އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓު އިބްރާހިމް މުހައްމަދު ސޯލިހު ހުޅުމާލޭގައި ކެމްޕެއިން ކުރައްވަނިކޮށް ބަޔަކު ހަމަލާދޭން މަސައްކަތް ކޮށްފި އެވެ.
އެމްޑީޕީގެ ކެމްޕެއިން ޓީމާއި އެކު އިބޫ ހުޅުމާލެއަށް ވަޑައިގެންނެވީ ދޮރުން ދޮރަށް ކެމްޕެއިން ހަރަކާތެއްގެ ތެރެއިންނެވެ. އިބޫއަށް ހަމަލާދޭން މަސައްކަތް ކުރީ ހުޅުމާލޭ ސެންޓްރަލް ޕާކު ސަރަހައްދުންނާއި ޗައިނާ ޓައުން ސަރަހައްދުން ނެވެ.
ސެންޓްރަލް ޕާކު ކައިރިން އިބޫއަށް ހަމަލާދީ މާރާމާރީ ހިންގުމަށް މަސައްކަތް ކޮށްފައިވަނީ ސައިކަލެއްގައި އައި ދެމީހުންގެ ތެރެއިން އެކެކެވެ. އެ ސަރަހައްދުގައި ތިބި އެމްޑީޕީގެ އިސް ބޭފުޅުންނާއި އިބޫގެ ސެކިއުރިޓީން ވަނީ އޭނާ ވަށާލައި ރައްކާތެރިކަން ފޯރުކޮށްދީ، ކާރަކަށް އަރުވައިގެން ގެންގޮސްފަ އެވެ.
އެކަމަކު ޗައިނާ ޓައުން ސަރަހައްދުން މާ ބޮޑު ހަމަނުޖެހުން ނުހިނގަ އެވެ. އިބޫ ވަނީ އޭގެ ފަހުންވެސް ހުއްޓާ ނުލާ ކެމްޕެއިން ހަރަކާތް ކުރިޔަށް ގެންދަވާފައި އެވެ.
މިކަމާ ގުޅޭގޮތުން ފުލުހުން މިހާތަނަށް އެއްޗެއް ހާމައެއް ނުކުރެ އެވެ.
އިބޫއަށް ހަމަލާ ދޭން މަސައްކަތް ކުރީ ކޮން ބައެއްކަމެއްވެސް ނޭނގެ އެވެ. އެކަމަކު އެމްޑީޕީގެ ނައިބު ރައީސް މުހައްމަދު ޝިފާޒު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ އިބޫއަށް ހަމަލާދޭން މަސައްކަތް ކުރީ ޕީޕީއެމްގެ އެކްޓިވިސްޓުންތަކެއް ކަމަށެވެ.
އިބޫ ވަނީ މާލެ އާއި ވިލިމާލޭގައިވެސް ދޮރުން ދޮރަށް ކެމްޕެއިން ކުރިޔަށް ގެންދަވާފަ އެވެ. އެކަމަކު ހަމަނުޖެހުމެއް ހިނގާފައެއް ނުވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް