މި ސެޕްޓެމްބަރ މަހުގެ 23 ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިޚާބަކީ މިނިވަން އަދި އިންސާފުވެރި އިންތިޚާބެއް ނޫންކަމަށް ބޭރުގެ ބައެއް ފަރާތްތަކަށް ދެއްކުމަށްޓަކައި ނުރައްކާތެރި ބައެއް ޢަމަލުތައް ހިންގުމަށް ރާވަމުންދާކަމުގެ މައުލޫމާތު ފުލުހުންނަށް ލިބިފައިވާކަމަށް ފުލުހުންގެ ސްޕޯކްސް ޕާސަން ޗީފް ސްޕްރިންޑެންޓް އޮފް ޕޮލިސް އަހުމަދު ޝިފާނު ވިދާޅުވެއްޖެއެވެ. އިސްކަންދަރު ކޮށީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ޝިފާނު ވިދާޅުވީ، އެފަދަ ބައެއް މައުލޫމާތު ފުލުހުންގެ އިންޓަލިޖެންސަށް ލިބިފައިވާކަމަށާއި ފުލުހުން ހިންގަމުންދާ ބައެއް ތަހްޤީޤުތަކަށްވެސް މިފަދަ ބައެއް މައުލޫމާތުތައް ލިބިފައިވާ ކަމަށެވެ.
ކުރިޔަށް އޮތް ރިޔާސީ އިންތިޚާބުގެ ސަލާމަތީ ކަންކަމާ ގުޅޭގޮތުން ފުލުހުންނަށް ލިބިފައިވާ މުހިންމު މައުލޫމާތުތަކެއް ހިއްސާކުރުމަށް ބޭއްވި މި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޝިފާން ވިދާޅުވީ ، ކުރިން ފެނިފައިވާ ނުރައްކާތެރި ބައެއް ޢަމަލުތައް ތަކުރާރު ކުރުމަށް ބައެއް ފަރާތްތަކުން ރާވަމުންދާ ކަމުގެ މައުލޫމާތު ފުލުހުންނަށް ލިބިފައިވާ ކަމަށެވެ.
"އެނގިވަޑައިގެންނަވާނޭ ފަދައިން 2102 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 8 ވަނަ ދުވަހު ދައުލަތާއި ފުލުހުންނާއި އަދި އާންމު ބައެއް ފަރާތްތަކުގެ އަގުބޮޑެތި މުދާ ރޯކޮށް، އެފަރާތްތަކުގެ މުދަލަށް ވަނީ ގެއްލުންތަކެއް ދީފައި. މިފަދަ ޢަމަލުތަކެއް ތަކުރާރުކޮށް ، ރިޔާސީ އިންތިޚާބަކީ މިނިވަން އަދި އިންސާފުވެރި އިންތިޚާބެއް ނޫންކަން ބޭރުގެ ބައެއް ފަރާތްތަކަށް ދެއްކުމަށްޓަކައި މިފަދަ ބައެއް އަމަލުތައް ތަކުރާރު ކުރުމަށް ބައެއް ފަރާތްތަކުން ރާވާ މިކަންކަން ކުރުމުގެ ބައެއް މަސައްކަތްތައް ކުރަމުންދާ ވާހަކަ ދަންނަވާލަން." ޝިފާން ވިދާޅުވިއެވެ.
ޝިފާން ވިދާޅުވީ މިކަމަކީ ސީދާ ރިޔާސީ އިންތިޚާބަށް ހުރަސްއެޅުމުގެ ގޮތުން ކުރާކަމެއް ކަމުގައި ފުލުހުން ގަބޫލުކުރާ ކަމަށެވެ. އަދި ރިޔާސީ އިންތިޚާބަކީ މިނިވަން އިންސާފުވެރި އިންތިޚާބެއް ކަމާމެދު ސުވާލު އުފައްދާ ރާއްޖޭގެ ހަމަޖެހުމާއި އަމާންކަން ނަގާލުމަށް ބައެއް ފަރާތްތަކުން ރާވަމުންދާ ކަމެއްކަމަށް ފުލުހުން ދެކޭކަމަށްވެސް ޝިފާން ވިދާޅުވިއެވެ.
ޝިފާން ވިދާޅުވީ އިންތިޚާބުގެ ނަތީޖާ ނިކުންނަ ގޮތަކުން ނުރައްކާތެރި ބައެއް އަމަލުތައް ހިންގުމަށް ތައްޔާރު ވަމުންދާ ކަމުގެ މައުލޫމާތު ފުލުހުންނަށް ލިބިފައިވާކަމަށެވެ. ދިވެހިރާއްޖޭގެ އަމާންކަން ބަލަހައްޓަން އެންމެ މަތީ ބާރު ޤާނޫނުން ލިބިދީފައިވާ ބަޔަކީ ފުލުހުން ކަމަށްވާތީ ، އެފަދަ ޢަމަލެއް ހިންގުމުގެ ފުރުސަތު ނުދޭނެކަމަށް ޝިފާން ވިދާޅުވިއެވެ. އަދި އެފަދަ އެއްވެސް ކަމެއް ނުކުރުމަށާއި އެފަދަ ކަމެއް ކުރުމަށް ރާވަމުންދާ ފަރާތްތަކުން އެފަދަ ގޮތަކަށް ނުވިސްނުމަށް ޝިފާން ވަނީ އިންޒާރުކޮށްފައެވެ.
"މިފަދަ އެއްވެސް ޢަމަލެއް ހިންގައިފިނަމަ އެފަރާތެއް ހޯދާ، އެކަމުގައި ޝާމިލް ވާ ހުރިހާ ފަރާތްތަކެއް ހޯދާ، އެފަރާތްތަކަށް ހިތްވަރުދޭ ހުރިހާ ފަރާތްތަކެއްވެސް ހޯދާ، އެފަރާތްތަކާމެދު ޤާނޫނީ އެންމެ ހަރުކަށި ފިޔަވަޅު އަޅާނެ ވާހަކަވެސް ދަންނަވަން." ޝިފާނު ވިދާޅުވިއެވެ.
ރިޔާސީ އިންތިޚާބަށް ހުރަސް އެޅުމަށް ކުރަމުންދާ މަސައްކަތް ހުއްޓާލާ، ދިވެހި ޤައުމުގެ ހަމަޖެހުމާއި އަމާންކަން ނަގާލުމުގެ އެއްވެސް ޢަމަލެއް އެއްވެސް ދިވެހި ރައްޔިތަކު ނުކުރުމަށް ފުލުހުން އިލްތިމާސް ކުރާކަމަށް ޝިފާން ވިދާޅުވިއެވެ. ނޫސްވެރިންނަށް ސުވާލު ކުރުމުގެ ފުރުސަތު ހުޅުވާ ނުލާ ކުރިޔަށް ގެންދިޔަ މި ނޫސްވެރިންގެ ބައްދަލުވުމުގައި މިފަދަ އަމަލެއް ހިންގައިގެން މިހާތަނަށް މީހަކު ހައްޔަރުކޮށްފައިވާ ކަމެއް ނުވަތަ ނޫންކަމެއް ޝިފާން ވިދާޅުވެފައެއް ނުވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް