ރެއާލްގެ ތަރި ރޮނާލްޑޯ ޔުވެންޓަސް އަށް ބަދަލު ވެއްޖެ

ރެއާލް މެޑްރިޑްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ އެ ޓީމު ދޫކޮށް ޔުވެންޓަސް އަށް ބަދަލުވެފައިވާކަން ރެއާލް މެޑްރިޑުން ރަސްމީކޮށް ހާމަކޮށްފިއެވެ. ފާއިތުވި ދެތިން މަސްދުވަހު ރޮނާލްޑޯ ރެއާލް ދޫކޮށްލާކަމުގެ އަ...

10 Jul 2018 | 16:16

ރެއާލް މެޑްރިޑްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ އެ ޓީމު ދޫކޮށް ޔުވެންޓަސް އަށް ބަދަލުވެފައިވާކަން ރެއާލް މެޑްރިޑުން ރަސްމީކޮށް ހާމަކޮށްފިއެވެ.

ފާއިތުވި ދެތިން މަސްދުވަހު ރޮނާލްޑޯ ރެއާލް ދޫކޮށްލާކަމުގެ އަޑުތައް އެކި ގޮތްގޮތަށް އިވެމުން ދިޔައިރު، މި ހަފުތާ ތެރޭގައި އޭނާ ޔުވެންޓަސްއަށް ބަދަލުވިކަން ރަސްމީކޮށް އިއުލާނު ކުރާނެކަމަށް މީގެ ކުރިން ވެސް މަޝްހޫރު ނޫސްތަކުން ވަނީ ރިޕޯޓް ކޮށްފައެވެ.

ރެއާލްގެ އެންމެ މުހިންމު ކުޅުންތެރިޔާގެ ގޮތުގައި ހުރި އުމުރުން 33 އަހަރުގެ ކްރިސްޓިއާނޯ ރޮނާލްޑޯ 9 އަހަރަށްފަހު ރެއާލް މެޑްރިޑް ދޫކޮށްލަން ނިންމިއިރު، ބެލެވޭގޮތުގައި ޔުވެންޓަސް އިން އޭނާ ގަތުމަށް ވަނީ 105 މިލިޔަން ޔޫރޯ ހުށަހަޅާފައެވެ. އަދި 4 އަހަރު ދުވަހުގެ އެއްބަސްވުމަކާއެކު ޔުވެންޓަސް އިން ރޮނާލްޑޯއަށް އަހަރަކު 30 މިލިޔަން ޔޫރޯގެ މުސާރައެއް ދޭނެކަމަށް ވެސް ބެލެވެއެވެ.

"މިއަދު، ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާކަން ސާބިތު ކޮށްދީފައިވާ އަދި ދުނިޔޭގެ ފުޓްބޯޅަ އާއި މި ކްލަބްގެ ތާރީޚްގައި ވެސް އެންމެ ވިދުން ގަދަ ދުވަސްތައް ގެނެސްދިން ކުޅުންތެރިޔާ މި ކްލަބާ ވަކިވެފައިވާކަން ހިތާމައާއެކު ހާމަކުރަމެވެ" ރެއާލް އިން ރޮނާލްޑޯ ޔުވެންޓަސް އަށް ބަދަލުވިކަން ރަސްމީކޮށް ހާމަކޮށް ނެރެފައިވާ ބަޔާނުގައި ވެއެވެ.

ހޯދައިދިން ތަށިތަކާއި ކާމިޔާބީގެ އިތުރުން ރޮނާލްޑޯއަކީ ބުރަ މަސައްކަތާއި، ފުރިހަމަ ޚިދުމަތާއި، ކުރިއެރުން ހޯދުމާއި، ޒިންމާދާރު ކަމުގައި ނަމޫނާއެއްކަން ރެއާލްގެ ބަޔާނުގައި ފާހަގަ ކޮށްފައިވާއިރު، މިއީ އެ ކްލަބާއި އެ ކްލަބްގެ ސަޕޯޓަރުންނަށް ލިބޭނެ ވަރަށް ބޮޑު އުނިކަމަކާއި މާޔޫސްކަމެއްކަން ޔަގީނެވެ.

ކްރިސްޓިއާނޯ ރޮނާލްޑޯ ރެއާލް މެޑްރިޑާއެކު 9 އަހަރު ހޭދަކުރިއިރު، ކުޅުނު 438 މެޗުން ވަނީ 451 ލަނޑު ކާމިޔާބު ކޮށްދީފައެވެ. އަދި ރެއާލް މެޑްރިޑާއެކު އޭނާ ވަނީ ޗެމްޕިއަންސް ލީގު 4 ފަހަރު އަދި ސްޕެނިޝް ލީގުގެ ތަށި 3 ފަހަރު އުފުލާލާފައެވެ. މީގެ އިތުރުން ވެސް ރެއާލް މެޑްރިޑްއާއެކު ކްލަބް ފެންވަރުގަޔާއި، އަމިއްލަ ގިނަގުނަ އެވޯޑްތަކާއި ކާމިޔާބީތައް ވެސް އޭނާ ވަނީ ހޯދާފައެވެ.

ރެއާލްގެ އެންމެ މުހިންމު ކުޅުންތެރިޔާ އެ ކްލަބާ ވަކިވިއިރު، މި ޓްރާންސްފާ މާކެޓްގެ ތެރޭގައި އެ ކްލަބުން އަގުބޮޑު މަޝްހޫރު ކުޅުންތެރިއަކު ގެންނާނެކަން ކަށަވަރުވާކަމަށް ބޭރުގެ މީޑިޔާތަކުން ވަނީ ރިޕޯޓް ކޮށްފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް