ހޮހޮޅައިން ސަލާމަތްކުރި އަށް ކުދިންގެ ހާލުވެސް ރަނގަޅު: އޮފިޝަލުން

ތައިލެންޑްގެ ހޮހޮޅައިން މިހާތަނަށް ސަލާމަތްކުރި އަށް ކުދިންގެ ހާލުވެސް ރަނގަޅު ކަމުގައި ތައި އޮފިޝަލުންނާއި ހަވާލާދީ ބީބީސީގައި ރިޕޯޓް ކޮށްފި އެވެ. މީގެ 17 ދުވަސް ކުރިން އެ ހޮހޮޅައިގާ ތާށިވި، ފުޓްބޯޅަ...

10 Jul 2018 | 05:01

ތައިލެންޑްގެ ހޮހޮޅައިން މިހާތަނަށް ސަލާމަތްކުރި އަށް ކުދިންގެ ހާލުވެސް ރަނގަޅު ކަމުގައި ތައި އޮފިޝަލުންނާއި ހަވާލާދީ ބީބީސީގައި ރިޕޯޓް ކޮށްފި އެވެ.

މީގެ 17 ދުވަސް ކުރިން އެ ހޮހޮޅައިގާ ތާށިވި، ފުޓްބޯޅަ ޓީމެއްގެ 12 ކުދިންނާއި އެ ކުދިންގެ ކޯޗުގެ ތެރެއިން މިހާތަނަށް އަށް ކުއްޖަކު ވަނީ ސަލާމަތުން ހޮހޮޅައިން ނެރެފަ އެވެ. އެއީ އިއްޔެ ހަތަރު ކުދިން އަދި އޭގެ ކުރީ ދުވަހު ހަތަރު ކުދިންނެވެ.

އޮފިޝަލުންނާއި ހަވާލާދީ ބީބީސީގައި ރިޕޯޓްކޮށްފައިވާގޮތުގައި އެ ކުދިންގެ ސިއްހީ ހާލަތު ދެނެގަތުމަށް މިހާރު ޓެސްތްތަކއް ކުރިއަށް ގެންގޮސްފައިވެ އެވެ. އަދި ފުއްޕާމޭގައި އިންފްލެމޭޝަން އުފެދިފައިވާތީ އެކަމަށް ފަރުވާ ދެމުން އަންނައިރު ހަތް ދުވަސް ވަންދެން އެ ކުދިން ސިއްހީގޮތުން މޮނީޓަރ ކުރަމުން އަދި ފަރުވާދެމުންދާނެ ކަމަށް ބުނެފައި ވެ އެވެ.

ތަމް ލުއާންގ ހޮހޮޅައިގާ އަދިވެސް އެ ޓީމުގެ ކޯޗުގެ އިތުރުން ޓީމުގެ ހަތަރު ކުއްޖަކު ތާށިވެފައި އެބަތިއްބެވެ. އެކުދިން ސަލާމަތް ކުރުމަށް މިއަދު އަލުން އޮޕަރޭޝަން ފަށާނެ ކަމަށް ބުނެފައި ވެ އެވެ.

"ސިއްހީ ގޮތުންވެސް އަދި ނަފްސާނީ ގޮތުންވެސް އެ ކުދިންގެ ހާލު ރަނގަޅު" ތައި ހެލްތު މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ ބުނެފައި ވެ އެވެ.

އެ ކުދިން ހޮހޮޅައިގާ ތާށިވީ މިދިޔަ މަހުގެ 23 ވަނަ ދުވަހުގައި އެވެ. ޕްރެކްޓިސް ނިންމާލުމަށްފަހު އެސިސްޓެންޓް ކޯޗާއެކު 12 ކުދިން ހޮހޮޅައަށް ވަނީ ވިއްސާރަ މޫސުމެއްގައި އެ ހޮހޮޅައަށް ނުވަނުމަށް އިލްތިމާސްކޮށް ބޯޑެއް ހަރުކޮށްފައިހުރިނަމަވެސް އެ ކުދިން އެ ސަރަހައްދަށް ދިޔަވަގުތު މޫސުން ރަނގަޅަށް އޮތުމުންނެވެ.

އެ ކުދިންނާއި ކޯޗު ހޮހޮޅައިގާ ތާށިވީ ހޮހޮޅައަށް ވަން ފަހުން ވިއްސާރަވެ ހޮހޮޅައިގާ ފެންބޮޑުވުމުންނެވެ. އޭގެ ނުވަ ދުވަސް ފަހުން އެ ކުދިން ފެނިފައިވަނީ އިނގިރޭސިވިލާތުގެ ދެ ޑައިވަރަކަށެވެ. އެ ކުދިން ސަލާމަތް ކުރުމުގެ ބިޔަ ބޮޑު އޮޕަރޭޝަންގައި ދުނިޔޭގެ އެކި ގައުމުތަކުން ތަޖުރިބާކާރު ޑަކުޓަރުންނާއި ޑައިވަރުންނާއި ކަމާއިބެހޭ މާހިރުން އަންނަނީ ހަރަކާތްތެރިވަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް