ޖުމްހޫރީ ޕާޓީގެ ފަރާތުން އިދިކޮޅު އިއްތިހާދުގެ ރަނިން މޭޓުގެ ގޮތުގައި ކަނޑައަޅާ ބޭފުޅެއްގެ ނަން އިއުލާނު ކުރުން އަވަސް ކޮށްފި އެވެ.
ކުރިން ހަމަޖެހިފައި އޮތީ މިމަހުގެ 14 ވަނަ ދުވަހު ރަނިން މޭޓު ކަމަށް ކުރިމަތިލާ މީހުންގެ މެދުގައި ޕްރައިމަރީއެއް ބާއްވާ ބޭފުޅަކު ކަނޑައެޅުމަށެވެ. އެކަމަކު މިހާރު ނިންމާފައިވަނީ އެއް ދުވަސް އަވަސް ކޮށް 13 ވަނަ ދުވަހު ރަނިން މޭޓަކު ކަނޑައެޅުމުގެ ވޯޓު ނެގުމަށެވެ.
ޖޭޕީގެ ޗީފް ސްޕޯކްސްޕާސަން އަލީ ސޯލިހު ވިދާޅުވީ މިގޮތަށް ނިންމީ އެ ޕާޓީގެ ކައުންސިލްގެ 118 ވަނަ ބައްދަލުވުމަށް ރައީސް އަލީ ވަހީދު ހުށަހެޅުއްވި އިސްލާހަކަށް ވޯޓަށް އަަހައިގެން ކަމަށެވެ. އެ އިސްލާހު ފާސްވެފައިވަނީ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި 34 މެންބަރުންގެ ތާއީދާއި އެކު ކަމަށް އޭނާ ވިދާޅުވި އެވެ.
މިހާރު ހަމަޖެހިފައިވަނީ ރަނިން މޭޓަކު ކަނޑައެޅުމުގެ ވޯޓު 13 ވާ ހުކުރު ދުވަހުގެ ރޭ 9:00 ގައި ނެގުމަށެވެ.
ޖޭޕީން ވަނީ ރަނިން މޭޓަކަށް ކުރިމަތި ލުމުގެ ފުރުސަތު އެ ޕާޓީ މެންބަރުންނަށް ވަނީ ހުޅުވާލާފައި އެވެ. ރަނިން މޭޓަކު ކަނޑައެޅުމަށް ބާއްވާ ޕްރައިމަރީގައި ވާދަ ކުރާ ފަރާތްތަކުގައި ހުންނަން ޖެހޭ ޝަރުތުތަކަކީ ދިވެހި ރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނު އަސާސީގެ 109 ވަނަ މާއްދާގައި ބަޔާން ކުރާ ރައީސުލް ޖުމްހޫރިއްޔާގެ މަގާމަށް ވާދަ ކުރާ މީހެއްގެ ގައިގަ ހުންނަން ޖެހޭ ޝަރުތުތަކެވެ.
އެ މަގާމަށް ޝައުގުވެރިވާ ފަރާތްތަކުން އެ ޕާޓީގެ އޮފީހަށް ނުވަތަ އީމެއިލް މެދުވެރިކޮށް ހުށަހަޅަން ޖެހެނީ ޕާސްޕޯޓު ސައިޒު ފޮޓޯ އަކާއި އެމީހެއްގެ ވަނަވަރެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް