ގާސިމާއި ދެކޮޅަށް ދައުލަތުން ކުރި ދައުވާ ކޯޓުން ބޭރުކޮށްލައިފި

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމާއި ދެކޮޅަށް ދައުލަތުން އުފުލި ދައުވާ ކްރިމިނަލް ކޯޓުން ބޭރުކޯށްލައިފި އެވެ. ގާސިމްގެ މައްސަލަ ކޯޓުން ބޭރުކޮށްލީ ދައުލަތުގެ ފަރާތުން ވަކާލާތު ކުރައްވާ ޕީޖީ އޮފީހ...

10 Jul 2017 | 15:51

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމާއި ދެކޮޅަށް ދައުލަތުން އުފުލި ދައުވާ ކްރިމިނަލް ކޯޓުން ބޭރުކޯށްލައިފި އެވެ.

ގާސިމްގެ މައްސަލަ ކޯޓުން ބޭރުކޮށްލީ ދައުލަތުގެ ފަރާތުން ވަކާލާތު ކުރައްވާ ޕީޖީ އޮފީހުގެ ވަކީލުން ކޯޓަށް ހާޒިރު ނުވެގެންނެވެ. ކޯޓުން މައްސަލަ ބޭރުކޮށްލީ މިރޭ 7:00 ގައި ފަށަން އޮތް ޝަރީއަތަށް 7:30 ވީއިރުވެސް ހާޒިރުނުވުމުންނެވެ.

ކޯޓުން މިރޭ އިއްވި ހުކުމުގައި ބުނެފައިވަނީ ދެން އެ މައްސަލަ ބަލާނީ އަލުން ކޯޓަށް ހުށަހެޅުމުން ކަމަށެވެ. ކޯޓުން މިރޭ އެގޮތަށް ނިންމާފައިވަނީ މިއަދު އެ މައްސަލައިގެ ދެ އަޑުއެހުމެއް ބޭއްވުމަށް ފަހު އެވެ.

ދައުލަތުން ގާސިމްގެ މައްޗަށް ތުހުމަތު ކުރަނީ ފަނޑިޔާރުންނާއި ސަލާމަތީ ބާރުތަކަށް ނުފޫޒު ފޯރުވަން މަސައްކަތްކުރުމާއި ޤާނޫނީ ސަރުކާރު ވައްޓާލަން ރާވަމުންދާކަމުގެ ތުހުމަތުގެ އިތުރުން މަޖިލީސް މެންބަރުންނަށް ރިޝްވަތުދޭން އުޅޭކަމުގެ ތުހުމަތެވެ.

ކްރިމިނަލް ކޯޓުން މި މައްސަލަ ބޭރުކޮށްލުމުން ޕީޖީ އޮފީހުގެ މީޑިއާ އޮފިސަރު ވިދާޅުވީ ކޯޓުން މައްސަލަ ބޭރުކޮށްފައިވަނީ ޝަރީއަތް ފަސްކޮށްދިނުމަށް ކޯޓަށް ލިޔުމުން ހުށަހަޅާފައިވަނިކޮށް ކަމަށެވެ. އޭނާ ވިދާޅުވީ އަލުން މައްސަލަ ހުށަހެޅުމާއި މެދު ފަހުން ގޮތެއް ނިންމާނެ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް