ސިނަމާލެ ބްރިޖުން އެއާޕޯޓަށް ވަދެވޭ މަގު އާންމުންނަށް ހުޅުވާލުމުން ސަރުކާރުން ވަކި އަގެއް ކަނޑައަޅަން ދެން ޓެކްސީ ގައި އެއާޕޯޓަށް ގޮސްދޭ އަގު ސެންޓަރުތަކުން ކަނޑައަޅައިފި އެވެ.
މާލޭގައި ޓެކްސީގެ ހިދުމަތް ދޭ މަޝްހޫރު ސެންޓަރުތައް ކަމަށްވާ، ލޯޔަލް ޓެކްސީ ސާވިސް، ފައިން ޓެކްސީ އަދި ޑައިލް ކެބް ފަދަ ސެންޓަރުތަކުން މީޑިއާގައި ބުނެފައިވަނީ ހުޅުލެއަށް ޓެކްސީ ދަތުރެއް ކޮށްދޭނީ 100 ރުފިޔާއަށް ކަމަށެވެ. އަދި ރޭ ބްރިޖުން ހުޅުލެއަށް ދެވޭ މަގު ހުޅުވާލުމާއި އެކު ދަތުރުތައް ލިބެންފަށާފައި ވާ ކަމަށެވެ.
މި އަގު ކަނޑައެޅީ ޑްރައިވަރުންނާއި މަޝްވަރާކޮށްފައި ކަމަށް އެ ސެންޓަރުތަކުން ބުނެފައިވެ އެވެ. އަދި 100 ރުފިޔާ ނަގާނީ ޓްރާންސްޕޯޓު އޮތޯރިޓީން ރަސްމީކޮށް އަގުތައް ކަނޑައަޅަންދެން ކަމަށް ބުނެފައިވެ އެވެ.
ހުޅުލެއަށް ޓެކްސީ ދަތުރެއް 100 ރުފިޔާއަށް ކޮށްދޭ އިރު ހުޅުމާލެއަށް ދަތުރެއް ކޮށްދެނީ 150 ރުފިޔާ އާއި 250 ރުފިޔާ އާއި ދެމެދުގެ އަގެއްގައި އެވެ.
ސިނަމާލެ ބްރިޖު އާންމު ދަތުރުފަތުރުތަކަށް ހުޅުވާލުމާއި އެކު ހުޅުމާލެއަށް ދިއުމަށާއި ހުޅުލެއަށް ދިއުމަށް އާންމުން ބޭނުން ކުރަނީ ބްރިޖެ އެވެ. އެކަމަކު އެ ދަތުރުތަކަށް ޓެކްސީއަށް ގިނަވެގެން ނެގޭނެ އަގެއް ޓްރާންސްޕޯޓު އޮތޯރިޓީން މިހާތަނަށް ކަނޑައަޅާފައެއް ނުވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް