ހުސެއިން ނަސީރުގެ ކެނޑިޑަސީ ފޯމު ބާތިލު ކުރުމުން ސުޕްރީމް ކޯޓަށް

ރިޔާސީ އިންތިހާބުގައި އަމިއްލަގޮތުން ވާދަކުރައްވަން ނިންމެވި ހުސެއިން ނަސީރުގެ ކެނޑިޑެސީ ފޯމު އިލްކެޝަންސް ކޮމިޝަނުން ބާތިލުކުރި މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅުމަށް އޭނާ މިއަދު ނިންމަވައިފި އެވެ. އެ...

10 Aug 2018 | 11:30

ރިޔާސީ އިންތިހާބުގައި އަމިއްލަގޮތުން ވާދަކުރައްވަން ނިންމެވި ހުސެއިން ނަސީރުގެ ކެނޑިޑެސީ ފޯމު އިލްކެޝަންސް ކޮމިޝަނުން ބާތިލުކުރި މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅުމަށް އޭނާ މިއަދު ނިންމަވައިފި އެވެ.

އެގޮތުން ހުސެއިން ކެމްޕޭން ޓީމުން މިއަދު ބީހައިވްގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެކަން ހާމަކޮށް އޭނާގެ ތަރުޖަމާނު އަމްޖަދު ހުސެއިން ވިދާޅުވީ އީސީން ވަނީ ހުސެއިންގެ ހައްގު ނިގުޅައިގެންފައި ކަމަށެވެ. އަދި ފޯމް ބާތިލްކުރި ސަބަބުތައް ކަމަށް ހާމަކުރި ކަންތަކުގައި އެއްވެސް ބުރަދަނެއް ނެތްކަމުގައި އަމްޖަދު ވިދާޅުވި އެވެ.

އަމްޖަދު ވިދާޅުވީ ސޮއިކޮށްފައިވާ މީހުންގެ ފޯމުތައް ހުށަހަޅާފައިވާއިރު އީސީން ބަލާފައިވަނީ ހަމަ އެކަނި އެކްޝެލް ޝީޓަށް ކަމަށާއި އެކްޝެލް ޝީޓުގައި މައްސަލަތަކެއް އުޅުނު ނަމަވެސް މީހުން ސޮއިކޮށްފައިވާ ޝީޓުތަކުގައިވާ ސޮއިތައް ސައްހަ ވާނެ ކަމަށެވެ.

މީގެ އިތުރުން ދާއިމީ އެޑްރެސް ގޯސް ކަމަށް އީސީން ބުނެފައިވާއިރު އަމްޖަދު ވިދާޅުވީ ފޯމުގައި ވަނީ މިހާރުގެ ދާއިމީ ރަޖިސްޓްރީ ހިމަނަން ކަމަށާއި ވޭތުވެދިޔަ 10 އަހަރު ދުވަހުގެ ރަޖިސްޓްރީ ހިމަނަން ފޯމުގައި ނެތް ކަމަށެވެ. އަދި ރަނިންމޭޓެއްގެ ގޮތުގައި ޝެއިޚް ނަސްރުﷲ މުސްތަފާގެ ކުށުގެ ރެކޯޑުގެ މައްސަލަ އުޅޭކަމަށް އީސީން ބުނާއިރު އެއްވެސް ކޯޓަކުން ނަސްރުﷲ މައްޗަށް ކުށެއް ސާބިތުވެފައިވާކަމަށް ބުނެފައިނެތް ކަމުގައިވެސް އަމްޖަދު ވިދާޅުވި އެވެ.

ނޫސްވެރިންގެ އެ ބައްދަލުވުމުގައި ހުސެއިންގެ ރަނިންމޭޓެއްގެ ގޮތުގައި ހުށަހެޅި ނަސްރުﷲ ވިދާޅުވީ ފޯމު ބާތިލުކުރި ސަބަބުތައް އިސްލާހުކޮށް އަލުން ހުށަހެޅުމަށް އެދުމން ފުރުސަތު ދީފައިނުވާކަމަށާއި އިންތިހާބަށް ކުރިމަތިލުމަށް ހުށަހެޅި އެއް ލައްކަ ރުފިޔާއާއި ފޯމްސެޓް ވެސް އީސީން އަނބުރާ ދީފައިނުވާކަމަށެވެ.

އެހެންކަމުން މި މައްސަލަ ސުޕްރީމް ކޯޓަށް ހުށަހަޅަން ނިންމާފައިވާނެ ކަމަށް މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ހުސެއިންގެ ފަރާތުން ފާހަގަކުރައްވާފައި ވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް