ކުރިޔަށް އޮތް ރިޔާސީ ދައުރަށް ހޮވިވަޑައިގެންފި ނަމަ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް މިހާރު ދެމުންދާ އެލަވަންސް 5،000 ރުފިޔާއަށް ބޮޑު ކޮށްދެއްވާނެ ކަމަށް ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ.
މިހާރު ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ދެނީ 2،000 ރުފިޔާގެ އެލަވަންސެކެވެ. ރައީސް މިގޮތަށް ވައުދުވެވަޑައިގެންނެވީ މިއަދު މ. އަތޮޅަށް ކުރެއްވި ދަތުރުފުޅުގައި އެ އަތޮޅު މުލީ ރައްޔިތުންނާއި ބައްދަލު ކުރައްވާ ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް ޔާމީން ވިދާޅުވީ އެމަނިކުފާނުގެ ވެރިކަމުގެ ދެވަނަ ދައުރުގެ ފުރަތަމަ ދުވަހުން ފެށިގެން ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ދޭ އެލެވަންސް ބޮޑުކޮށްދެއްވާނެ ކަމަށެވެ.
ރައީސް ވިދާޅުވީ އިތުރު ދައުރަކަށް ހޮވިވަޑައިގެންފި ނަމަ ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް އިތުރު ފުރުސަތުތަކެއް ހޯއްދަވައިދެއްވާނެ ކަމަށެވެ. ރާއްޖޭގެ އާބާދީއަށް ބަލާނަމަ އެކި ކަންކަމުންނާއި އެކި ހިއްސުތަކުން މަހްރޫމްވެފައި ތިބި މީހުން ކޮންމެ ރަށެއްގައިވެސް ތިބިއިރު، އެ ކުދިންނަށް އިތުރު ކަންތައްތަކެއް ކޮށްދެއްވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.
އެގޮތުން "ގާބިލް" ގެ ނަމުގައި ހާއްސަ މަޝްރޫއެއް ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް އަމާޒުކޮށްގެން ފަށާނެ ކަމަށް ވިދާޅުވި އެވެ. އެ މަޝްރޫއުގެ ތެރެއިން ވަޒީފާ ނުލިބޭ ކުދިންނަށް ވަޒީފާ ހޯދައިދިނުމާއި، ބޭނުންތައް ފުއްދުމަށް ލޯނު ނެގޭނެ އިންތިޒާމު ހަމަޖައްސަވާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ސަރުކާރުން ދެމުންދާ 2،000 ރުފިޔާގެ އެލަވަންސް ބޮޑު ކުރުމަށް މަކުނުދޫ ދާއިރާގެ އަދާލަތު ޕާޓީގެ މެމްބަރު އަނާރާ ނައީމް މަޖިލީހަށް އިސްލާހެއް ހުށަހެޅުއްވި އެވެ. އެކަމަކު އެ އިސްލާހު ވަނީ މަޖިލީހުން ބޭރުކޮށްލާފައި އެވެ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް