ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް، މިއަދު ހެނދުނު މުލަކަތޮޅު ދިއްގަރަށް ވަޑައިގެންފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ދިއްގަރަށް ފައިބާވަޑައިގެންނެވުމާއެކު އެރަށު ރައްޔިތުންގެ ފަރާތުން ވަރަށް ހޫނު މަރުޙަބާއެއް އެމަނިކުފާނަށް ދެންނެވި ކަމުގައި ރައީސް އޮފީހުން ވިދާޅުވެ އެވެ.
ރައީސް އޮފީހުން ހާމަކުރައްވާފައިވާގޮތުގައި ރައީސުލްޖުމްހޫރިއްޔާ ދިއްގަރަށް ކުރައްވާ މިދަތުރުފުޅަކީ އެމަނިކުފާނު، މިއަދު މުލަކަތޮޅުގެ ބައެއް ރަށްރަށަށް ފެއްޓެވި ދަތުރުފުޅުގެ ތެރޭގައި ހިމެނިގެން ކުރައްވާ ދަތުރުފުޅެކެވެ. އެމަނިކުފާނުގެ މިދަތުރުފުޅުގައި ދިއްގަރު ބަނދަރު ހުޅުއްވައިދެއްވުމާއި، ދިއްގަރުގައި ޤާއިމުކޮށްފައިވާ ނަރުދަމާގެ ނިޒާމްގެ ޚިދުމަތް އިފްތިތާޙް ކުރުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވުމަށް ވަނީ ހަމަޖެހިފައެވެ.
ރައީސުލްޖުމްހޫރިއްޔާ މުލަކަތޮޅުގެ ބައެއް ރަށްރަށަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މުލަކުގައި ޤާއިމުކޮށްފައިވާ ނަރުދަމާގެ ޚިދުމަތް ރަސްމީކޮށް ފައްޓަވައިދެއްވުމަށްވެސް ވަނީ ހަމަޖެހިފައިވާކަމަށާއި އަދި އެއަތޮޅު މުލީ ބިން ހިއްކުމުގެ މަޝްރޫޢުގެ ނިމުން ފާހަގަކުރުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެން، ކޮޅުފުށީ ބަނދަރު ހުޅުއްވައިދެއްވުމަށްވެސް ވަނީ ހަމަޖެހިފައި ކަމުގައިވެސް ރައީސް އޮފީހުން ހާމަކުރައްވަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް