ރިޔާސީ އިންތިޚާބުގައި ވާދަނުކުރެއްވުމަށް އުމަރާއި ޝުޖާއު ނިންމަވައިފި

ކުރިޔަށް އޮތް ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާނެކަމަށް އިއުލާންކުރައްވާފައިވާ އުމަރު ނަސީރު އަދި ޝުޖާޢު ހުސައިން އިންތިޚާބުގައި ވާދަނުކުރައްވަން ނިންމަވައިފިއެވެ. އެ ދެ ބޭފުޅުންވެސް އެކަން ހާމަކޮށް ...

10 Aug 2018 | 10:09

ކުރިޔަށް އޮތް ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާނެކަމަށް އިއުލާންކުރައްވާފައިވާ އުމަރު ނަސީރު އަދި ޝުޖާޢު ހުސައިން އިންތިޚާބުގައި ވާދަނުކުރައްވަން ނިންމަވައިފިއެވެ. އެ ދެ ބޭފުޅުންވެސް އެކަން ހާމަކޮށް ވަނީ ބަޔާނެއް ނެރުއްވާފައެވެ.

ރިޔާސީ އިންތިޚާބުގައި ވާދަނުކުރައްވާކަން އިއުލާންކޮށް ކުރީގެ ހޯމް މިނިސްޓަރ އުމަރު ނަސީރު ނެރުއްވާފައިވާ ބަޔާނުގައި ވިދާޅުވެފައިވަނީ މިއީ ފެންނަ ނުފެންނަ ވޯޓެއް ކަމުގައެވެ. އުމަރު ވިދާޅުވެފައިވަނީ ޤައުމު އިސްލާހުކުރުމުގެ މަސައްކަތް ކުރައްވާތާ 10 އަހަރަށް ވުރެ ގިނަ ދުވަސް ވެއްޖެކަމަށާއި މިރިޔާސީ އިންތިޚާބުގައި ވާދަކުރަން ނިންމެވީ އެ މިސްރާބަށް ދިވެހިން ގެންގޮސްދިނުމުގެ އުންމީދުގައި ކަމުގައެވެ. ނަމަވެސް މިއަދުގެ ސިޔާސީ ހާލަތު އޮތްގޮތުން ޚަރުދަނާ ސިޔާސަތުތަކާ ޤައުމު އަމާން މިސްރާބަކަށް ގެންގޮސްދޭނެ ލީޑަރުން އިންތިޚާބު ކުރުމަށްވުރެ ބޮޑަށް ، މިރިޔާސީ އިންތިޚާބު ބަދަލުވެފައި މިވަނީ ފެންނަ ނުފެންނަ ވޯޓަކަށް ކަމަށް އުމަރު ވަނީ ވިދާޅުވެފައެވެ.

" އެހެންކަމުން އަޅުގަނޑުގެ ވަގުތު އަދި ނުޖެހޭކަމަށް ދެކޭތީ، އަޅުގަނޑާމެދު އުންމީދު ކުރައްވާ ހުރިހާ ބޭފުޅުންގެ އަރިހުން މަޢާފަށް އެދޭ ހާލު، މިރިޔާސީ އިންތިޚާބުގައި ވާދަނުކުރަން އަޅުގަނޑު ނިންމައިފީމެވެ. " އުމަރު ނެރުއްވި ބަޔާނުގައިވެއެވެ. ނަމަވެސް ސިޔާސީ މަސައްކަތް ކުރިޔަށް ގެންދަވާނެކަމަށް އުމަރު ވަނީ ވިދާޅުވެފައެވެ.

ރިޔާސީ އިންތިޚާބަށް ވާދަކުރެއްވުމަށް ހުށަހަޅަންޖެހޭ ސޮއި ހަމަކޮށްފައިވާކަމަށް އުމަރު ވަނީ ވިދާޅުވެފައެވެ. އަދި މިހަފްތާތެރޭގައި ގޮތެއް ނިންމަވާނެކަމަށް ކުރިން ވަނީ ވިދާޅުވެފައެވެ. ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާނެކަމަށް އިއުލާންކުރައްވާ އުމަރު ވަނީ އޭނާގެ ސިޔާސަތުތައްވެސް އާންމުކުރައްވާފައެވެ.

ރިޔާސީ އިންތިޚާބުގައި ވާދަނުކުރައްވާކަން އިއުލާންކޮށް އެލްޖީއޭގެ ކުރީގެ ނައިބު ރައީސް ޝުޖާޢު ހުސައިން ނެރުއްވާފައިވާ ބަޔާނުގައި ވިދާޅުވެފައިވަނީ ޤައުމަށް ޒަމާނީ ޑިމޮކްރަސީ ގެނެސް ، ޒުވާނުން ބާރުވެރިކޮށް ، ޤައުމު އައު ފެށުމަކުން ފެށުމަށް ކުރަމުންދާ މަސައްކަތަށް ގިނަ ހުރަސްތަކެއް ކުރިމަތިވަމުން އަންނާތީ ރިޔާސީ އިންތިޚާބުގައި ވާދަނުކުރައްވަން ނިންމެވީކަމުގައެވެ. ޝުޖާޢު ވިދާޅުވެފައިވަނީ ޝުޖާޢު އާއެކު މަސައްކަތްކުރައްވާ ފަރާތްތަކަށް، މިހާރު ގައުމުގައި އޮތް ސިޔާސީ ފިކުރުތަކުން ދުއްތުރާތައް ކުރިމަތިކުރުވަމުން އަންނަ ކަމުގައެވެ. އެހެންކަމުން " އަޅުގަނޑު މިކުރާ މަސައްކަތް ރައްޔިތުންނާ ހަމައަށް ވާސިލްކޮށްދިނުމުގައި ގިނަގުނަ ގޮންޖެހުންތަކެއް ހުރުމާއެކު ، މިފަހަރުގެ ރިޔާސީ އިންތިޚާބުގައި ވާދަކުރުމަށް އަޅުގަނޑު ނިންމި ނިންމުން އަނބުރާ ގެނެސްފީމެވެ. " ޝުޖާޢު ނެރުއްވި ބަޔާނުގައި ވިދާޅުވެފައިވެއެވެ.

ކުރިޔަށް ރިޔާސީ އިންތިޚާބުގައި އަމިއްލަ ގޮތުން ވާދަކުރައްވާނެކަމަށް އިއުލާންކުރެއްވި ދެ ބޭފުޅުން މިވަނީ ކެންޑިޑެންސީ ފޯމް ހުށަނޭޅުއްވުމަށް ނިންމަވާފައެވެ. ކެންޑިޑެންސީ ފޯމް ހުށަހެޅޭނީ މިއަދު 4 ޖަހަންދެންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް