ރާއްޖޭގެ ސިޔާސީ ކަންކަމުގައި ދީން ހަތިޔާރަކަށް ބޭނުންކުރާ ވާހަކަ އަބަދުވެސް ދައްކައެވެ. މިކަމުގައި ވަކި ޕާޓީއެއް ވަކި ސިޔާސީ މީހެއް ނެތެވެ. ސިޔާސީގޮތުން އެންމެ ހޫނު ގަދަވި ދުވަސްވަރު އޭރުގެ ރައީސް، މައުމޫން އަބްދުލް ގައްޔޫމް ޔަގީންކަންދެއްވީ އެމަނިކުފާނުގެ އޭރުގެ ޕާޓީ ޑީއާރުޕީ އަކީ ދީނަށް ލޯބިކުރާ ދީން ހިމާޔަތްކުރާނެ ޕާޓީ ކަމަށެވެ. ޑީއާރުޕީން ދެއްކި ވާހަކަ އަކީ އެމްޑީޕީ ވެރިކަމަށް އައިސްފިނަމަ އިސްލާމްދީނަށް އިހާނަތްތެރިކޮށް ހިތާނެ ކަމުގެ ވާހަކަ އެވެ. އެމްޑީޕީގެ އެންމެ ބޮޑު މަސައްކަތަކަށްވީ ދީނީ އިލްމުވެރިން މެދުވެރިކޮށް ރައީސް މައުމޫން ދީނަށް ސަމާލުކަންނުދެއްވާ މިންވަރު ހާމަކުރުމެވެ. އިސްލާމީ ކަންތައްތަކަށް ވަކި މިނިސްޓްރީ އެއް އުފައްދާނެ ވާހަކައެވެ. ދީނީ ނަސޭހަތްދީގެން ދީނީ އިލްމުވެރިން ބަންދު ނުކުރާނެ ވާހަކައެވެ.
ދެން އައީ 2013 ގެ ރިޔާސީ އިންތިޚާބެވެ. އެއް ބަޔަކު ބުނަމުން ދިޔައީ އަނެއް ބަޔަކީ ލާދީނީ ޕާޓީއެއް ކަމަށެވެ. އެމްޑީޕީ ވެރިކަމަށް އައިސްފިނަމަ އެހެން ދީންތަކަށް ރާއްޖޭގައި ފުރުސަތު ދޭނެ ވާހަކައެވެ. އަނެއް ބަޔަކު ބުނަމުން އައީ ރައީސް ޔާމިން އާއި ޑރ. އަފުރާޝީމޭ ކިޔައިގެން ދެކެވުނު ވާހަކަތަކަކެވެ. އެވާހަކަތަކުގެ ތަފްސީލަށް ދާކަށް ނެތީމެވެ. އިންތިޚާބަކާ ދިމާވާ ކޮންމެ ފަހަރަކު ދީނޭ ދީނޭ ކިޔައިގެން އެކަކު އަނެއްކަކަށް ވުރެ ބާރަށް ހަޅޭލަވަނީއެވެ. ހިތާމައަކީ މިކަމުގައި ބައެއް އިލްމުވެރިން ވެސް ބައިވެރިވަމުންދާ ކަމެވެ.
މިއަހަރުގެ އިންތިޚާބު ބޯމަތިވަމުން އަންނައިރު ވެސް މި ފެންނަނީ ހަމަ ކުރީ އިންތިޚާބުތަކުގައި ވެސް ފެނުނު މަންޒަރެވެ. ކޮންމެ ޕާޓީ އަކުން ވެސް ދައްކަން ބޭނުންވަނީ އަނެއް ޕާޓީ އަކީ ދީނާ ދުރު ޕާޓީ އެއް ކަމެވެ. ދީނީކަންތައްތަކަށް އިސްކަންދޭނީ އެ ޕާޓީއެއް ވެރިކަމަށް ހޮވިގެން ކަމަށެވެ.
އިސްލާމްދީން ހިމާޔަތްކުރުމަކީ ރާއްޖޭގައި އުފެދިފައިވާ އެއްވެސް ޕާޓީއެއްގެ ޒިންމާއެއް ނޫނެވެ. އެއީ މުސްލިމް ރައްޔިތުންގެ ޒިންމާ އެވެ. އަދި އަމުދުން ދީނޭ ދީނޭ ކިޔައިގެން ސިޔާސީ މަންފާ އާއި ފައިދާ ނެގުމުގެ ހައްގެއް އެއްވެސް ބަޔަކަށް ނޯންނާނެއެވެ. މިފަދަ ކަންތައްތަކުގެ ސަބަބުން ޒުވާން ކުދިންގެ ހިތްތަކުގައި ދީނާ ދޭތެރޭ ދެކޭގޮތް ބަދަލުވެދާނެއެވެ.
ދީނަށް ހަޖޫޖަހާ މަޖަލަކަށް ހަދާ ކޮމެންޓްކޮށް ޓްވީޓްކުރަމަކީ އާދައިގެ ކަމަކަށް ވެއްޖެއެވެ. މިކަމުގެ ޒިންމާ ހަގީގަތުގައި ނަގަންޖެހޭނީ ސިޔާސީ މީހުންނެވެ.
ސިޔާސީ ޕާޓީތަކުގެ އިސްބޭފުޅުންނަށް އިޚްލާސްތެރިކަމާއިއެކު ދަންނަވަމެވެ. ތިކުރާ ސިޔާސީ މަސައްކަތަށް ހަތިޔާރެއްގެ ގޮތުގައި ދީން ނުބައްސާށެވެ. ދިވެހި ރައްޔިތުން ވަކިން ޚާއްސަކޮށް ދިވެހި ޒުވާނުންނަށް މަންޒަރު އޮޅޭނެ ކަމަށް ހީނުކުރައްވާށެވެ. އަޅުގަނޑުމެން އެއްމެންނަށް މި މާތް ރިވެތި ފުރިހަމަ އިސްލާމްދީނުގައި ފައިތިލި ސާބިކޮށްގެން ތިބުމުގެ ނަސީބުދެއްވާށި. އާމީން.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް