ކުރިޔަށް އޮތް ރިޔާސީ އިންތިޚާބުގައި އެމްޑީއޭ އިން ވަކި ޕާޓީއަކަށް ތާޢީދު ނުކުރުމަށް އެޕާޓީގެ ކައުންސިލުން ނިންމާފައި ވީ ނަމަވެސް އެމްޑީއޭގެ މެމްބަރުން އިދިކޮޅު ކޯލިޝަނާ ގުޅުމަށް އިދިކޮޅު އިއްތިހާދުގެ ރިޔާސީ ކެންޑިޑޭޓް އިބްރާހީމް މުހައްމަދު ޞާލިހު(އިބޫ) ގޮވާލައްވައިފި އެވެ. މިހާރު ނ އަތޮޅާއި ށ އަތޮޅަށް ކުރައްވަމުން ގެންދަވާ ކެމްޕޭން ދަތުރުފުޅުގައި ނ. މާޅެންދޫ ރައްޔިތުންނާ ބައްދަލުކުރައްވާ ވާހަކަފުޅު ދައްކަވަމުން އިބޫ ވިދާޅުވީ މިއީ އެމްޑީއޭ އިން އިދިކޮޅު ކޯލިޝަނާ ގުޅެންވީ ވަގުތު ކަމުގައެވެ.
ކުރިޔަށް އޮތް ރިޔާސީ އިންތިޚާބު އިދިކޮޅު އިއްތިހާދުން ކާމިޔާބު ކުރާއިރު އިދިކޮޅު އިއްތިހާދާއެކު އެމްޑީއޭ ބައިވެރިއެއްގެ ގޮތުގައި ތިބުމަށް އިބޫ އެދި ވަޑައިގެންނެވިއެވެ. " އެއީ މިރަށަށްވެސް، މިއަތޮޅަށްވެސް މުޅި ރާއްޖެއަށްވެސް މިވަގުތު އޮތް އެންމެ ރަނގަޅު ގޮތް. އެމް.ޑީ.އޭގެ އިސްވެރިންނަށްވެސް އަޅުގަނޑު މި ގޮވާލަނީ މިއަދު ތިބޭފުޅުން ވަކިކޮޅަކަށް ނާރުއްވާ ނުތިއްބަވާ އަޅުގަނޑުމެންނާއި ގުޅިވަޑައިގެންނަވާށޭ. މިއީ ޤައުމޭ ކަމެކޭ އަޅުގަނޑުމެން ކުރާ. " އިބޫ ވިދާޅުވިއެވެ.
މިއީ ނިމިފައި އޮތް ކަމެއްކަމަށާއި އެހެން ކަމުން މިކަމުގައި ބާކީ ނުވެ ޤައުމީ ޚިދުމަތެއްގެ ގޮތުގައި ބައިވެރިވުމަށް އެމްޑީއޭ އަށް އިބޫ ގޮވާލެއްވިއެވެ. އިދިކޮޅު އިއްތިހާދާ ގުޅުމަށް އިބޫ އެމްޑީއޭ އަށް ގޮވާލައްވާފައި ވާއިރު އެމްޑީއޭ އިން ސަރުކާރު ހިންގާ ޕީޕީއެމް އާއެކު ހަދާފައިވާ އެއްބަސްވުމާ މެދު އެޕާޓީން ވަކި ގޮތެއް ނިންމާފައެއް ނުވެއެވެ. އެމްޑީއޭގެ ލީޑަރ އަދި ވިޔަފާރިވެރިޔާ އަހުމަދު ސިޔާމް ވަނީ ޕާޓީ ހިންގުމުން ފެއަށް ޖެހިވަޑައިގެންފައެވެ. އަދި އެޕާޓީގެ ހިންގުން ވަގުތީ ގޮތުން ކެނދިކުޅުދޫ ދާއިރާގެ މެމްބަރ މައުރޫފާ ހަވާލުކުރުމަށް އެޕާޓީގެ ކައުންސިލުން ވަނީ ނިންމާފައެވެ. ސަރުކާރު ހިންގާ ޕީޕީއެމް އާއި ކޯލިޝަން ހަދައިގެން މަސައްކަތް ކުރަމުން އަންނަ އެމްޑީއޭގެ އަޑު މިފަހަރުގެ އިންތިޚާބާ ދިމާކޮށް ވަނީ ވަރަށް ބޮޑަށް މަޑުވެފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް