަ ދެއްކީ އެވާހަކައެވެ. ނަމަވެސް އެއީ ޝާއިރާ މާ ގަޔާވާ ވާހަކައަކަށް ނުވިއެވެ.

"ސުމާ ނަމަނަމަ މީހެއްގެ ކުރިމަތީ ތިކަހަލަ އެއްޗެއް ނުބުނާތި... އެއީ ސުމާގެ ބޮޑުދައިތައެއް" ޝާއިރާ މިފަހަރު ބުނެލީ ތަންކޮޅެއް ބާރަށެވެ. އޭގެ ފަހުން ސުމާ އެވާހަކައެއް ނުދައްކައެވެ.

ޝައިލާ ތައްޔާރުވެގެން ނިކުތުމުން ސުމާ އާއި ދެމީހުން ދިޔައީ އެއާޕޯޓަށެވެ. ލަންކާގައި ދިރިއުޅޭ އެމީހުންގެ ބޮޑުދައިތަ މިއަދު މާލެ އައުމަށް ހަމަޖެހިފައި ވާތީއެވެ. އެމީހުންގެ ބޮޑުދައިތަ ޝަހާމާ އަކީ ޝަހުމާ އަދި ޝާއިރާ ގެ ކޮއްކޮއެވެ. އުމުރުން ވިހި އަހަރުގައި ލަންކާ މީހަކާ ކައިވެނިކޮށްގެން ޝަހާމާގެ ދިރިއުޅުން ލަންކާއަށް ބަދަލުކުރީ މީގެ ފަނަރަ ވަރަކަށް އަހަރު ކުރިންނެވެ. ޝަހާމާ އަކީ އެއާއިލާގެ އެންމެ ހަގު އަންހެން ދަރި ނަމަވެސް، އެމީހުންނާ މުޅިން ތަފާތު މީހެކެވެ. ޝަހާމާ ބޭނުންވާ ކަމެއް ޝަހާމާ ކުރާނެއެވެ. ކޮންމެ ގޮތެއް ވިޔަސް ހެވެވެ. އެކަމުގެ މިސާލަކީ މައިންބަފައިންނާ ދެކޮޅަށް ކޮށްގެން އުޅޭ ކައިވެންޏެވެ. އެކަމާ މައިންބަފައިނާ ރުޅި ހަދާލައިގެން ދިޔަގޮތަށް، އެމީހުން މަރުވުމުން މޫނު ބަލައިލަން ވެސް ނާދެއެވެ. ޝަހާމާ އަކީ ހިތްހަރު އަދި އެހާމެ ޒީލަގަދަ އަންހެނެކެވެ. ނަމަވެސް ޝާއިރާ އަދި ޝަހުމާ އެމީހުންގެ ކޮއްކޮދެކެވާ ލޯތްބަކަށް ބަދަލެއް ނާދެއެވެ. ނަމަވެސް ޝަހާމާ އެވަރަށް އެމީހުންދެކެ ލޯބީވޭ ހެއްޔެވެ؟

"ހައި ޒާނާ..." ޒާނާ ފެނުމުން ސުމާ ގޮސް ބައްދައިލިއެވެ. ލޯބޮޑު އަވި އައިނެއް އަޅައިގެން ހުރި ޝަހާމާ، އައިނު ނެގުމަށްފަހު ބޮލުގައި ބައިންދައިލިއެވެ.

"ޝައިލާ ކިހިނެއްތަ؟" ފައިން ފެށިގެން ޝައިލާގެ ބޮލަށް ބަލައިލަމުން ޝަހާމާ އަހައިލިއެވެ. ތުއްތަގެ އެ ބެލުމުން ޝައިލާ އަށް އުނދަގޫވަމުން ދިޔައެވެ.

"ޒާނާގެ ބައްޕަ ނާދޭތަ؟" ސުމާ އަހައިލިއެވެ.

"ދާހާތާކަށް ފިރި ގެންނާކަށް ނުވާނެ... މަޖަލެއް ނުވާނެ..." މިހެން ބުނުމަށްފަހު ޓްރޮލީ ހުރިތަނުގައި ބެހެއްޓުމަށްފަހު ޝަހާމާ ދާން ހިނގައިގަތެވެ. ފަހަތުން ޒާނާ ވެސް ހިނގައިގަތެވެ.

"ޒާނާ ވެސް ހާދަ ބޮޑާއޭ ދޯ" އަނގަޔަށް ވައްތަރެއް ޖައްސައިލަމުން ސުމާ ބުނެލިއެވެ. އަދި ޓްރޮލީ ކޮށްޕަމުން ހިނގައިގަތެވެ.

"ކޮބާ ސުމާ މީހަކާ އިންނާކަށް ނުވޭ؟" ކާރަށް އަރައި ހަމަޖެހިލަމުން ޝަހާމާ އަހައިލިއެވެ.

"އަދި ނުވޭ" ވަރަށް މަޑުން ސުމާ ބުނެލިއެވެ. ކުރީ ސީޓުގައި އިން ސުމާ އިނީ ލޯގަނޑުން ތުއްތަގެ ބޮޑާ މޫނަށް ބަލަހައްޓައިގެންނެވެ.

"އިނދޭ އަވަހަށް... އިއްޒަތާ އަބުރާ ނުގެއްލެނިސް" ބިއްލޫރިގަނޑުން ދުރު ބަލައިލަމުން ޝަހާމާ ބުނެލިއެވެ. ޝަހާމާ ބުނެލި ޖުމްލައިން ޝައިލާގެ ހިތައް ހީވީ ކައްޓެއް ހެރުނުހެންނެވެ. ގައިން ހީބިހި ނަގައިގަތެވެ. އެއީ ސީދާ އޭނާއަށް އަމާޒުކޮށްގެން ބުނި އެއްޗެއްކަން ޔަގީނެވެ. ދެލޯ ފެންކަޅިވުމުން ޝައިލާ އިސްޖަހައިލިއެވެ. އޭނާގެ މޭ ނުބައިކުރަން ފެށިއެވެ. އެވަގުތު އޭނާ ދިޔައީ އަވަސް ހަރަކާތަކާއި އެކީ ދެއަތް ދެއަތާއި މޮޑެމުންނެވެ.

(ނުނިމޭ)

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް