ވެރިއަކަށް ބޭނުންވަނީ ހަމައެކަނި ޞާލިހު މީހެއް ނޫންކަމަށާއި، ވަރުގަދަ ޞާލިހު މީހެއްކަމަށް ރައީސް ޔާމީންގެ ރަނިންމޭޓް ޑރ.މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ އެވެ. ރައީސް ޔާމީނަށް ތާޢީދު ހޯއްދެވުމަށް މިހާރު ދ އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ދ މީދޫގެ ރައްޔިތުންނާ ބައްދަލުކުރައްވާ، ވާހަކަފުޅު ދައްކަވަމުން ޑރ. ޝަހީމް ވިދާޅުވީ، އިސްލާމީ ޝަރީޢަތުގައި އެކަން އޮންނަ ގޮތަކީ ވެރިއަކަށް އަންނަން ވާނީ ވަރުގަދަ ، ގަޓް ހުރި ޞާލިހު މީހެއްކަމަށާއި ހަމައެކަނި ޞާލިހު މީހެއް ނޫން ކަމުގައެވެ.
ޑރ.ޝަހީމް ވިދާޅުވީ އެމީހާ ކިތަންމެ ޞާލިހު މީހަކަށްވިޔަސް އެމީހާގެ ގައިގައި ވަރުގަދަ ކަމާއި ކަންކަމާ ކުރިމަތިލުމުގެ ކެރުންތެރިކަން ނެތިއްޖެނަމަ ގައުމު އޮޔާދާނީކަމަށެވެ. " އެހެންވީމާ ޤައުމުގެ ޒަޢާމަތުގައި ހުންނަންވާނީ ވަރުގަދަ ޝަހުސިއްޔަތެއް. ދިވެހިރާއްޖޭގެ ސިޔާސީ ހަޔާތުގައި ، ދިވެހިރާއްޖޭގެ މިހާރުގެ ސިޔާސީ ވެށީގައި އަޅުގަނޑުމެންނަށް ސިޔާސީ ފަޒާގެ ތެރެއިން ނުފެނޭ ރައީސް ޔާމީން ފަދަ ހިތްވަރުގަދަ ޝަހުސިއްޔަތެއް." ޑރ.ޝަހީމް ވިދާޅުވިއެވެ.
ޑރ.ޝަހީމް ވިދާޅުވީ ރައީސް ޔާމީނަކީ ޖެހިލުންކުޑަ ހިތްވަރުގަދަ ބޭފުޅެއްކަމަށާއި މިރާއްޖެއަށް ބޭނުންވާ ތަރައްޤީ އާ ހަމައަށް ގެންގޮސްދޭނެ ބޭފުޅެއް ކަމަށެވެ. ރައީސް ޔާމީނަކީ އިސްތިއުމާރީ ބާރުތަކާއި ކުރިމަތިލާން ކެރިވަޑައިގެންނަވާ ބޭފުޅެއްކަމަށް ޑރ.ޝަހީމް ވިދާޅުވިއެވެ. މީގެއިތުރުން ބޭރުގެ ނުފޫޒުތަކަށް ރައީސް ޔާމީން ބޯ ނުލެނބުމަކީ ރާއްޖޭގެ ވަރުގަދަ ކަން ހާމަވާ ކަމެއްކަމަށާއި އެއީ ރާއްޖެ އެކަހެރިވުން ނޫންކަމަށް ޑރ.ޝަހީމް ވިދާޅުވިއެވެ. މިސަރުކާރުގެ ޚާރިޖީ ސިޔާސަތުގެ ސަބަބުން ރާއްޖެ އެކަހެރި ވެފައިވާކަމަށް އިދިކޮޅު އިއްތިހާދުގެ ރިޔާސީ ކެންޑިޑޭޓް އިބްރާހީމް މުހައްމަދު ޞާލިހު ވިދާޅުވެފައިވާ ވާހަކައަށް ރައްދުދެއްވަމުން ޑރ.ޝަހީމް ވިދާޅުވީ ،މީގެ ކުރިން ރާއްޖޭގެ ޚާރިޖީ ސިޔާސަތު މިނިވަން ނުވާ މިންވަރަށް މި ސަރުކާރުގައި ރާއްޖޭގެ ޚާރިޖީ ސިޔާސަތު އޮތީ މިނިވަން ކޮށް ކަމަށާއި އޭގެ ސަބަބުން އެތައް ގައުމަކާ އަލަށް ގުޅުން ބަދަހިވެ، ބޭރުގެ އިންވެސްޓްމަންޓްތައް ރާއްޖެ އައިސްފައިވާ ކަމަށެވެ. ބޭރުގެ ޖަމާއަތްތަކުން ރާއްޖޭގެ މައްޗަށް އަންގާ އެންގުންތަކަކަށް ރާއްޖެއިން އަމަލު ނުކުރުމަކީ ރާއްޖެ އެކަހެރިވުން ނޫން ކަމަށް ޑރ.ޝަހީމް ވިދާޅުވި އެވެ. ޑރ.ޝަހީމް ވިދާޅުވި ގޮތުގައި، އެއީ ޚާރިޖީ ގޮތުން ރާއްޖޭގެ ވަރުގަދަ ކަން ހާމަވާ ކަމެކެވެ.
"ކޮމަންވެލްތުން ވެސް ރާއްޖޭގެ މައްޗަށް ވަރަށް ވަރުގަދަ ފިޔަވަޅުތައް އަޅަން އުޅުނު. އެ މީހުން ފިޔަވަޅު އެޅުމުގެ ކުރިން، އެ މީހުންނާ މެދު ރައީސުލްޖުމްހޫރިއްޔާ ފިޔަވަޅު އަޅުއްވައިފި." ކޮމަންވެލްތުން ރާއްޖެ އަށް ފިޔަވަޅު އެޅުމުގެ ކުރިން އެ ޖަމްއިއްޔާ އިން ވަކިވެފައިވާ ކަން ފާހަގަ ކުރައްވައި ޑރ.ޝަހީމް ވިދާޅުވި އެވެ.
ޑރ.ޝަހީމް ވިދާޅުވީ ބޭރުގެ ޤައުމުތަކަށް ރާއްޖެއަށް ފިޔަވަޅު ނޭޅިގެން އުޅެނީ ރައީސް ޔާމީންގެ ވަރުގަދަ ޚާރިޖީ ސިޔާސަތުގެ ސަބަބުންކަމަށެވެ.
ޑރ.ޝަހީމްގެ ވާހަކަފުޅުގައި ވަނީ ސަރުކާރަށް ފާޑުކިޔާ ދީނީ އިލްމުވެރިންނަށްވެސް ރައްދު ދެއްވާފައެވެ. އެގޮތުން " މޫސުމީ ފަތުވާ" ދެއްވާ ދީނީ ޢިލްމުވެރިން އުޅުއްވާކަމަށާއި ސާބިތު ނުހިފޭ ދޮގު ވާހަކަތައް ދެއްކުމަކީ އިސްލާމް ދީން ނަހީ ކުރައްވާފައިވާ ކަމެއްކަމަށް ޑރ.ޝަހީމް ވިދާޅުވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް