އެމްޑީޕީގެ އިސްވެރިން ގަޔަށް ކަޅުތެޔޮ ޖަހައިފި

އިދިކޮޅު އިއްތިހާދުގެ ކެންޑިޑޭޓު އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ހުޅުމާލޭގައި މިއަދު ކެމްޕެއިން ކުރައްވަމުން ގެންދަވަނިކޮށް އެމްޑީޕީގެ އިސްވެރިން ތަކެއްގެ ގަޔަށް ކަޅުތެޔޮ ޖަހައިފި އެވެ. އެމްޑީޕީން...

10 Jul 2018 | 15:29

އިދިކޮޅު އިއްތިހާދުގެ ކެންޑިޑޭޓު އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ހުޅުމާލޭގައި މިއަދު ކެމްޕެއިން ކުރައްވަމުން ގެންދަވަނިކޮށް އެމްޑީޕީގެ އިސްވެރިން ތަކެއްގެ ގަޔަށް ކަޅުތެޔޮ ޖަހައިފި އެވެ.

އެމްޑީޕީން މިއަދު ހުޅުމާލޭގައި ކުރިޔަށް ގެންދިޔައީ ދޮރުން ދޮރަށް ކެމްޕެއިނެވެ. އެ ހަރަކާތުގެ ތެރެއިން އިސްވެރިންގެ ގަޔަށް ކަޅުތެޔޮ ޖެހުމުގެ ކުރިން ވަނީ އިބޫއަށް ހަމަލާދޭންވެސް ދެ ސަރަހައްދަކުން ދެ މީހަކު މަސައްކަތް ކޮށްފައި އެވެ.

ކަޅުތެޔޮ ޖަހާފައިވަނީ ކެމްޕެއިން ޓީމުން ކޮރަލް ވިލް ފްލެޓުތަކުގައި އާންމުންނާއި ބައްދަލު ކުރައްވަމުން ގެންދަނިކޮށެވެ. ކަޅު ތެޔޮ ޖެހީ އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފާއި އެމްޑީޕީގެ ނައިބު ރައީސް މުހައްމަދު ޝިފާޒާއި މާލެ ސިޓީ ކައުންސިލްގެ ކުރީގެ މޭޔަރު އިބްރާހިމް ޝިހާބާއި އިދިކޮޅު ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުންނާއި އާންމުންގެ ގަޔަށެވެ.

އެމްޑީޕީން ބުނީ ޒުވާނުންތަކެއް އެ ސަރަހައްދަށް ގޮސް ކަޅުތެޔޮ ޖެހި އިރު ދުރުގައި ފުލުހުންގެ ވެހިކަލެއްވެސް އޮތް ކަމަށާއި އެކަމަކު އެކަން ހުއްޓުވާފައި ނުވާ ކަމަށެވެ. އެމްޑީޕީން ދަނީ ކަޅު ތެޔޮ ޖެހުމާއި އިބޫއަށް ހަމަލާދިނީ ޕީޕީއެމް އިން ކަމަށް ތުހުމަތު ކުރަމުންނެވެ.

ހުޅުމާލޭގައި މިއަދު ހިނގާދިޔަ ކަންކަމަށް ފަހުވެސް އެމްޑީޕީން ވަނީ ހުއްޓާނުލާ ކެމްޕެއިން ހަރަކާތްތައް ކުރިޔަށް ގެންގޮސްފައި އެވެ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް