ރައްޔިތުންގެ މަޖިލީހުގައި ކާށިދޫ ދާއިރާ ތަމްސީލުކުރައްވާ، އަމިއްލަ މެމްބަރު އަބްދުﷲ ޖާބިރު މިއަދު މަޖިލީހުގައި ނަން އިއްވައި މަޖިލީހުގެ ތަޅުމުން ބޭރުކޮށްލައިފިއެވެ.
މިއަދު ވަރަށް ކޯފާ އިސްކުރައްވާފައި ހުންނެވި މެމްބަރު ޖާބިރު ވަނީ ކުންފުނިތަކާ ބެހޭ ކޮމިޓީން އިސްތިއުފާވެސް ދެއްވާފައެވެ.
މިއީ މި ދައުރުގައި މެމްބަރެއްގެ ނަން އިއްވައި މަޖިލީހުގެ ތަޅުމުން ބޭރުކޮށްލި ފުރަތަމަ ފަހަރު ކަމުގައިވާއިރު އޭނާގެ ނަން އިއްވީ ތަކުރާރުކޮށް އަޑުގަދަކުރުމުންނެވެ.
ނިޒާމީ ނުކުތާއެއް ނަންގަވައި، މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ޖާބިރު ސުވާލެއް ކުރެއްވިއެވެ. "ދައުލަތުގެ ހަޒާނާގެ ތަޅުދަނޑި ނަޝީދަށް ލިބިވަޑައިގެންނެވިތޯ؟" ޖާބިރު ސުވާލުކުރެއްވިއެވެ.
އެއާއެކު ރިޔާސަތުގައި އިންނަވައި، ނަޝީދު ވިދާޅުވީ އެއީ ނިޒާމީ ނުކުތާއެއް ނޫން ކަމަށެވެ. ނަމަވެސް ޖާބިރު ގެންދެވީ ހުއްޓުމެއްނެތި ހަރު އަޑުން ވާހަކަ ކުރިއަށް ގެންދަވަމުންނެވެ. ނަން އިއްވައި ތަޅުމުން ބޭރުކުރީ ނަން އިއްވަން ޖެހިދާނެކަމަށް ރިޔާސަތުން ތަކުރާރުކޮށް އިއުލާނު ކުރުމަށްފައެވެ.
މަޖިލީހުގެ ތަޅުމުން ބޭރު ކުރުމުން އެ ދުވަހުގެ ޖަލްސާގައި އެ މެމްބަރަކަށް ބައިވެރިވެވަޑައިނުގެންނެވޭނެއެވެ. ނަމަވެސް ކޮމިޓީތަކުގައި ބައިވެރިވެވަޑައިގެންނެވޭނެއެވެ.
ކުންފުނިތަކާ ބެހޭ ކޮމިޓީން ޖާބިރު އިސްތިއުފާ ދެއްވީ އެ ކޮމިޓީގެ ބައްދަލުވުން ކުރިއަށްދިޔައިރު ކޮމިޓީގެ މުގައްރިރު، ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބާ ހޫނު ބަހުގެ ހަމަލާތަކެއް ބަދަލުކުރުމަށްފަހުގައެވެ. ކޮމިޓީ ދޫކޮށް ޖާބިރު ވަޑައިގެންނެވީ އިސްތިއުފާ ދެއްވިކަން އިއުލާނުކުރުމަށްފަހުގައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް