މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) އިން ރާއްޖެ ޓީވީ ދެ މިލިއަން ރުފިޔާ އިން ޖޫރިމަނާކުރުމާއި ގުޅިގެން އެފައިސާ ހޯދުމަށް ރާއްޖެޓީވީން އަބުރުފުޅު ފަންޑުފޮށި ނަމުގައި ފަންޑުފޮއްޓެއް ހުޅުވައިފިއެވެ. މި ފަންޑު ފޮށި ހުޅުއްވައިދެއްވީ އެކަމަށްޓަކައި މިއަދު ރާއްޖެޓީވީ ކުރިމަތީގައި ބޭއްވި ރަސްމިއްޔާތެއްގައި ގުޅިފައިވާ ކޯލިޝަންގެ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ޞާލިހު(އިބޫ) އެވެ.
ފަންޑު ފޮށި ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އިބޫ ވިދާޅުވީ ބްރޯޑްކާސްޓިންގ ކޮމިޝަން ޤާނޫނަކުން އުފެއްދީ ވަކި ޓީވީ ސްޓޭޝަނަކަށް ފިޔަވަޅު އަޅާކަށް ނޫންކަމުގައެވެ. ބްރޯޑްކާސްޓިންގެ މައްޗަށް ސަރުކާރުން އަންނަނީ ނުފޫޒު ފޯރުވަމުންކަމަށާއި އިދިކޮޅު ކޯލިޝަންގެ ސަރުކާރެއްގައި ކޮމިޝަން ބަދަލުކުރާނެކަމަށް އިބޫ ވިދާޅުވިއެވެ. އަދި ނޫސްވެރިން ތިބެންވާނީ އެއްވެސް ފަރާތެއްގެ އަޅުވެތިކަމުގައި ނޫންކަމަށާއި ބްރޯޑްކޮމް އިން މި އެޅި ފިޔަވަޅަކީ ޤާނޫނު އަސާސީއަށް ދޭ ހަމަލާއެއްކަމަށް އިބޫ ވަނީ ސިފަކުރައްވާފައެވެ.
" އިދިކޮޅު ކޯލިޝަނުން އުފެދިގެން އަންނަ ސަރުކާރެއްގައި އަމާންކަމާއި ރައްކާތެރިކަމާއެކު އުޅުމުގެ ފުރުސަތު ނޫސްވެރިންނަށް ލިބޭނެ. ޚިޔާލު ފާޅުކުރުމުގެ މިނިވަންކަން، ނޫސްވެރިކަމުގެ މިނިވަންކަން، އެއްވެ އުޅުމުގެ މިނިވަންކަން ލިބިގެންދާނެ. " އިބޫ ވިދާޅުވިއެވެ.
އިދިކޮޅު ކޯލިޝަނުން ބޭއްވި މުޒާހަރާއެއްގައި ދެއްކި ވާހަކަތަކެއް ބްރޯޑްކާސްޓް ކުރުމާ ގުޅިގެން ރާއްޖެ ޓީވީ ޖޫރިމަނާކުރީ މިފަހަރު ދެ މިލިޔަން ރުފިޔާއިންނެވެ. މިއީ ރާއްޖެ ޓީވީ ޖޫރިމަނާ ކުރި ހަތަރު ވަނަ ފަހަރެވެ. ރާއްޖެ ޓީވީން ބުނީ ބްރޯޑްކޮމް އިން ރާއްޖެ ޓީވީ ޖޫރިމަނާކުރީ ޖަވާބު ދާރީވުމުގެ ފުރުސަތުވެސް ނުދީކަމުގައެވެ.
ރާއްޖެ ޓީވީން އަބުރު ފަންޑު ފޮށި މާލޭގައި މިއަދު ހުޅުވިއިރު އަތޮޅުތަކުގައިވެސް ފަންޑު ފޮށި ހުޅުވާނެކަމަށް ރާއްޖެ ޓީވީން ބުނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް