ރައީސް ޔާމީން އައްޑޫ ސިޓީއަށް ވަޑައިގެންނަވާތީ އައްޑޫގައި ހުރި ބުރެއް ނަގަނީ

ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އައްޑޫ ސިޓީއަށް ވަޑައިގެންނަވާތީ އައްޑޫ ސިޓީގެ ކޮންވެންޝަން ސެންޓަރަށް ދާ މަގުގައި ހަދާފައި ހުރެ ބުރެއް ނަގައިފިއެވެ. އައްޑޫ ސިޓީން މައުލޫމާތު ދިން މީހެއް "ދުވަސް" ...

10 Sep 2018 | 07:24

ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އައްޑޫ ސިޓީއަށް ވަޑައިގެންނަވާތީ އައްޑޫ ސިޓީގެ ކޮންވެންޝަން ސެންޓަރަށް ދާ މަގުގައި ހަދާފައި ހުރެ ބުރެއް ނަގައިފިއެވެ. އައްޑޫ ސިޓީން މައުލޫމާތު ދިން މީހެއް "ދުވަސް" އަށް މައުލޫމާތު ދެމުން ބުނީ އެބުރުގައި ދަމާފައި ހުރީ އިދިކޮޅު އިއްތިހާދުގެ ދިދަތައް ކަމަށާއި ބުރު އެއްކޮށް ނުނަގާވެސް އޭގައި ހުރި ދިދަ ތަކާއި ފޮޓޯތައް ނެގޭނެކަމަށެވެ. ނަމަވެސް އެބުރު އެއްކޮށް ނެގުމުގެ މަސައްކަތް ކުރަމުންދާކަމަށް އޭނާ ބުންޏެވެ.

މިއަދު ހައުސިންގ މިނިސްޓްރީގެ ސްޓާފުން އައިސް މަގުއެއްކޮށް ބަންދުކޮށްގެން ބުރު ނެގުމުގެ މަސައްކަތް ކުރިޔަށް ގެންދާކަމަށް އޭނާ ބުންޏެވެ. އެ ބުރު ނެގުމަށް ލޯޑަރެއް ބޭނުންކޮށްގެން މަސައްކަތް ކުރާތަން ފެންނަ ފޮޓޯތައް މީސް މީޑިޔާގައި އާންމުވެފައިވާއިރު އެފޮޓޯތަކުން ފެންނަ ގޮތުގައި މުޅި ހިސާބު އޮތީ އެކަން ކުރުމަށް ބަންދުކޮށްފައެވެ. އައްޑޫ ސިޓީން ވާހަކަ ދެއްކި މީހާ ބުނީ އެ ބުރަކީ ކޮންވެންޝަން ސެންޓަރ ހެދިއިރު އެހިސާބުގެ ޓްރެފިކަށް ފަސޭހަ ކުރުމަށް ހަދާފައިވާ ބުރެއްކަމަށެވެ. ހަތަރު އަގޮޅިއަށް ވާގޮތަށް ހުރި މަގުގެ މެދުގައި ހަދާފައި ހުރި މި ބުރު ނަގަނީ އެ ބުރުގައި އިއްތިހާދުގައި ހިމެނޭ ޕާޓީތަކުގެ ދިދަތައް ދަމާފައި ހުރުމުން ކަމަށް އޭނާ ބުންޏެވެ.

ރައީސް ޔާމީން ރަށްރަށަށް ވަޑައިގެންނަވާއިރު ރަށްރަށުގައި ދަމާފައި ހުންނަ އިދިކޮޅު އިއްތިހާދުގެ ދިދަ ފައްޗާއި ބެނާ ތައް މީގެ ކުރިންވެސް ފުލުހުން ވަނީ ނަގާފައެވެ. އަދި ބައެއް ރަށްރަށުގައި ހުންނަ އެމްޑީޕީގެ ޖަގަހަތައް ބަންދުކޮށްފައިވެސް އެބަހުއްޓެވެ. ނަމަވެސް މިފަހަރުގެ ރިޔާސީ އިންތިޚާބާ ދިމާކޮށް ރައީސް ޔާމީން ރަށްރަށަށް ވަޑައިގެންނަވާތީ ރަށެއްގައި ހަދާފައި ހުރި މިފަދަ ތަނެއް ނަގާ މިއީ ފުރަތަމަ ފަހަރެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް