ކ. ދިއްފުށީގައި އެއްބަނޑު އެއްބަފާ އަންހެނެއްގެ ބޯ ފަޅާލައި ދަރިފުޅު ގަދަކަމުން އަތުލަން އުޅުނު ބައްޕައަކު ހައްޔަރުކޮށްފިއެވެ.
މި މައްސަލައިގާ ކޯޓު އަމުރެއްގެ ދަށުން ރޭގެ ވަގުތެއްގައި ހައްޔަރުކޮށްފައިވަނީ އުމުރުން 40 އަހަރުގެ މީހެއް ކަމަށް ފުލުހުން ބުނެއެވެ.
ދުވަހަށް މައުލޫމާތުދެމުން އެ ރަށު މީހަކު ބުނީ ހައްޔަރުކުރި މީހާ އަކީ އަބަދުވެސް ކުށުގެ ވެށީގައި އުޅެމުން އަންނަ މީހެއް ކަމަށާއި މިހާރު އުމުރުން ހަތް އަހަރުވެފައިވާ ފިރިހެން ދަރި ގަދަކަމުން ގެންދަން އުޅުނީ، ހައްޔަރު ކުރި މީހާގެ އެއްބަނޑު އެއްބަފާ ދައްތަގެ ބެލުމުގެ ދަށުގައި އެ ފިރިހެން ދަރި ހުއްޓާ ކަމަށެވެ.
"އުމުރުން ތިން މަހުން ފެށިގެން އެ ފިރިހެން ކުއްޖާ ބަލަނީ ދައްތަ، އެ ފިރިހެން މީހާ އަބަދު ކުށުގެ ވެށީގަ އުޅެނީ، އެ ކުއްޖާގެ މަންމަވެސް ހަމަ އެފަދަ ގޮތަކަށް، ދެން އެ ފިރިހެން މީހާގެ ދައްތަ ބޭނުންވެގެން ތިން މަހުން ފެށިގެން އެ ކުއްޖާ އާއި ހަވާލުވެ މިހާތަނަށް ބަލާ ބޮޑު ކުރީ" ދުވަހަށް މައުލޫމާތު ދިން މީހާ ބުންޏެވެ.
އޭނާ ކިޔާދިން ގޮތުގައި އެ ބައްޕަ އިއްޔެ މެންދުރެއްހާއިރުން ފެށިގެން މަސައްކަތް ކުރީ ގަދަކަމުން އެ ކުއްޖާ ލައްވާ ފޯމެއްގައި ސޮއި ކުރުވުމަށެވެ. އަދި އެކަމުގެ ތެރޭގައި އެ ކުއްޖާއަށް ވަޅިން ބިރު ދެއްކުމާއި އެ ފިރިހެން މީހާގެ ދައްތަ ބޯފަޅާލުންވެސް ހިމެނޭކަމަށް ދުވަހަށް މައުލޫމާތުދިން މީހާ ބުންޏެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް