//މިދިޔަ އަހަރު އުރީދޫއިން އިންތިޒާމުކޮށްގެން ބާއްވަން ފެށި "އުރީދޫ ކަލާ ރަން" އަންނަ ނޮވެމްބަރު މަހު ބާއްވަން އެ ކުންފުނިން ނިންމައިފި އެވެ.
އުރީދޫއިން ބުނީ ރެކޯޑު އަދަދަކަށް މީހުން ބައިވެރިވެގެން މިދިޔަ އަހަރު ކުރިޔަށް ގެންދެވުނު އެ ދުވުން މިއަހަރު ބާއްވާނީ އިތުރު ފޯރިއާއި ސަޕްރައިޒް ތަކާއި އެކު ކަމަށެވެ. މި ދުވުމަކީ އާންމުކޮށް ދުވާ ފަރާތްތަކާއި އަލަށް ދުވާ ފަރާތްތަކަށް ބައިވެރިވެވޭ ދުވުމެކެވެ.
އުރީދޫ ކަލާ ރަންގައި ދުވަން ޖެހެނީ ފަސް ކިލޯ މީޓަރަށެވެ. ދުވުން ކުރިޔަށް ދާއިރު ކޮންމެ ކިލޯމީޓަރެއް ހުރަސް ކުރުމުން އެތަނެއްގައި ހުންނަ ކުލަ ސްޓޭޝަން ތަކުން އެކަން ފާހަގަކޮށް ކުލަ ޖަހަ އެވެ. އުރީދޫއިން ބުނީ މި ދުވުން ހިނގަމުން، ދުވަމުން، ޖޮގްކޮށްފައި އަދި ނަށަމުންވެސް ނިންމިދާނެ ކަމަށެވެ.
މީގެ ތެރެއިން ކޮންމެ ގޮތަކަށް މިދުވުން ފުރިހަމަ ކުރިޔަސް ހުރިހާ ބައިވެރިންނަށް މެޑަލްދީ ނިމުން ފާހަގަ ކުރާނެ އެވެ. އަދި ދުވުމުގެ ފޯރި ގަދަ ކުރުމުގެ ގޮތުން އެންމެ ފެންސީ އަންހެން އަދި ފިރިހެން ދުވުންތެރިޔާ އާއި އެންމެ އެންޓަޓެއިނިން ދުވުންތެރިޔާ ހޮވާނެ އެވެ.
މި ދުވުމާއި ގުޅޭގޮތުން އުރީދޫގެ ސީއީއޯ ނަޖީބު ހާން ވިދާޅުވީ އެ ކުންފުނިން މަސައްކަތް ކުރާނީ މިދިޔަ އަހަރަށްވުރެ ފޯރި ގަދަ ދުވުމެއް މިއަހަރު ބޭއްވުމަށް ކަމަށެވެ.
"އުރީދޫ ކަލާ ރަން އިން ފެށިގެންދިޔައީ ދުޅަހެޔޮ ދިރިއުޅުމެއް ހޯދުމަށް، ދުވުމަކީ ވަރަށް ފައިދާހުރި އަދި އެހާމެ އުފާވެރިކަން ގެނުވަދޭ ހަރަކާތެއްކަން. މިދިޔަ އަހަރުގެ ކުލަގަދަ އަދި އެހާމެ އުފާވެރިކަމުން ފުރިފައިވާ ކަލަ ރަން އަކީ ރާއްޖޭގައި މިހާތަނަށް އެންމެ ގިނަ ބޭފުޅުން ބައިވެރިވި ދުވުމަށްވުމަކީ، އަޅުގަނޑުމެންނަށް ލިބުނު ހިތްވަރެއް،" ނަޖީބު ވިދާޅުވި އެވެ.
މި ދުވުން ބޭއްވުމުގެ އަމާޒަކީ ދުޅަހެޔޮ ދިރިއުޅުމަކަށް، ދުވުމަކީ ސިއްހަތަށް ފައިދާހުރި އަދި މަޖާ ހަރަކާތެއްކަން އަންގައިދިނުން ކަމަށް އުރީދޫއިން ބުނެ އެވެ. މި ދުވުމުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކަށް ރަޖިސްޓްރީވުމުގެ ފުރުސަތު މި މަހުގެ ފަހުކޮޅު ހުޅުވާލާނެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް