ލޭގެ ގުޅުމުގެ ވަރުގަދަކަން ރަމްޒުކޮށްދިނުމުގެ ގޮތުން އިނގިރޭސި ބަހުން ބުނާ ހަރު ބަހެއް އޮވެއެވެ. އެ ހަރުބަހަކީ " Blood is thicker than water" މިއެވެ. ދިވެހިން ތަރުޖަމާއެއް ދޭ ނަމަ "ލެޔަކީ ފެނަށްވުރެ (އޮލަ) ނުވަތަ (ބޯ) އެއްޗެކޭ" ބުނެވިދާނެއެވެ. އެހެން ނަމަވެސް ޗައިނާގެ މަންމައަކަށް ލެޔަށްވުރެ މުހިންމުވީ ފައިސާ އެވެ. މަދު ފައިސާ ކޮޅަކަށް ބަނޑުއަޅާ ވިހޭ ދެ ދަރިން ވިއްކާލައިފިއެވެ. ލިބުނު ފައިސާއަށް ގަތްކަމަށް ވަނީ ފޯނެކެވެ.
ނޫސްތަކުގައި ރިޕޯޓްކޮށްފައިވާގޮތުގައި އެ އަންހެންމީހާގެ ނަމަކީ "މާ" އެވެ. އޭނާގެ ދެ ދަރިން ދުރުހިލޭ ބަޔަކަށް ވިއްކާލީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައެވެ. ވިއްކާލި ކަމަށްވަނީ 65 ހާސް ޔުއާން އަށެވެ. އެއީ ޑޮލަރުން ބަލާނަމަ ގާތްގަނޑަކަށް 12 ހާސް ޑޮލަރެވެ.
މި ކަމަކީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެތެރޭގައި ހިނގި ކަމެއް ނަމަވެސް މިކަން ފެންމަތިވެ އެ އަންހެން މީހާއާއި އެ އަންހެންމީހާގެ ފިރިމީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް، އެ އަންހެން މީހާ ވިއްކާލި އޭނާގެ ދެ ދަރިން ހޯދައި އަންހެންމީހާގެ އާއިލާއާއި ހަވާލު ކުރީ މިދިޔަ ހަފްތާގެ ތެރޭގައެވެ.
އެ އަންހެންމީހާ ބުނެފައިވާގޮތުގައި އެ ނުބައި އަމަލު ހިންގަން އޭނާއަށް މަޖުބޫރު ކުރުވީ އޭނާގެ އާއިލާއެވެ. އަދި ފިރިމީހާއެވެ. މިހާރު އުމުރުން 20 އަހަރުގެ އޭނާ ބުނެފައިވާގޮތުގައި ދެ ދަރިން ވިއްކާލީ ދަރަނި ދެއްކޭނެ އެއްވެސް ގޮތެއް ނެތިގެންނެވެ. މާ އަވަހަށް ބަލިވެ އިނދެ ދަރިން ހޯދިކަމަށް ބުނެ އާއިލާއިން އަޅާ ނުލި ކަމަށާއި ދަރިން ވިހޭއިރު ފިރިމީހާވެސް ކައިރީގައި ނެތްތާނގައި އެއްވެސް ހަރަދެއްވެސް ނުކުރާކަމަށް އޭނާ ބުނެފައިވެއެވެ.
އިތުރަށް ބުނެފައިވާގޮތުގައި ދެ ދަރިން ވިއްކާލައިގެން ލިބުނު ލާރި ފިރިމީހާއާއި ދެމީހުންނަށް ހަމަ ހަމައަށް ބެހިއެވެ. އަދި އެ އަންހެން މީހާއަށް ލިބުނު ބައިން ކްރެޑިޓް ކާޑަށް ފައިސާ ދައްކާފައި ބާކީ ވި ފައިސާއިން ގަތީ ފޯނެއް ކަމަށްވެސް ބުނެފައިވެއެވެ. މިހާރު އޭގެން އެއްވެސް ފައިސާއެއް ނެތްކަމަށްވެސް ބުނެފައެވެ.
ޗައިނާ ފުލުހުންނަށް މި މައްސަލަ ފެންމަތިވީ އެހެން މައްސަލައެއްގެ ތަހުގީގުގެ ތެރެއިން ކަމަށްވެއެވެ. ދެ ދަރިންވެސް ވިއްކާލާފައި ވަނީ ވަކި ދެ އާއިލާއަކަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް