އަލްހަމްދު ލިﷲ ރައްބިލް އާލަމީން. ވައްސަލާތު ވައްސަލާމް އަލާ އަޝްރަފިލް މުރުސަލީން. ސައްޔިދިނާ މުހައްމަދިން ވަ އާލިހީ ވަސަހްބިހީ އަޖްމައީން.
އިއްޒަތްތެރި، ލޮބުވެތޮ ދިވެހި ރައްޔިތުން. އަދި ޤައުމަށް ހެޔޮއެދޭ ހުރިހާ އަޙުންނާއި އުޙްތުން، އަދި ޤައުމުގެ މިނައު ފެތިދިޔަ ނުދިނުމަށް ކަމަރު ބަންނަވައިގެން ތިއްބެވި އެންމެހާ ދިވެހި އަބްތޯލުން. އައްސަލާމް އަލައިކުމް ވަރަހްމަތުﷲ ވަބަރަކާތުހޫ.
މިވަގުތަކީ ގައުމުގެ ހަޔާތުގައި ހަތަރުއަނގޮޅިއަކަށް ހުއްޓި، ކުރިއަށްދާނެ މަގު ނޭގި، އެކި މީހުންގެ ވަސްވާސްތަކުން ކަންފަތާއި ސިކުނޑި ފުރި، ގޮތްހުސްވެ ހެޔޮވިސްނޭ ބައެއް މީހުންވެސް މަގު އޮޅިދާފަދަ ނާޒުކު ދަނޑިވަޅެއް. ދިވެހި ޤައުމު މިވަގުތު މިވަނީ ބިޔަ ރާޅުތަކުން ފުރިފައިވާ ގަދަ، ކަޅު ކަނޑެއްގައި ތަޅަތަޅާ އޮތް ބޯޓެއްގެ މިސާލަށް ބަދަލުވެފަ. އުޑުމަތިން ފެންނަނީ ކަޅު، ބޯ ވިއްސާރަ ވިލާ. ވަށައިގެން ވަނީ ތޫފާނުގެ ބިޔަ ރާޅު. ހިކިފަސް ތަނަކަށް ދެވެން އޮތީ ކައްޕީގެ އިރުޝާދުގެ ދަށުން. ނަމަވެސް ކައްޕިކަން ބޭނުން އެތަކެއް ފަޅުވެރީންނެއް ބޯޓުގައި އެބަތިބި. އޭގެ ތެރެއިން އެންމެ އިޙްލާސްތެރި، އެންމެ ޤާބިލް މީހާއާ ކައްޕިކަން ހަވާލުކޮއްގެން މެނުވީ މި ބޯޓަށް، މި ޤައުމަށް، ސަލަމަތުގެ އައްސޭރިއަކަށް ދެވޭކަށް ނެތް.
ނުބައި އިޙްތިޔާރެއް ކޮއްފިނަމަ ހިކިފަސް ބިމެއް ނުފެނި، މި ބޯޓާއި ހުރިހާ ފަޅުވެރީން ވާނީ ޢަރަގް. ޤައުމު ދާނީ މިނިވަންކަން ގެއްލި، ބިކަވެ، ވިއްސިވިހާލި ވެގެން. މިއީ މިދިވެހި ޤައުމުގެ ދިގު ތާރީޙުގައި އެންމެ މުހިއްމު ނިންމުން ނިންމަންޖެހޭ ވަގުތުކަން ކަށަވަރު. މުސްތަޤްބަލް އޮތީ އަޅުވެތިކަމާއި ބިކަކަމުގައިތޯ، ނުވަތަ މިނިވަންކަމާއި ފާގަތި ކަމުގައިތޯ ނިންމާނީ ތިޔަ ލޮބުވެތި ދިވެހި ރައްޔިތުންނާއި އަބްތޯލުން. މިއީ އިބޫ އެއް، ނަޝީދެއް، ޔާމިނެއް ނުވަތަ ހުސެން ނަސީރެއްގެ ކުރިމަގުގެ ވާހަކައެއް ނޫން. މިއީ މި ލޮބުވެތި ދިވެހި ވަތަނުގެ ސަލާމަތާއި މިނިވަންކަމުގެ ވާހަކަ. ގޮތެއް ނިންމެވުމުގެ ބާރާއި އިޙްތިޔާރު ވަނީ ތިޔަ ރައްޔިތުންގެ އަތްޕުޅުމަތީގަ!
އިއްޒަތްތެރި، ލޮބުވެތޮ ދިވެހި ރައްޔިތުން! މިއީ ތިޔަ ރައްޔިތުންގެ ހަޔާތުގެ ބޮޑު ބަދަލު ގެންނަވަންވީ ވަގުތު. މާޒީގެ އިބްރަތުން އިސްލާހީ މައިދޮރުގެ ތަޅު ހުޅުވަންވީ ވަގުތު.
ތެދުފުޅެއް! އަޅުގަނޑަކީ ސިޔާސީ މައިދާނަށް މުޅިންއާ މޫނެއް، އެކަމަކު މާތްﷲ އިރާދަކުރެއްވިއްޔާ، އަޅުގަނޑު މިހުރީ ދުނިޔޭގެ ނަމޫނާ ޤައުމަކަށް ދިވެހިރާއްޖެ ހަދައި، އިސްލާޙީ ބޮޑެތިބަދަލުތައްގެނެސް، ދިވެހި ޤައުމު ހަމަމަގަށް އެޅުވުމުގެ އެންމެ އިސް މޭސްތިރިއަކަށް ވުމުގެ ފުރިހަމަ އިތުބާރާއި ޢަޒުމުގައި! އަޅުގަނޑު ބޭނުންވަނީ ރައްޔިތުންނާއި ޤައުމަށް ހަމަޖެހުމާއި، އުފާފާގަތިކަމާއި، އަމާންކަން ޙާސިލުކުރެވޭފަދަ ސިޔާސަތުތަކާއި އުސޫލުތަކެއް ގެނެސް ދިނުމަށް. އެފަދަ ސިޔާސަތުތަކާއި އުސޫލުތައް ހިފައިގެންއަންނަ މީހަކީ ކޮންމެހެން ސިޔާސީ ދާއިރާގައި މިހާރުވެސް ޙަރަކާތްތެރިވާ މީހަކަށްވުން ލާޒިމުކަމަކަށް އަޅުގަޑު ނުދެކެން.
ރައްޔިތުންނާއި ޤައުމަށް ކުރިމަތިވެފައިވާ ޙަޤީޤީ މައްސަލަތައް ޙައްލުކޮށް، ޤައުމު އިތުރު މައްސަލަތަކެއްގެ ތެރެއަށް ވައްޓާނުލުމަށް އެންމެ ފުރިހަމަ ގޮތުގައި މަސައްކަތްކުރި އެއްވެސް ސަރުކާރެއް ދިވެހިރާއްޖޭގެ ތާރީޚުގައި އަދި ދުވަހަކުވެސް ފެނިފައި ނެތްކަން ޔަގީން. ދިވެހިރާއްޖޭގައި މަލްޓިޕާޓީ ނިޒާމު ތަޢާރަފުވުމަށްފަހު، ފާއިތިވެދިއަ ދުވަސްތަކުގައި، ދިވެހިރާއްޖޭގައި އުފެދުނު ކޮންމެ ސިޔާސީ ޕާޓީއަކާއި އަދި ކޮންމެ ސަރުކާރެއްގެ ފަރާތުންވެސް، ރަގަޅު ކަންކަމަށްވުރެ ބޮޑަށް ދިވެހިންނަށް ތަޖްރިބާ ކުރަންޖެހުނީ ހިތްދަތިކަމާއި އަނދިރިކަން.
ސިޔާސީ ޕާޓީގެ ނިޒާމު ރާއްޖެއަށް ތަޢާރަފުވެ، އެނިޒާމުގެ ދަށުން ސަރުކާރު ހިންގަން ފެށިފަހުން، ފާތިވެދިޔަ ދުވަސްތަކުގައި ޙަޤީޤީ ހެޔޮބަދަލުތައް ދިވެހި ޤައުމަށާއި ރައްޔިތުންނަށް ގެނެސްދިނުމުގެ ކުޅަދާނަކަމާއި، އިޚްލާސްތެރިކަމާއި އަދި ނަޒާހަތްތެރިކަން ހުރި ވަކި ސިޔާސީ ޕާޓީއެއް ނުވަތަ ވަކި ސިޔާސީ ލީޑަރެއް ފެނިފައެއް ނެތް. މިއަދުގެ ސިޔާސީ ނިޒާމަކީ ފައިސާ އާއި މަޤާމަށް ހެއްލިފައިވާ، " ކޮރަޕްޓް" ސިޔާސީ ނިޒާމެއްގެ ގޮތުގައި ޤަބޫލު ކުރަންޖެހިފައި ވާހިނދު، މިއަދުގެ ސިޔާސީ މަސްރަހުގައި ޙަރަކާތްތެރިވާ، ދޮށީ ބޭފުޅުންވަނީ "ގޯސް މިސާލުތަކެއް" ޤައުމަށް ދައްކުވައިދީފަ. އޭގެ ސަބަބުން ރައްޔިތުންގެ ގިނަބަޔަކަށް ޤަބޫލު ކުރެވިފައިވަނީ ސިޔާސީ ޕާޓީގެ ނިޒާމް ފެއިލްވެއްޖެ ކަމަށް. ސިޔާސީ ޕާޓީތައްވެސް ކުރިއަރާނީ އެންމެ ފުރަތަމް ޤައުމާއި ރައްޔިތުން ކުރިއަރައިގެން ކަން ޤަބޫލުކުރެވުނު ދުވަހަކުން މެނުވީ މިޤައުމަށް ހަޤީޤީ ކުރިއެރުމެއް ނުލިބޭނެ. މިހާރުގެ ސިޔާސީ ޕާޓީތައް ކުރިއަރުވައި، ވަކިމީހަކަށް ނުވަތަ ވަކި ބަޔަކަށް ވެރިކަން ހޯދައިދިނުމަށް "ޖާނުންފިދާ" ވަމުންދާ އަޚުންނާއި އުޚުތުން ފެންނަމުންދާ ހިނދު، މިފަދަ "ފިދާވުންތަކުން" ޤައުމާއި، ރައްޔިތުންނާއި އަދި އަންނަންއޮތް ޖީލުތަކަށް ފައިދާއެއް ލިބެމުންދާ މަންޒަރެއް ނުފެނޭ. ދިވެހިރާއްޖެ ބަދަލުކޮށް، ހަމަމަގަށް އަޅުވަން ބޭނުންނަމަ، ބާމޫނުތަކެއްގެ ބަދަލުގައި ރައްޔިތުންނަށް ހަރުދަނާ ހައްލުތަކެއް ހުށަހަޅާ، ޒުވާން، މުޅިންއާ މޫނުތަކަކަށް، ދިވެހިރާއްޖެ އާއި ދިވެހި ރައްޔިތުން މަރުހަބާ ކިޔަންޖެހޭ ވަގުތު މިވަނީ އައިސްފަ.
އިއްޒަތްތެރި، ލޮބުވެތޮ ދިވެހި ރައްޔިތުން! އަޅުގަޑުގެ މި މެނިފެސްޓޯއަކީ މިހުރިހާ ދަތިތަކަކުން ޤައުމު ސަލާމަތްކޮށް، ރައްޔިތުންނަށް އުފާފާގަތިކަން ގެނެސް ސިޔާސީ ކަސްތޮޅުން ޤައުމާއި ރައްޔިތުން ސަލާމަތްކޮށްދޭނެ ޕްލޭނެއް. މިމެނިފެސްޓޯއިން ސަރުކާރާއި ދައުލަތް ހިންގުމަށް 'އިންޤިލާބީ ބޮޑެތި' ބަދަލު، ދެމެހެއްޓެނިވި ގޮތެއްގައި ގެނެސް، މަލްޓިޕާޓީ ނިޒާމު ތަޢާރަފުވުމުން އުފެދުނު ރާޅުބާނީގައި ދިވެހީންނަށް ކުރިމަތިލާން ޖެހުނު ގެއްލުންތައް ފޫބައްދާނެ. ދައުލަތުގެ ހަޤީޤީ ބާރު ކަމުގައިވާ ރައްޔިތުންގެ ބާރު ރައްޔިތުންގެ އަތަށް އަނބުރާ ގެނެސްދޭނެ ހަމައެކަނި މެނިފެސްޓޯއަކީ މިއީ!
އެގޮތުން: ރައީސުލް ޖުމްހޫރިއްޔާ އާއި މަޖުލިހުގެ މެމްބަރުން، ރައްޔިތުންގެ ސީދާ ވޯޓަކުން އިންތިޚާބުކުރާ ފަދައިން، ޢަދުލުއިންސާފުގެ ބާރުގެ މުހިއްމު މަޤާމުތައް ކަމުގައިވާ އުއްތަމަ ފަނޑިޔާރާއި ހައިކޯޓުގެ އިސްފަނޑިޔާރު، ރައްޔިތުންގެ ސިދާ ވޯޓަކުން 10 އަހަރުގެ ދައުރަކަށް ހޮވުމަކީ ރައްޔިތުންގެ ބާރު ރައްޔިތުނަނަށް ގެނެސް ދިނުމަށް އަޅުގަނޑު ހުށަހަޅާ މުހިއްމު އެއް ސިޔާސަތު. ހަމައެފަދައިން، ރައްޔިތުންގެ މަޖުލީހުގެ ރައީސް އާއި މަޖުލިހުގެ ނައިބުގެ މަޤާމުތަކަކީ، ރައްޔިތުންގެ މަޖުލީހަށް އިންތިހާބުކުރެވޭ މެމްބަރުންގެ ތެރެއިން ހޮވާލެވޭ ފަރާތްތަކެއްގެ ގޮތުގައި އޮތް އޮތުން ނިމުމަކަށް ގެނެސް، މި މުހިއްމު ދެމަޤާމަކީވެސް، ރައްޔިތުންގެ މަޖުލީހަށް މެމްބަރުން ހޮވާފަދައިން، ކޮންމެ ފަސް އަހަރަކުން އެއްފަހަރު ސީދާ ރައްޔިތުންގެ ވޯޓަކުން އިންތިޚާބު ކުރެވޭ ވަކި ދެމަޤާމު ކަމުގައި ހަމަޖެއްސުމާއި، މިދެމަޤާމަށް ރައްޔިތުން އިންތިޚާބުކުރާ ދެފަރާތަކީ، އެއްވެސް ދާއިރާއަކަށް ނިސްބަތްނުވާ މަޤާމުތަކެއް ކަމުގައި ކަނޑައެޅުމަކީވެސް މިފަދަ މުހިއްމު ބަދަލެއް.
އިލެކްޝަން ކަމިޝަންގެ ރައީސް، އޮޑިޓަރ ޖެނެރަލް، މަރުކަޒީ ބޭންކުގެ ގަވަރުނަރ، ކަމިޝަނަރ އޮފް ޓެކްސޭޝަންސް އަދި އެހެނިހެން ހުރިހައި މިނިވަން މުވައްސަސާތަކުގެ އެންމެ އިސްވެރިންގެ މަޤާމުތަކަކީ ވެސް، ސީދާ ރައްޔިތުންގެ ވޯޓަކުން 10 އަހަރުގެ ދައުރަކަށް އިންތިހާބް ކުރެވޭ މަޤާމުތަކެއް ކަމުގައި ހަމަޖެއްސުމަކީވެސް ރައްޔިތުންގެ ބާރު އަނބުރާ ރައްޔިތުންގެ އަތަށް ގެނެސްދިނުމުގެ ސިޔާސަތުގެ މުހިއްމު ބަދަލެއް.
މިދެންނެވި ވޯޓުތައް، ހަރަދު ކުޑަކޮށް ނެގުމަށްޓަކައި، ދިވެހި ރާއްޖޭގެ ޑިމޮކްރެސީ މުޅީން ބަދަލުކޮށް، އެޑިމޮކްރެސީގެ ހަޤީޤީ ބާރުވެރިން ކަމުގައިވާ ދިވެހި ރައްޔިތުންގެ އަތަށް އޭގެ ބާރު ފޯރުކޮށްދިނުމުގެ ގޮތުން، ރާއްޖޭގައި ވޯޓުލުމުގެ ހައްޤު ލިބިފައިވާ ކޮންމެ ފަރުދަކަށް ރަޖިސްޓްރީ ކުރެވޭ މޯބައިލް އެޕްލިކޭށަނެއް ތައާރަފް ކުރުމާއި، މިއެޕްލިކޭށަނަކީ ބޭންކްތަކުން ފައިސާ ޓްރާންސްފަރ ކުރުމަށް ބޭނުންކުރާ ފަދަ ސަލާމަތްތެރިކަން ބޮޑު މޯބައިލް އެޕްލިކޭށަނެއްކަމުގައި ހެދުމާއި، މިދެންނެވި މޯބައިލް އެޕްލިކޭށަން މެދުވެރިކޮށް ދިވެހި ރައްޔިތުންގެ ޚިޔާލާއި ވިންދުހުރި ގޮތް، ބޭނުން އިރަކު، ފަސޭހަ ކަމާއި ޙަރަދު ކުޑަކަމާއިއެކު ބެލުމުގެ ފުރުސަތު ސަރުކާރަށް ލިބިގެން ދާނެ.
ރައްޔިތުންގެ ބާރު ފެންނަނީ ހަމައެކަނި ކޮންމެ ވޯޓެއްނަގާއިރު ކަމުގައި އޮންނަ އޮތުން ބަދަލު ކޮށް، ދައުރުގެ މެދުންވެސް މަޖުލީސް މެމްބަރުން ފަދަ ފަރާތްތައް ވަކިކޮށް، އަލުން އިންތިހާބް ބޭއްވޭނެ ނިޒާމެއް ތައާރަފް ކުރުމާއި، ރައްޔިތުންގެ ވޯޓަކުން އިންތިހާބް ކުރާ ފަރާތްތަކަކީ، ހަޤީޤީ މާނާގައިވެސް، ރައްޔިތުންނަށް ޖަވާބުދާރީ ވާންޖެހޭ ބަޔަކަށް ހެދުމަކީ ދިވެހި ރައްޔިތުންގެ މިމެނިފެސްޓޯގެ އެއް އަސާސް.
"މިނިސްޓަރ" ކަމުގެ ލަޤަބަކީ ރައްޔިތުންގެ ޙާދިމަކަށް ވުމަށްވުރެ ބޮޑަށް ތިމާމީހާގެ ހައިބަތު މަތިކުރާ ނަމަކަށްވާހިނދު، މިމެނިފެސްޓޯ ވެގެންދާނީ، "މިނިސްޓަރ" ގެ ނަމުގެ ބަދަލުގައި އެވަޒީފާގެ ނަމަކީ، "ސެކެޓްރީ" ކަމުގައި ހަދާނެ މެނިފެސްޓޯ އަކަށް. މިސާލަކަށް "ސެކެޓްރީ އޮފް ސްޓޭޓް"، މިފަދަ ގޮތަކަށް މިނިސްޓަރ ކަމުގެ ނަން ބަދަލު ވެގެން ދާނެ. އަދި ހަމަ އެފަދައިން، އިލެކްޝަންސް ކޮމިޝަންފަދަ ހުރިހާ މިނިވަން މުއައްސަސާ ތަކުގެ ރައީސުންގެ މަޤާމުގެ ނަން، "ރައީސް" ގެ ބަދަލުގައި "ޗެއާރމަން" ފަދަ ނަމަކަށް ބަދަލު ކުރެވޭނެ. މިބަދަލުތަކުގެ ބޭނުމަކީ މިނިވަން މުއައްސަސާތަކުގެ "ރައީސުން"ގެ ހައިބަތު މިނަށްވުރެ ބޮޑުވެ، އެބޭފުޅުންނަކީ ރައްޔިތުންނަށް ޙިދުމަތްކުރައްވަން ތިއްބެވި ޚާދިމުންކަން ހަނދުމަފުޅު ނެތުނަ ނުދިނުން.
އިއްޒަތްތެރި، ލޮބުވެތޮ ދިވެހި ރައްޔިތުން! ކޮރަޕްޝަން، ރިޝްވަތް، މަކަރާއި ޙީލަތް މިވަނީ އިތްތިހާއަށް ރާއްޖޭގައި ފެތުރި ފަސާދަ ވެފައި. މިކަމުން ސަލާމަތް ވުމުގެ މުހިއްމު އެއް ފިޔަވަޅެއްގެ ގޮތުން އަޅުގަނޑުގެ ވެރިކަމެއްގައި ކޮރަޕްޝަން، ރިޝްވަތް، މަކަރާއި ޙީލަތާ ބެހޭ ޚާއްޞަ ކޯޓެއް އުފައްދައި، މިޤައުމުން ކޮރަޕްޝަނާއި ރިޝްވަތާއި މަކަރާއި ހީލަތުގެ ނޭއްގާނި ސިފަ ފޮހެލުމަކީ ދިވެހި ރައްޔިތުނަނަށް އަޅުގަނޑުވާ މުހިއްމު އެއް ވައުދު.
ރާއްޖެތެރެ އާއި ވެރިކަން ކުރާ ސިޓީގެ ތަފާތު ކުޑަކުރުމުގެ ގޮތުން ލާމަރުކަޒީ ނިޒާމު އިތުރަށް ވަރުގަދަކޮށް، ކައުންސިލްތަކުގެ ޒިންމާ ފުޅާކޮށް، ކައުންސިލްތައް އިތުރަށް ބާރުވެރިކުރުވުމާއި، ރައްޔިތުންނަށް މައި ސަރުކާރުން ލިބޭ ކޮންމެ ޚިދުމަތެއްވެސް، ކައުންސިލްތަކުން ނުވަތަ ކައުންސިލްތައް މެދުވެރިކޮށް ލިބޭނެ ނިޒާމެއް އަޅުގަނޑު އެކަށަ އަޅާނަން.
ރަށްތަކާއި ބިން އެއްވެސް ބިޑަކަށް ނުލައި ކުއްޔަށް ދެވޭ ގޮތަށް މިހާރު އެކުލަވާލެވިފައިވާ ޤާނުނޫ ވަގުތުން ބަދަލުކޮށް ރައްޔިތުންގެ މަޖުލީހުގެ ދައުރެއް ނެތި، އެމަޖުލީހުން ފާސް ކުރުމެއްނެތި ބޮޑެތި އަދަދުން، ތަރައްޤީގެ ނަމުގައި، ލޯނު ނެގޭގޮތަށް މިހާރު ޤާނޫނުގައި އޮތް އޮތުން ވެސްް ބަދަލުކޮށް، މިފަދަ ބޮޑެތި ލޯނު ނެގޭނީ ރައްޔިތުންގެ މަޖުލީހުން ފާސް ކޮށްގެންކަމުގައިހެދުމާއި، ބިދޭސީންނަށާއި ބޭރު ޤައުމުތަކަށް ރާއްޖޭގެ ބިން މިލްކުވާގޮތަށް ޤާނޫނަށް ގެނެވިފައިވާ ބަދަލު އުވާލައި، ބޭރުގެ އެއްވެސް ފަރާތަކަށް ރާއްޖޭގެ ބިން މިލްކު ނުކުރެވޭ ގޮތަށް ޤާނޫނު އެކުލަވާލުމަކީ މިމެނިފެސްޓޯގެ މުހިއްމު ވައުދުތަކެއް. މިއީ މިކުޑަކުޑަ ޤައުމުގެ މިނިވަންކަމާ ގުޅިފައިވާ މައްސަލައެއް ކަމުން، މިއީ އަޅުގަނޑުގެ ސަރުކާރެއްގައި އެންމެ އަވަހަށް ކުރާނެ ކަންތައްތަކުގެ ތެރެއިން ކަންތައްތަކެއް.
އިއްޒަތްތެރި، ލޮބުވެތޮ ދިވެހި ރައްޔިތުން! ޑްރަގްސްގެ އިތުރުން ރާބުއިމާއި އޭގެ މަނާ ވިޔަފާރި ކުރުންވެސް ރާއްޖޭގައި މިވަނީ އިންތިހާއަސް އާއްމުވެ ފެތުރިފައި. މި ވަބާގެ ނުރައްކާތެރިކަން ފާހަގަ ކޮށް ޑްރަގާއި ރާ ބޭނުންކޮށްގެން ހައްޔަރު ކުރެވޭ ހުރިހާ ފަރާތްތަކަށް ރީހެބިލިޓޭޝަން ދިނުމަކީ ސަރުކާރުގެ މައްޗަށް ލާޒިމު ކަމެއްގެ ގޮތުގައި ކަނޑަ އަޅައި، އެގޮތުން، މާލެ އަތޮޅު ފަދައިން، އުތުރާއި ދެކުނުގައިވެސް ފުރިހަމަ ރީހެބިލިޓޭޝަން ސެންޓަރުތަކެއް ހަދައި، އެތަންތަނަކީ ޑްރަގްގެ އިތުރުން ރާބުއިމަށް ދެވިހިފައިފައިވާ މީހުންނަށްވެސް ރީހެބިލިޓޭޝަންގެ ފަރުވާ ދެވޭ ތަންތަން ކަމުގައި ހެދުމަކީ ޒުވާން ޖީލުގެ ސަލާމަތަށްޓައި ނުހަނު މުހިއްމު ކަމެއްކަން ޔަޤީން.
ދިވެހިރާއްޖޭގެ ހުރިހައި ޖަލުތަކުގެ ފެންވަރާއި، ކުށްވެރިން ގެންގުޅުމާއި އަދި ޖަލުތައް ހިންގުމަށް އިސްލާޙީ ބޮޑެތި ބަދަލުތައް ގެނެސް، ދިވެހިރާއްޖޭގައި އިންޓަނެޓް އަދި ކޭބަލް ޓީ.ވީގެ ޚިދުމަތްތައް ދިނުމުގައި ގެންގުޅޭ އުސޫލުތައް 'ރިވިއު' ކުރުމާއި، އަދި މުޖުތަމަޢުގެ ސަލާމަތާއި ރައްކާތެރިކަމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމާއި، މިބަދަލުތައް ގެނައުމުގައި ސަރުކާރަށް އެހީވެ ލަފާދިނުމަށް އިސްލާމީ ތަރުބިއްޔާ އަދި ފަތުވާދޭ ޤަވްމީ ކައުންސިލެއް އަޅުގަނޑު އުފައްދާނަމެވެ.
އެންމެނަށް ހެޔޮއަގުގައި ބޯހިޔާވަހިކަން ޔަގީންކޮށްދިނުމުގެ ގޮތުން ބިމާއި، ގެދޮރު އަދި ފުލެޓް ގަތުމަށް އެޑްވާންސް ފައިސާ ދައްކަންޖެހޭ ވަކި ގިންތިތަކެއް ތަޢާރަފު ކުރުމާއި، މެދު އަދި އެއަށްވުރެ ދަށްފަންތީގެ އާމްދަނީ ލިބޭފަރާތްތަކުން އެޑްވާންސް ފައިސާ ދައްކަން ނުޖެހޭގޮތަށް ހަމަޖެއްސުމާއި، ފުލެޓް އަދި ގެދޮރު ގަންނަ ފަރާތްތަކަށް، ދަތިކަމެއްނެތި ލޯނުލިބޭނެ މަގު ތަނަވަސްކޮށްދިނުމާއި، ފުލެޓް އަދި ގެދޮރުގެ އަގުތަކަކީ އެންމެ އެކަށޭނެ ރަގަޅު ކުޑަ އަގުކަމުގައި އަޅުގަނޑު ކަށަވަރު ކޮއްދޭނަން.
ޒަމާނުއްސުރެ ދިވެހީންނަކީ ކޮންމެ މީހަކަށް ދައުލަތުން ހިލޭ ބަންޑާރަ ބިމެއް ދިނުމުން އެބިމުގައި ގެދޮރުއަޅައިގެން ދިރިއުޅެމުން އައި ބަޔަކަށް ވީހިދު، ކޮންމެ ދިވެހި ރައްޔިތަކަށް ދިވެހި ބިމުން، ކިތައްމެ ކުޑަ ނަމަވެސް، ބިންކޮޅެއް ދިނުމަކީ މިމެނިފެސްޓޯގެ މުހިއްމު ސިޔާސަތެއްެ. އެގޮތުން، ކައިވެނި ކުރާ ކޮންމެ ދިވެހި ރައްޔިތަކަށް، އަންހެން ވިއަސް ފިރިހެން ވިއަސް، މަދުވެގެން 1000 އަކަފޫޓުގެ ބަންޑާރަ ބިމެއް ދެވޭނެެ. މީގެ ބޭނުމަކީ ކޮންމެ ދިވެހި ރައްޔިތަކީ ވެސް ދިވެހި ބިމުން ކިތައްމެ ކުޑަ ނަމަވެސް ބިންކޮޅެއްގެ މިލްކު ވެރިއަކަށް ހެދުން. ދިވެހި ޤައުމާއި ދިވެހި ބިމަކީ ދިވެހީންގެ މިލްކެއް ކަމުގައިވާ ހިނދު، ކޮންމެ މީހެއްގެ ވެސް ބިމެއް އޮތުމަކީ މިދެންނެވި މިލްކުވެރިކަމުގެ ރަމްޒެއްކަމުގައި އަޅުގަނޑު ދެކެންެ.
އިއްޒަތްތެރި، ލޮބުވެތޮ ދިވެހި ރައްޔިތުން! ކުރިމަތިވެދާނެ ކާރިސާއަކުން ﷲ އިރާދަފުޅުން ސަލާމަތްވުމުގެ ނިޔަތުގައި، ދިވެހިރާއްޖޭގެ ކޮންމެވެސް އެއްއަތޮޅެއް ނުވަތަ ކޮންމެވެސް އަތޮޅަކުން ބައެއް، ދުނިޔޭގެ ބިލިއަނުން އިންވެސްޓު ކުރާފަރާތްތަކާއި ގުޅިގެން، ތިމާވެށީގެ ޚާއްޞަ ދިރާސާއެއް ހަދައި، ޑީޕްސީ ޑްރެޖިން ހަދައިގެން، ކަނޑުގެ ލޮނުގަނޑަށްވުރެ ފަނަރަ ނުވަތަ ވިހި ފޫޓް އުސްކޮށް ހިއްކައިގެން ގާތްގަޑަކަށް އެއްމިލިއަން މީހުން އެއްފަސްކޮށް ސިނާއީ ތަފާތު މަސައްކަތްތަކެއް ކުރެވޭފަދަ އެއްފަސް ކުރެވިފައިވާ ބޮޑު ބިމެއް އުފެއްދުމަކީ ޤައުމުގެ ސިޔާސީ އަދި އިގްތިސާދި ކުރިމަގުގެ ސަލާމަތްތެރިކަމަށްޓަކައި ނުހަނު މުހިއްމު ބިޔަ މަޝްރޫއެއް ކަމުގައި އަޅުގަނޑު ދެކެން. ދުނިޔޭގެ ތަފާތު ޤައުމުތަކުގެ ވިޔަފާރިވެރިންނާއި އަދި ޓޫރިސްޓުންނަށް ޚާއްޞަކޮށް، އިންޑަސްޓްރިއަލް ޒޯނެއް މިގޮތުން އުފެއްދޭ ބޮޑު އުސް ބިމުގައި ކަނޑައަޅައި، މިފަދަ އިންޑަސްޓްރިއަލް ޒޯނެއްގައި، ޓޫރިސްޓުން ގަޔާވާފަދަ ޝޮޕިން މޯލް، ކެފޭ އަދި ރެސްޓޯރަންޓް، ރިސޯޓާއި ހޮޓާ، ފެކްޓަރީތަކާއި އަދި އޮފީސްތަކާއި، ބަނދަރުފަދަ ތަންތަން ހަދައި، އަދި ދިވެހި ރައްޔިތުންގެ ތެރެއިން ބޭނުން މީހުންނަށްއެތަނުން ހެޔޮއަގުގައި ބިން/ފުލެޓް ލިބޭނެ އިންތިޒާމު ހަމަޖައްސައި މިކަމުގެ ސަބަބުން، ރާއްޖޭގެ އިގްތިސާދު އެތައް ގުނައަކަށް ކުރިއަރައި ، ޖީޑީޕީ އެތައްގުނައަށް އިތުރުވެ، ބޮލަކަށް ޖެހޭ ނިސްބަތް އިންތިހާއަށް މަތިވެގެންގޮސް، ރައްޔިތުންގެ ހިތްހަމަޖެހުމުގެ މިންގަޑު އެންމެ މަތީގައި އަބަދުވެސް ހިފެހެއްޓި، ތަރައްޤީވެފައިވާ ޤައުމަކަށް ރާއްޖެ ހެދުމަށް މަގުފަހިކުރުމަކީ މިމެނިފެސްޓޯގެ އެންމެ ބިޔަ މަޝްރޫއު ކަން ޔަޤީން.
މިފަދަ ބޮޑު ބިންހިއްކުމުގެ މަޝްރޫޢެއް ވެގެންދާނީ ކަނޑުގެ ލޮނުގަނޑު އުސްވުންފަދަ ކާރިސާތަކުން ސަލަމަތްވުމަށް އެހީވެދޭނެފަދަ ސޭފް އައިލޭންޑަކަށް. މިތަނުގައި ބައިނަލްއަޤްވާމީ ވައިގެ ބަނދަރަކާއި، ބޮޑެތި އާގު ބޯޓު އެލޯންގްސައިޑް ކުރެވޭ ވަރުގެ ޓްރާންސްޝިޕްމެންޓް ބަނދަރަކާއި، ތަފާތު އުފެއްދުންތައް އުފައްދާ ކާރުހާނާ ތަކާއި، ސްކޫލް، ހޮޓެލް ފަދަ ހުރިހާ ވަސީލަތްތައް ޤާއިމް ކުރެވޭނެ. އަދި ދަނޑުވެރިކަން ކުރާނެ ބޮޑެތި ދަނޑުތަކާއި، އާއްމުކޮށް ބޭނުންކުރާ ތަފާތު މުދާ އުފައްދާ ނުވަތަ ޕެކް ކުރާ ކާރުޙާނާ ތަކާއި، މޮޓޯރ ސައިކަލް ފަދަ ތަކެތި އެސެމްބުލް ކުރާ ކާރުޙާނާ ތައްވެސް ހުރުމަކީ އަޅުގަނޑުގެ ތަސައްވަރު.
މިދެންނެވި ބޮޔަ، ބޮޑު، އުސް ބިމުގެ އިތުރުން، މިހާރު ހަދަމުންގެންދާ މާލެ/ހުޅުމާލެ ބުރިޖާއި ، ހުޅުމާލެ-ގުޅީފަޅު، ވިލިމާލެ-މާލެ، މި ފަސް ރަށް ބްރިޖްގެ ޒަރީއާއިން އެއްފަސްކޮށް ރާއްޖޭގެ ތަރައްޤީގެ ދުވެލި ދެކުނު އޭޝިއާގެ އެންމެ ކުރިއަރާފައިވާ އެއް ޤައުމަށް ވުމަށްޓަކައި މެކުހަށް ޖެހުމަކީ ﷲ އިރާދަފުޅުން އަޅުގަނޑު ހަގީގަތަކަށް ހަދާނެ ކަންތައްތައް.
މިމެނިފެސްޓޯގެ ދަށުން ތައާރަފް ކުރެވޭ، ކުވެއިތު ފަންޑުފަދަ "ދިވެހިފަންޑު" ތަޢާރަފް ކޮށް، ދައުލަތާއި އަދި އަމިއްލަ ވިޔަފާރިތަކަށް އިންވެސްޓް ކުރާނެ ފަންޑަކަށް މިފަންޑު ހެދުމާއި، ބޭރުގެ ދަރަނިތައް ދައްކައި ޚަލާސްކުރުމަށްފަހު، ރާއްޖޭގެ ފޮރިން ކަރަންސީ ރިޒާވް، އެއްބިލިއަން ޑޮލަރަށް އެރުވުމާއި ވެރިކަމާއި ހަވާލުވާދުވަހުން ފެށިގެން އަށާރަމަސްދުވަހުތެރޭ ދިވެހި ބެންކުގެ ގޮތްޕެއް ސްރީލަންކާގެ ވެރިރަށް ކޮޅުބުގައި ގާއިމު ކުރުމާއި، ދައުރު ނިމުމުގެ ކުރިން، ބޭންކު އޮފް މޯލްޑިވުސްގެ ޚިދުމަތް މަދުވެގެން ދުނިޔޭގެ ދިހަ ޤައުމެއްގައި ތަޢާރަފުކޮށް، ދިވެހިބޭންކުގެ ވިޔަފާރި ބައިނަލް އަޤްވާމީ ދުނިޔެއަށް ހުޅުވާލުމާއި، ވެރިކަމާއި ހަވާލުވާދުވަހުން ފެށިގެން އަށާރަމަސްދުވަހުތެރޭ ރާއްޖެގައި އޯފްޝޯ ބޭންކެއް ގާއިމު ކުރުމަކީވެސް އަޅުގަނޑުގެ މުހިއްމު ވައުދުތައް.
ދިވެހިރާއްޖެއަށް އެތެރެކުރާ ބާވަތްތަކުގެ ތެރެއިން ކައްކާތެޔޮ، ސޯސް، ކިރު، ޝަވަރޖެލް، ނޫޑުލްސް، ހަނޑޫ، ފުށް، ހަކުރު ފަދަ އާއްމުކޮށް ބޭނުން ކުރާ ތަކެތި ރާއްޖެއަށް އެތެރެކުރެވޭ މިންވަރު ބަލައި، އެކަމަށް ރިޢާއަތްކޮށް، އެތަކެތި ދިވެހިރާއްޖޭގައި އުފައްދައި، ނުވަތަ އެތަކެތި ގަނޑުކޮށް ނުވަތަ ރޯކޮށް ރާއްޖެ އެތެރެކޮށް، ރިފައިންކޮށް، ޕްރެސެސްކޮށް އަދި ބަންދުކޮށް ދިވެހި ބާޒާރަށް ނެރުމަކީ އަޅުގަނޑުގެ ސަރުކާރެއްގައި ނުހަނު އަހައްމިއްޔަތުކަން ދީގެން ކުރާނެކަމެއް.
ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހައި ރަށެއް، އަލުން "ޑިޒައިން" ކޮށް، މީހުން ދިރުއުޅޭ ރަށްތައްގިރުމަށް ޙައްލެއް ހޯދައިދިނުމާއި، މަގުތައް ތާރުއަޅައި ރަގަޅު ފެންވަރަކަށް ހެދުމާއި، ހިޔާދޭތަފަތު ބޮޑެތި މޭވާ ގަސްތައް ބޮޑެތިމަގުތަކުގައާއި އަދި ބަނދަރުމަތީގައި އިންދައި، ރަށުގެ ފެހިކަން އިތުރުކޮށް ރަށުގެ ރީތިކަން އިތުރުކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކޮށް، ކޮންމެ ރަށެއްގެ މައި މަގުތަކުގެ އަޑީގައި ޔުޓިލިޓީސް ޓަނެލް ގާއިމް ކޮށް، މިދެންނެވި ޔޫޓިލިޓީސް ޓަނެލް ތަކަކީ ކަރަންޓް ކޭބަލް، ފޯން ލައިން، އިންޓަރނެޓް ލައިން، ފެން ހޮޅި، ފާހާނާ ހޮޅި ފަދަ ހުރިހާ ނަރަކާއި ހޮޅި، އެއް ޓަނެލްގެ ތެރެއިން ގެންދެވޭ ގޮތަށް ތައްޔާރު ކޮށްފައިވާ ބޮޑު ޓަނެލްތަކަކަށް ހެދުން، އަދި އޭގެ ސަބަބުން ނަރާއި ހޮޅި ވަޅުލަން ޖެހޭ ކޮންމެ ފަހަރަކު މަގުތައް ކޮންނަން ނުޖެހޭ ގޮތައް ހެދުމަކީ ތިމާވެއްޓާއި މަގުތައް ރައްކާތެރި ކުރުމުގެ މަސައްކަތުގެ އެއްބައި.
އިއްޒަތްތެރި، ލޮބުވެތޮ ދިވެހި ރައްޔިތުން! ނާސަރީ އިން ފެށިގެން ފަސްޓް ޑިގްރީއާ ހަމައަސް ހުރިހާ ދިވެހި ދަރިވަރުންނަށް ރާއްޖޭގައި ހިލޭ ކިޔެވޭނެ ގޮތައް ތައުލީމީ ނިޒާމު ބަދަލުކުރުމަކީ ރާއްޖޭގެ ތައުލީމީ ނިޒާމަށް ގެނެވޭނެ އެންމެ ބޮޑު އެއް ބަދަލު.
ޔުނިވަރސިޓީ ނިންމުމާއި ހަމައަށް، ދިވެހި ދަރިވަރުންގެ ހިތްތަކުގައި އިސްލާމީ ޢަޤީދާ އެންމެ ފުރިހަމަ ގޮތުގައި ބިންވަޅުނެގި ހަރުލެއްވުމުގެ ގޮތުންނާއި، ދިވެހިރާއްޖޭގެ ސްކޫލް މާޙައުލުތަކުގައި ދަރިވަރުންނަށް އަޅާލުމާއި، ރައްކާތެރިކަމާއި އަދި ބެލެހެއްޓުންތެރިކަން އެންމެ ފުރިހަމަ ގޮތުގައި ލިއްބައިދިނުމުގެ އިތުރުން ޙަޤީޤީ އިސްލާމީ ތަރުބިއްޔަތުގެ ބިންގާތައް އެއިގެ އެންމެ ފުރިހަމަ ގޮތުގައި އެޅިގެންދާނެފަދަ މާހައުލުތަކަކަށް ބަދަލުކުރުމުގެ ގޮތުން، ސްކޫލްތައް ހިންގުމަށް ގެންނަންޖެހޭ ބަދަލުތަކާއި، ތަޢްލީމީ މަންހަޖަށް ގެންނަންޖެހޭ ބަދަލުތައްގެނެސް ޒަމާނީ، އިސްލާމީ ރިވެތި ތައުލީމީ ނިޒާމަކަށް ރާއްޖޭގެ ތައުލީމީ ނިޒާމް ބަދަލުކުރުމަކީ އަޅުގަނޑުގެ އެއް ވައުދު.
ވާޒީފާ ނުލިބިފައި ތިބޭ މީހުނަނަށް ވަޒީފާ ހޯދައިދޭން މަސައްކަތް ކޮށް، ވަޒީފާ ލިބެންދެން އަންއެމްޕްލޯއިމެންޓް ބެނިފިޓެއް މަހުން މަހަށް އަޅުގަނޑުގެ ސަރުކާރެއްގައި ތައާރަފް ކުރާނަން. މިއީ ރާއްޖޭގެ ތާރީޙުގައިވެސް އެންމެ ފުރަތަމަ މިފަދަ އަންއެމްޕްލޯއިމެންޓް ބެނިފިޓެއް ދިނުން.
އިއްޒަތްތެރި، ލޮބުވެތޮ ދިވެހި ރައްޔިތުން! ދިވެހިރާއްޖެއަށް އެތެރެކުރެވޭ ހުރިހައި ބޭސްތަކުގެ ފެންވަރު ކަނޑައެޅުމާއި، ޔޫރަޕް ނުވަތަ އެމެރިކާގައި އުފައްދާ ރައްކާތެރި އަދި ފެންވަރު ރަގަޅު ބޭސް، ސީދާ އުފައްދާ ފަރާތްތަކުން ދިވެހިރާއްޖެއަށް އެތެރެކުރުމަށް ބާރުއެޅުމާއި، ދިވެހިރާއްޖޭގައި ހިންގާ ކުލިނިކު، ހޮސްޕިޓަލް ފަދަ ތަންތަނަށް ގެންނަ، މެޝިނަރީ، އިކުޕްމަންޓް ފަދަ ތަކެއްޗަކީ ޔޫރަޕް އަދި އެމެރިކާގައި އުފައްދާފައިވާ އިތުބާރުހުރި އަދި ފެންވަރު ރަގަޅު ތަކެތި ކަމުގައި ހެދުމާއި، އަގުހެޔޮ އަދި ފެންވަރުދަށް މެޝިނަރީ އަދި އިކުޕްމަންޓްފަދަ ތަކެތި ދިވެހިރާއްޖޭގެ ޞިއްޚީ ދާއިރާގައި ބޭނުންކުރުން މަނާކޮށް، ސްޓޭންޑަޑް ތަކެއް ކަނޑަ އަޅައި، ސިއްހީދާއިރާއަށް ބޮޑެތި ކުރިއެރުން ގެނުވުމަށް މިމެނިފެސްޓޯގެ ދަށުން އިންގިލާބީ ބަދަލުތަކެއް ގެނެވޭނެ.
މެޑިކަލް-ޓޫރިޒަމަށް ޚާއްޞަކޮށްގެން މޫދު އަދި އެއްގަމު ކޮޓަރިތަކާއި، އެންމެ ޒަމާނީ ސުޕަ-މަލްޓިޝްޕެޝަލިސްޓް ހޮސްޕިޓަލަކާއި، އެންމެ ޒަމާނީ ޑައިގޮނޯސިސް ސެންޓަރަކާއި، އަޔެރެވެދިކު ޚިދުމަތްދޭ އަޔެރެވެދިކް ހޮސްޕިޓަލެއް ހިމެނޭ ގޮތަށް (މެޑިކަލް ޓޫރިޒަމް) ރިސޯރޓެއް ތަރައްގީ ކޮށްއެރިސޯރޓްގައި އެންމެފަހުގެ ޓެކްނޮލޮޖީ ބޭނުންކޮށްގެން ޚިދުމަތްތައް ޤާއިމުކޮށް ބޭނުންވާނެ އެހެނިހެން ފެސިލިޓީސް ޤާއިމުކޮށް، އެ ޚިދުމަތް ޙާއްސަ ކުރެވޭނީ މުއްސަނދި ފަތުރުވެރިންނަށް ކަމުގައި ވިއަސް ދިވެހިންނަށް ވެސް މިތަނުގެ ޚިދުމަތް ހޯދޭނެގޮތް އަޅުގަނޑު ހަދާނަން.
ބައިނަލްއަޤްވާމީ ފެންވަރުގެ ހޮސްޕިޓަލެއް ރާއްޖޭގެ ދެކުނުން އައްޑޫ ސިޓީގައި އަދި އުތުރުން ކުޅުދުއްފުށީގައި ގާއިމުކޮށް، ދިވެހިންނަކީ ބޭސްފަރުވާގެ ޒަމާނީ، ފެންވަރު ރަނގަޅު ޚިދުމަތް ހޯދަން އިންޑިޔާ ނުވަތަ ޝްރީލަންކާއަށް ދާންޖެހޭ ބައެއްގެ ގޮތުގައި އޮތް އޮތުން އަޅުގަނޑު މުޅިން ބަދަލު ކުރާނަން. ހަމަ އެފަދައިން އަތޮޅުތަކުގެ މީހުންނަކީ ބޭސްފަރުވާގެ ޒަމާނީ، ފެންވަރު ރަނގަޅު ޚިދުމަތް ހޯދަން ކޮންމެހެން މާލެ ނަޔަސް، އުތުރާއި ދެކުނުގެ ދެ ސުޕަރ ހޮސްޕިޓަލުން ޙިދުމަތް ހޯދޭނެ ބަޔަކަށް ހެދުމަކީ އަޅުގަނޑުގެ ތަސައްވަރު.
އިއްޒަތްތެރި، ލޮބުވެތޮ ދިވެހި ރައްޔިތުން! އަޅުގަނޑުގެ ވެރިކަމެއްގައި ދިވެހި ސިފައިންނާއި ފުލުހުންގެ މުއައްސަސާ ތަރައްގީ ކޮއް ޕްރޮފެޝަނަލް ކުރުމަށް ގިނަ މަސައްކަތް ތަކެއް ކުރެވޭނެ. ސިފައިންނާ އަދި ފުލުހުންގެ މުއައްސަސާއަކީ ޒަމާނީ މުއައްސަސާއެއްގެ ގޮތުގައި ފުރިހަމައަށް ޙަރަކާތްތެރި ވުމަށް ބޭނުންވާ ތަފާތު ފެސިލިޓީސްތައް ފޯރުކޮށްދިނުމާއި އަދި މިދެ މުއައްސަސާގައި މަސައްކަތް ކުރާމީހުން ނަޒާޙަތްތެރިކަމާއިއެކު، އުޅެވޭނެފަދަ ދެމެހެއްޓެނިވި އަދި ހަރުދަނާ ނިޒާމުތަކެއް ޤާއިމު ކޮށްދިނުމަކީ ރާއްޖޭގެ ސަލާމަތީ ބާރުތަކުގެ އިޙްލާސްތެރިކަން އިތުރުކޮށް ވަކި ކޮޅަކަށް ނުޖެހި ތިބުމަށްޓަކައި ކޮންމެހެން ކުރަން ޖެހޭ ކަމެއް.
ޕޮލިސް ސާވިސެސް އަކީ ޤަވާޢިދުތަކާއި ޤާނޫނުތައް ތަންފީޒުކޮށް، ނަގަހައްޓައި ދަމަހައްޓާ، ދޭސީ އަދި ބިދޭސީންނަށްވެސް ރައްކާތެރިތަނެއްގެ ގޮތުގައި ރާއްޖެ ބޭއްވުމަށްޓަކައި އިޙްލާސްތެރި މަސައްކަތްތަކެއްކުރާ، އެއްވެސް މިންވަރަކަށް ސިޔާސީ ނުފޫޒު ވަދެފައިނުވާ މުއައްއްސަސާ އަކަށް ބަދަލުކުރުމަކީ އަޅުގަނޑުގެ އެއް ވައުދު.
ރާއްޖޭގެ ސިފައިންގެ ދާއިރާ އިތުރަށް ޕްރޮފެޝަނަލް ކޮށް، ތަރައްގީ ކުރުމުގެ ގޮތުން މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީގެ ދަށުން އެމް.އެން.ޑީ.އެފްގައި ތަފާތު ތިން ގޮތްޕެއް - އާރމީ، އެއަރ ފޯރސް އަދި ނޭވީ - އަޅުގަނޑު އުފައްދާނަން، އަދި، ސިފައިންގެ ތެރޭގައި އަދުލު އިންސާފާއި ޑިސިޕްލިން ވަރުގަދަ ކުރުމަށް އެހީ ވުމުގެ ގޮތުން، އެމް.އެން.ޑީ.އެފްގައި ކޯޓްމާޝަލްސް އުފައްދައި، މިލިޓަރީ ޕޮލިސް ހަރުދަނާކުރުމަކީ މިމެނިފެސްޓޯގެ އެއް އަމާޒު.
ދިވެހިރާއްޖޭގައި އިސްލާމިކް ޓޫރިޒަމް ތަޢާރަފުކުރުމާއިގުޅޭ ދިރާސާއެއް ހަދައި، އެދިރާސާގެ އަލީގައި، އިސްލާމިކް ޓޫރިޒަމް މުޅި ރާއްޖެއަށް ފަތުރައި ދެމެހެއްޓޭނެ ގޮތުގެ މާސްޓާ ޕްލޭން އެއް ހެދުމާއި، އިސްލާމިކު ޓޫރިޒަމްގެ ނަމޫނާ އިސްލާމިކު ރިސޯޓެއް ރާއްޖޭގެ ދެކުނާއި އުތުރުގައި ސަރުކާރުން ހެދުމަކީ މިމެނިފެސްޓޯގެ ނުހަނު މުހިއްމު ސިޔާސަތެއް.
ދިވެހިރާއްޖޭގައި އަލަށް މިސްކިތްތައް ބިނާކުރާއިރު، ކޮންމެ މިސްކިތެއްގައި ކީރިތި ޤުރުއާން ހިލޭ ކިޔަވައިދިނުމަށް ޚާއްޞަ ކުލާސްރޫމްތަކާއި، ދީނީ މުބާރާތްތައް ބޭއްވުމަށް ކުލާސްރޫމް ހެދުމާއި އަދި ކޮންމެ މިސްކިތެއްގައި މިސްކިތް މެނޭޖްކުރާނެ ކުޑަ އޮފީހެއް ހުރުމާއި، ކޮންމެ މިސްކިތަކަށް ބަޖެޓެއް ކަނޑައެޅުމާއި އެބަޖެޓަކީ ފަރުޞު ރޯދަހިފާ ފަރާތްތަކާއި އަދި ސުންނަތް ރޯދަހިފާ ފަރާތްތަކަށް ރޯދަ ވީއްލުން ހަމަޖެއްސުމާއި، މިސްކިތުގައި އިޢްތިކާފަށްތިބޭ ފަރާތްތަކަށް ހާރުކެއުން ހަމަޖެއްސުންފަދަ ކަންތައް ކުރަންދެވޭ ބަޖެޓެއްކަމުގައި އަޅުގަނޑު ހަދާނަން.
ކީރިތި ޤުރުއާން ހިތުން ދަސްކުރާ މީހުންނަށް ސަރުކާރުން އެއްފަހަރާ، ގަނޑުކޮށް، ފަންސާސްހާސް ރުފިޔާ ދެވޭގޮތައް ޤަވާއިދު ބަދަލުކޮށް، ޤުރުއާން ހިތުދަސްކުރުމަކީ އާއްމުކަމަކަށް ހެދުމަށް އަޅުގަނޑު މަސައްކަތް ކުރާނަން.
ބަރަހަނާ ސައިޓު ތަކަށާއި، ވަހުށީއިންޓަނެޓް ސައިޓު ތަކަށް އެއްވެސް ހުރަހެއްނެތި ދިވެހިރާއްޖޭގައި ވަދެވޭގޮތަށް އޮންނަ އޮތުން ނިމުމަކަށްގެނެސް ދިވެހިރާއްޖޭގައި އިންޓަނެޓް އަދި ކޭބަލް ޓީ.ވީގެ ޚިދުމަތްތައް ދިނުމުގައި ގެންގުޅޭ އުސޫލުތައް "ރިވިއު" ކުރުމާއި، އަދި މުޖުތަމަޢުގެ ސަލާމަތާއި ރައްކާތެރިކަމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމާއި، މިޚިދުމަތްތައް ދިނުމުގައި، އިސްލާމީ ތަރުބިއްޔާ އަދި ފަތުވާދޭ ޤަވްމީ ކައުންސިލްގެ ލަފައާއި އިރުޝާދާއި އެއްގޮތަށް ކުރިއަށް ގޮސް މިފަދަ ހުރިހާ ނުބައިކަމަކަށް ނިމުންގެނެސް އަޅުގަނޑު އިސްލާޙް ކުރާނަން.
އެއަރޕޯރޓް ހޮޓަލާއި ސަފާރީ ތަކަކީ ޚާއްސަކޮށް ދިވެހީންނަށް ޤަވާއިދާ ޙިލާފަށް ރާ ފޯރުކޮށްދޭ ތަންތަން ކަމަށް ބެލެވޭ ހިނދު އެއަރޕޯރޓް ހޮޓަލާއި ސަފާރީތަކުގައި ރާ ގެންގުޅެންޖެހޭ އުސޫލުތައް އަޅުގަނޑުގެ ސަރުކާރެއްގައި ވަރުގަދަކުރާނަން.
ކޭބަލް ޓީވީ އިން ދައްކާ، އިސްލާމީ ރިވެތި އަޚްލާގާ ޙިލާފް ޗެނެލް ތައް ހުއްޓުވުމަށްޓަކައި މިކަމާގުޅޭ މިންގަނޑުތަކާއި ޤަވާއިދުތައް ތައާރަފް ކޮށް، ފަސް ނަމާދުގެ ބަންގި ގަޑީގައި ކޭބަލް ޓީވީގެ ބޭރު ޗެނެލްތައްވެސް މަދުވެގެން 5 މިނިޓަށް މެދު ކަނޑާލައި، ބަންގި އާއި ދުއާ ގެނެސް ދިނުން ލާޒިމްވާގޮތައް ޤަވާއިދު ބަދަލުކޮށް، މިގޮތަށް މެދު ކަނޑާލަން ހުއްދަ ނުދޭ ޗެނެލްތައް ރާއްޖޭގައި ދެއްކުން އަޅުގަނޑު މަނާ ކުރާނަން.
އިއްޒަތްތެރި، ލޮބުވެތޮ ދިވެހި ރައްޔިތުން! މަސްވެރިކަމަކީ މިގައުމުގެ ހަޤީޤީ ލޭނާރުކަމަށް އަޅުގަނޑު ހަދާނަން. މަސްވެރި ޢާއިލާތަކަށް އެހީވުމުގެ ގޮތުން މަސްވެރި އާއިލާތަކުގެ ދިރިއުޅުމުގެ ޙާލަތާއިބެހޭ ޚާއްޞަ ޤައުމީ ސާވޭ އެއްހަދައި، މަސްވެރި ޢާއިލާތައް ރަޖިސްޓްރިވުމަށް ހުޅުވާލައި، ފާއިތުވެދިޔަ، ފަސްއަހަރުގެ އާމްދަނީއަށް ބަލައި، ވަކިވަރެއްގެ އާމްދަނީއަށްވުރެ ދަށުން ލިބޭ މަސްވެރި ޢާއިލާތަކަށް، ރަށު އަދި އަތޮޅު ކައުންސިލްތައް މެދުވެރިކޮށް، ޢިނާޢަތްތަކެއް ދިނުމަކީ އަޅުގަނޑުގެ ސިޔާސަތެއް. އެގޮތުން: ތެޔޮ، އެންދަމަން ބޭނުންކުރާ ދާ، ސާޗްލައިޓް، ޑައިވިން ސާމާނު ފަދަ ތަކެތި ކްރެޑިޓަށް ލިބޭނެ އިންތިޒާމެއް ހަމަޖެއްސުމާއި، މިސާލަކަށް އިންޖީނު މައްސަލަޖެހުންފަދަ ކަމެއްކުރިމަތިވެ، މާލީ ޙާލަތު ހުރިގޮތުން، އެފަދަ ކަމެއް ޙައްލުނުވެ ދިގުލައި، މަހަށްފުރުން ލަސްވެ، ލިބޭ އާމްދަނީދަށަށް ގޮސްދާނެކަމުގެ ބިރުއޮންނަ ޙާލަތްތަކުގައި މަސްވެރިންނަށް އިންޓަރެސްޓް ފްރީ ލޯނު ދިނުމަކީވެސް މިމެނިފެސްޓޯގެ ދަށުން ކުރެވިގެން ދާނެ ކަމެއް.
ދިވެހިރާއްޖޭގެ ފަސް ޞަރަޙައްދެއްގައި، އެންވެރިން އުފެއްދުމަށްޓަކައި މީގެ ކުރިން ބަޔަކު ހިތަށްވެސް ނާރާ ފަދަ މަސައްކަތްތަކެއް އަޅުގަނޑުގެ ސަރުކާރަކުން އިންޝާﷲ ކުރާނެ. އެގޮތުން އެންވެރިކަމުގެ ތަޢްލީމާއި ހުނަރު ލިބޭފަދަ ކޯސްތަކެއް ތަޢާރަފުކޮށް، އެންވެރިންނަށް ބޭނުންވާނެ އުޅަނދުތަކާއި، ވަސީލަތްތައް އެއްބަސްވެވޭ އުސޫލުތަކެއްގެ މަތިން ހަމަޖައްސައި ދިނުމާއި، މިމަސައްކަތުގެ 'އިންފުރަސްޓްރަކްޗާ' ޤާއިމުކުރުމަށް ފަންނީ ލަފާދީ، ދިވެހިރާއްޖޭގެ ތަފާތު ފަސް ޞަރަޙައްދެއްގައި އެން ގެންގުޅޭނެ ކޮށިތައް ހަދައި، އެންވެރިކަމަކީ ވަކި ވިޔަފާރިއެއްގެ ގޮތުގައި ހަދައި، މަސްވެރިން އެމީހުންގެ މަސްވެރިކަމަށް ބޭނުންވާ އެންތައް، އެންވެރިން އަތުން ގަންނާނެފަދަ އުސޫލުތަކެއް އަޅުގަނޑު ތައާރަފް ކުރާނަން.
ރާއްޖޭގެ ދަންޑުވެރިކަން ކުރިއެރުވުމަށްޓަކައި އަތޮޅު އަދި ރަށު ކައުންސިލްތައް މެދުވެރިކޮށް، ކަމުގެ ފަންނީ ބޭފުޅުންގެ އެހީގައި، ދިވެހިރާއްޖޭގެ ކޮންމެ އަތޮޅެއްގެ ޚާއްޞަ ރަށްތަކެއްގައި ތަރުކާރީ އާއި މޭވާގެ ބާވަތްތައް ދެމެހެއްޓެނިވި ގޮތެއްގައި ހައްދަންފެށުމާއި، މީހުން ދިރިއުޅޭ ރަށްތަކުގައި ބިންއޮތް މިންވަރަށް ބަލައި، ތަރުކާރީ އަދި މޭވާގެ ބާވަތްތައް ދެމެހެއްޓެނިވި ގޮތެއްގައި ހައްދަން ފެށުމާއި، އަދި ކޮންމެ އަތޮޅެއްގައި ގަސްތަކަށްޖެހޭ ބަލިތައް ދަނެގަނެ އަދި ފަރުވާދޭނެ ޚާއްޞަ ޑޮކްޓަރެއްގެ އިތުރުން ޢިލްމާއި ތަޖުރިބާ ލިބިގެންތިބި އޮފިސަރުން ބައިތިއްބައި، މިދާއިރާގައި ޙަރަކާތްތެރިވާ ކޮންމެ ދަނޑުވެރިއަކީވެސް، ކަމުގެ ހުނަރާއި އަދި ތަމްރީނު ލިބިފައިވާ މީހުންނަށް ހެދުމަކީ އަޅުގަނޑުގެ ސިޔާސަތެއް.
ފަތުރުވެރި ކަމުގެ ދާއިރާއަށް ބަލާއިރު، ފެކަލްޓީ އޮފް ހޮސްޕިޓަލިޓީ އިން ހިންގާ ހުރިހައި ކޯސްތަކަކީ އޮންލައިންކޯސް ތަކަކަށްހަދައި، ސްވިޒަރލޭންޑުގެ މަޝްހޫރު އަދި އިތުބާރުހިފޭ އިންސްޓިޓިއުޓްތަކުން ޤަބޫލުކުރާ ފެންވަރުގެ ކޯސްތަކަކަށް އެކޯސްތައް ހެދުމަކީ ފަތުރުވެރިކަމުގެ ދާއިރާއަށް ފެންވަރުރަނގަޅު ދިވެހި މުއައްޒަފުން އުފެއްދުމަށް އަޅުގަނޑު އަޅާނެ މުހިއްމު އެއް ފިޔަވަޅު.
ރާއްޖޭން ބޭރުން ރާއްޖޭގެ ކޮލެޖް ތަކަށާއި ޔުނިވަރސިޓީތަކަށާއި ފްލައިންގ ސްކޫލްފަދަ ތަންތަނަށް ބޭރުގެ ދަރިވަރުން ގެނެވޭނެފަދަ ނިޒާމެއް ގާއިމްކޮށް، އެޑިއުކޭޝަނަލް ޓުއަރިޒަމް ތައާރަފުކުރުމާއިބެހޭ ދިރާސާއެއް ހަދައި، އެކަމާއިގުޅޭ މާސްޓާރ ޕްލޭނެއް މިމެނިފެސްޓޯގެ ދަށުން ހެދިގެންދާނެ.
ގެސްޓްހައުސް ވިޔަފާރި ދެމެހެއްޓެނިވި ގޮތެއްގައި މުޅި ރާއްޖޭގައި ކުރިއަށް ގެންދެވޭނެ އުސޫލުތަކެއް އެކަށައަޅައި، މިދާއިރާއަށް މުޅިންއަލަށް ވަންނަން މަސައްކަތްކުރާ ވިޔަފާރިވެރިންނަށް އިންވެސްޓްމަންޓް ހޯދައިދިނުމުގައި ސަރުކާރުން ގެރެންޓީ ދިނުމާއި، މިވިޔަފާރިކުރުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ލުއިފަސޭހައިން ރަށްތަކާއި ބިން ލިބޭނެގޮތް ހަމަޖެއްސުމާއި އަދި މިވިޔަފާރީގެ ލުއިފަސޭހައަށްޓަކައި، ޓޫރިސްޓުންގެ ދަތުރު ފަތުރާއިބެހޭ ހަރުދަނާ އަދި އަގުހެޔޮ ނިޒާމެއް ތަޢާރަފު ކުރުމާއި، ގެސްޓު ހައުސް ވިޔަފާރި ހިންގާ ކޮންމެ ރަށަކީވެސް، ފެނާއި އަދި ނަރުދަމާ ފުރިހަމަ ވެފައިވާ ރަށްތައް ކަމުގައި ކަށަވަރު ކުރުމަކީ މިވިޔަފާރި އިތުރަށް ފުޅާވެ، ތަރައްޤީވެ، މެކުހަށް ޖެހުމަށްޓަކައި ކުރެވޭނެ މުހިއްމު ބައެއް ކަންތައްތައް.
ގެސްޓް ހައުސް ވިޔަފާރި ފުޅާ ކުރުމަށް ޓަކައި މޯލްޑިވިއަން ފަދަ އެތެރޭގެ ވައިގެ ޙިދުމަތްދޭ އެއަރލައިން ތަކުން ފަތުރުވެރިންނަށް ޓިކެޓް ވިއްކާ އަގު، ދިވެހިންނަށް ވިއްކާ އަގާ އެއްހަމައަކަށް އަޅުގަނޑުގެ ވެރިކަމެއްގައި ތިރި ކުރާނަން.
ދުނިޔޭގެ މުއްސަދިންނާއި، މަޝްހޫރު ފަރާތްތަކަށާއި އަދި ޢުމުރުން ދުވަސްވީ ފަރާތްތަކަށް އަމާޒުކޮށް ދިވެހިރާޢްޖޭގައި މެޑިކަލް ޓޫރިޒަމް ތަޢާރަފު ކުރުމަށްޓަކައި، ދިވެހިރާއްޖޭގެ ދެ ޞަރަޙައްދެއްގައި، ރީތި ބޮޑު ދެރަށް މެޑިކަލް-ޓޫރިޒަމަށް ޚާއްޞަކޮށްގެން މޫދު އަދި އެއްގަމު ކޮޓަރިތައް ހިމެނޭގޮތަށް މިމެނިފެސްޓޯގެ ދަށުން ތައްޔާރުކުރެވޭނެ. މިއިން ކޮންމެ ރަށެއްގައި، ސުޕަ-މަލްޓި-ޝްޕެޝަލިސްޓް ހޮސްޕިޓަލެއް ޤާއިމުކޮށް އެންމެ ޒަމާނީ ޑައިގްނޯސިސް ސެންޓަރަކާއި، އަޔެރެވެދިކު ޚިދުމަތާއި، ޝޮޕިން މޯލް އަދި ތީމް ޕާކު، ސްޕާ އަދި ތަފާތު މަސާޖު ތެރަޕީގެ ޚިދުމަތާއި، މެޑިކަލް ރިސާޗް ޔުނިޓަކާއި އެކު ތަރައްޤީކޮށް އެދެރަށުގައި އެންމެފަހުގެ ޓެކްނޮލޮޖީ ބޭނުންކޮށްގެން ޚިދުމަތްތައް ޤާއިމުކޮށް ބޭނުންވާނެ އެހެނިހެން ފެސިލިޓީސް ޤާއިމުކުރަން ދުނިޔެއަށް ހުޅުވާލުމާއި، މިރަށްތަކަކީ ޔޫރަޕް އަދި އެމެރިކާފަދަ ޤައުމު ތަކުގެ މެޑިކަލް ކޮލެޖްތަކާއި އަދި މެޑިކަލް އެސޯސިއޭޝަންތަކާއި އެފިލިއޭޓްކޮށް، ތަފާތު ޤައުމުތަކުގެ މުއްސަނދިންނާއި، މަޝްހޫރު މީހުންނާއި، ޢުމުރުން ދުވަސްވީ މީހުން ބޭސްފަރުވާ އާއިއެކު އަރާމުކޮށްލުމަށް އަންނަ ތަންތަންކަމުގައި ހެދުމަކީ އަޅުގަނޑުގެ ސިޔާސަތެއް.
ކޮންފަރެންސް ޓޫރިޒަމް ރާއްޖޭގައި ފުޅާ ކުރުމަށްޓަކައި، މާލޭގައި މިހާރުހުރި ދަރުބާރުގެ ތަޅާލުމަށް ފަހު ދިހަ ބުރީގެ ބޮޑު (ކޮންފަރެންސްތަކަށް ޚާއްސަ) ހޮޓަލެއް އެބިމުގައި ބިނާ ކޮށް، ރާއްޖެ އަދި ބޭރުމީހުންނަށްވެސް ހެޔޮއަގުގައި ކޮންފަރެންސް ބޭއްވޭފަދަ، އެކަމަޑޭޝަން އަގު ހެޔޮ ތަނަކަށް އަޅުގަނޑުގެ ސަރުކާރަކުން ދިވެހި ރާއްޖެ ހަދާނަން.
ޑިވާސްޓޭޝަން ޓޫރިޒަމް ތައާރަފް ކުރުމުގެ ގޮތުން ސުނާމީ އަކުންހަލާކުވެފައިވާ ރަށެއްއޮންނަ ގޮތަށް ރަށެއް ބިނާ ކޮށް، ސުނާމީ މިއުޒިއަމް އަކާއި އެކު ތަރައްގީ ކޮށް، މިރަށުގައި ސުނާމީއާ ބެހޭ މައުލޫމާތުދޭނެ ކްލާސް ހޯލާއި، ސުނާމީއާގުޅޭ ސްވެނިއަރ ވިއްކާ ފިހާރައާއި، ސުނާމީއާ ގުޅޭ މަޖާ ނަންނަން ދީފައިވާ ކާބޯތަކެތި ވިއްކާ ކެފޭއެއް ގާއިމް ކޮށް އެރަށުގެ ސަބަބުން ފަތުރުވެރިކަމުގެ ދާއިރާއަށް އިތުރު އާމްދަނީ ލިބޭނެ މަގުތައް މިމެނިފެސްޓޯގެ ދަށުން ހުޅުވިގެނދާނެ.
ދިވެހި ފިލްމް އިންޑަސްޓްރީއާއި ހޮލީވުޑް އަދި ބޮލީވުޑްފަދަ ފިލްމް އިންޑަސްޓްރީތަކުގެ ފިލްމްތައް ޝޫޓް ކުރުމަށް އަގުހެޔޮ ރަނގަޅު މަންޒިލަކަށް ރާއްޖެ ހެދުމަށްޓަކައި، މޫވީ އައިލޭންޑެއް ތައާރަފް ކޮށް، ފިލްމު ޝޫޓް ކުރުމަށް ބޭނުންވާ ކެރޭނުފަދަ ހުރިހާ ޓެކްނިކަލް ސާމާނު އެރަށުން ކުއްޔަށް ލިބޭ ގޮތަށް ހަދައި ސްޓެންޑަޑް ސެޓްތަކެއް އަބަދުވެސް ބޭނުން ކުރެވޭ ގޮތަށް ހަދައި، ފިލްމް ޝޫޓް ކުރަން އަންނަ ފަރާތްތަކަށް އަގުހެޔޮކޮށް އެކަމަޑޭޝަނާއި ދަތުރުފަތުރު ކުރެވޭނެ ގޮތްހަމަޖެހިފައިވާ މޫވީ އައިލޭންޑެއް އަޅުގަނޑުގެ ވެރިކަމެއްގައި ބިނާކުރާނަން.
ރާއްޖޭގެ ރަށްތައް ކިތައްމެ ރީތިވެފައި ހިތްގައިމުވިއަސް އެފަދަ ރިސޯރޓް ތަކާއި ރަށްތަކުގައި ޗުއްޓީ ހޭދަކުރުމުގެ ފުރުސަތު ދިވެހީންނަށް އާއްމުކޮށް ލިބުމުގެދޮރު ހަނިވެފައި ވުމާއެކު، ރާއްޖޭގެ ރީތި ގޮޑުދޮށްތަކުން ދިވެހިންނަށް ހިތްހަމަޖެހުން ލިބޭފަދަ ގޮތަކަށް
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް