ޗެނަލް 13 އިން ރޭ ދެއްކި މައުމޫންގެ "ހުތުރު" ފޮޓޯތައް މިހާރު ދެއްކޭނެތަ؟

ސަރުކާރަށް ތާއީދުކޮށް، ރައީސް އަބްދުﷲ ޔާމީނާއި ސަރުކާރުގެ ދިފާއުގައި ހަބަރާއި މައުލޫމާތު ފޮނުވާ ޗެނަލް 13 އިން ރޭ ވަނީ އާދަޔާ ހިލާފު ފޮޓޯތަކެއް ދައްކާފައި  އެވެ. އެ ފޮޓޯތައް ދެއްކީ އެ ޗެނަލުން ގެނެސްދ...

10 Jul 2017 | 04:30

ސަރުކާރަށް ތާއީދުކޮށް، ރައީސް އަބްދުﷲ ޔާމީނާއި ސަރުކާރުގެ ދިފާއުގައި ހަބަރާއި މައުލޫމާތު ފޮނުވާ ޗެނަލް 13 އިން ރޭ ވަނީ އާދަޔާ ހިލާފު ފޮޓޯތަކެއް ދައްކާފައި  އެވެ. އެ ފޮޓޯތައް ދެއްކީ އެ ޗެނަލުން ގެނެސްދިން ޕްރޮގްރާމެއްގައި ސަރުކާރުގެ ސްޓޭޓް މިނިސްޓަރަކު އިންނަވަނި ކޮށެވެ.

"ފޮޓޯ: ދިވެހި އޮބްޒާވާސް" ޖެހުމަށް ފަހު ދެއްކި އެ ފޮޓޯތަކަކީ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ވެރިކަމުގައި އެމަނިކުފާނަށް ޖޯކު ޖަހައި، ހަދައި އާންމު ކުރި ފޮޓޯތަކެކެވެ. އެ ފޮޓޯތަކެއް ނުފޮހެވޭނެ އެވެ. އިންޓަނެޓަކުން ނުގެއްލޭނެ އެވެ. އެކަމަކު ސުވާލަކީ މިހާރު އެ ފޮޓޯތައް ދިވެހި ޓީވީ ސްޓޭޝަނަކުން ދައްކައި ނުވަތަ ނޫހެއްގައި ޖެހޭނެ ހެއްޔެވެ.

އެ ފޮޓޯތަކުގައި މައުމޫންގެ މޫނު އެކި ސިފަ ސިފައިގެ ފެނެ އެވެ. ރީތިކޮށް ބުނާނަމަ އަބުރު ރައްކާތެރި ކުރުމާއި ހިޔާލުފާޅު ކުރުމުގެ މިނިވަންކަމުގެ ގާނޫނުގެ ދަށުން މައުމޫނުގެ އަބުރުފުޅަށް އޮތީ ވަރަށް ރަނގަޅަށް އަރައިގަނެވިފަ އެވެ. މިކަމަށް ގިނަ ސިޔާސީ ފަރާތްތަކާއި އާންމުންވެސް އެއްބަސްވެ އެވެ.

އެ ޕްރޮގްރާމް ދެއްކި ގަޑީގަ އާއި މިހާރުވެސް ސޯޝަލް މީޑިއާގައި އާންމުންނާއި ސިޔާސީ ފަރާތްތަކުން ދަނީ ހުއްޓުމެއް ނެތި ފާޑު ކިޔަމުންނެވެ. ހަމައެކަނި ޗެނަލް 13 އަކަށް ނޫނެވެ. މީޑިއާގެ ބެލެނިވެރި ފަރާތްތައް ކަމަށްވާ ބްރޯޑްކާސްޓިން ކޮމިޝަނަށާއި މޯލްޑިވްސް މީޑިއާ ކައުންސިލަށެވެ.

https://twitter.com/Roxeyna/status/884144147501686785

https://twitter.com/Siimbe/status/884157268748517376

އަބުރުގެ ގާނޫނުގެ ދަށުން ޓީޗީ ޗެނަލަކުން ގެނެސްދޭ އަޑެއްގެ އިތުރުން ދައްކާ ފޮޓޯއެއް ނުވަތަ ވީޑިއޯއަކުންވެސް  މީހެއްގެ އަބުރު ގެއްލިދާނެ އެވެ. ބްރޯޑްކާސްޓިން ކޮމިޝަނުން ރާއްޖެ ޓީވީ އެއް މިލިއަން ރުފިޔާ އިން ޖޫރިމަނާ ކުރީ އެ ސްޓޭޝަނުން ދެއްކި ސިޔާސީ އެއްވުމެއްގައި މީހަކު ދެއްކި ވާހަކައެއްގައި ރައީސް ޔާމީންގެ އަބުރުފުޅަށް އަރައިގަތުމުން އެމައްސަލަ ބްރޯޑްކޮމްގެ އަމިއްލަ އިސްނެގުމުގެ މަތިން ބެލުމަށް ފަހު އެވެ.

ބެލެވޭ ގޮތުގައި އަދި އާންމުން އުންމީދު ކުރަނީ ކުރީގެ ރައީސެއްގެ އަބުރު ފުޅަށް އަރައިގެންފައިވާ ކަމަށް ބަލައި ބްރޯޑްކޮމްއިން އަމިއްލަ އިސް ނެގުމަށް ޗެނަލް 13 އިން އެ ފޮޓޯތައް ދެއްކި މައްސަލަ ބަލާނެ ކަމަށެވެ. އެއީ ރައީސް މައުމޫންގެ ފަރާތްޕުޅުން މި މައްސަލަ ހުށަ ނާޅާނެތީ އެވެ.

ރައީސް މައުމޫން ވިދާޅުވެފައިވަނީ އުފެދުމުގައިވެސް އަބުރުގެ ގާނޫނަކީ ގާނޫނު އަސާސީ އާއި ހިލާފު ގާނޫނެއް ކަމުން އެ ގާނޫނުގެ ދަށުން އެއްވެސް ދިވެހި ރައްޔިތަކާއި ދެކޮޅަށް ދައުވާކޮށް ފިޔަވަޅު އެޅުމަށް އެމަނިކުފާނާއި އެމަނިކުފާނުގެ ފަރާތްޕުޅުން މީހަކު ހުށަނާޅުއްވާނެ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް