ޖަޕާނުގެ ރަށެއްކަމަށްވާ އޮކިނޯޝިމާއަކީ ދުނިޔޭ ހެރިޓޭޖް ސައިޓެއްގެ ގޮތުގައި ޔުނެސްކޯގެ ކަލްޗުރަލް ބޮޑީން ކަނޑައަޅައިފި އެވެ.
އަންހެނުން އެރުން މަނާ، ހަމައެކަނި ފިރިހެނުންނަށް އެރޭ އެ ރަށާކީ ޖަޕާނުގެ ޤަދީމީ ޒަމާނުގެ މީހުން އަޅުކަންކުރަން ގޮސް އުޅުނު ރަށެކެވެ.
ބުނެވޭ ގޮތުގައި 17 ވަނަ ޤަރުނުގައި އެ ރަށުގައި ދަތުރުފަތުރުކުރާ މީހުންނަށް ރައްކާތެރިކަން ކަށަވަރުކުރުމަށް އަޅުކަންކުރަން އޮކިޓްސޫ ކިޔާ ޚާއްޞަ ފައްޅިއެއް އެ ރަށުގައި އެޅި އެވެ.
އަދި އެ ރަށަށް އެރުމުގެ ކުރިން ކޮންމެ ފިރިހެނަކު ލައިގެން ހުރި ހުރިހާ އަންނައުނެއް ބާލާ، އަޅުކަމުގެ ޚާއްޞަ ކަންތައްތަކެއް ކުރަންޖެހެ އެވެ.
ޖަޕާން ޓައިމްސްއިން ރިޕޯޓުކުރާގޮތުގައި އެ ރަށުގައި އެ ފައްޅި އެޅުމުގެ ކުރިން އެ ރަށް ބޭނުންކުރެވުނީ ވިޔާފާރީ ކުރުމަށް ކަނޑުމަގުން ދަތުރުފަތުރުކުރާ ކޮރެއާ އަދި ޗައިނާގެ މީހުންނަށް ހެޔޮ ދުޢާކުރުމަށެވެ.
އެރަށުގައި ޤަދީމީ ޒަމާނުގައި ދުނިޔޭގެ އެކި ހިސާބުތަކުން ގެންގޮސްހުރި އެކިކަހަލަ އަތްތެރި މަސައްކަތްތައް ފެންނަ އެބަހުއްޓެވެ. އޭގެ ތެރޭގައި ކޮރިއަން ޕެނިންސިއުލާގެ ރަން އަނގޮޓިތަކެއް ހިމެނެ އެވެ.
އެރަށަށް މިހާރުވެސް އެރެނީ ހަމަ ޤަދީމީ ޒަމާނުގައި އޮތް އުސޫލުން ހަމައެކަނި ފިރިހެނުންނަށެވެ. އަދި އަރާ ކޮންމެ މީހަކުމެ އެރުމުގެ ކުރިން ފުރިހަމަ ކުރަންޖެހޭ އަޅުކަމުގެ ބައިވެސް އަދާކުރަންޖެހެ އެވެ.
ކޮންމެ އަހަރަކު އެރަށަށް އެރެނީ އެންމެ ދުވަހަކު އެވެ. އަދި އެންމެ ގިނަވެގެން އެރެނީ 200 މީހުންނަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް