ދާދިފަހުން ކުރި ދިރާސާއަކުން ދައްކާގޮތުގައި މަހެއްގެ މައްޗަށް ފޭސްބުކް ބޭނުންކުރާ ދެ ބިލިއަން މީހުންގެ ތެރޭގައި އުޅެނީ ޖުމުލަ ހަތަރު ވައްތަރެއްގެ މީހުންނެވެ.
ކޮންމެ ދުވަހަކު 1.28 މިލިއަން މީހުން ފޭސްބުކަށް ވަންނައިރު، ކޮންމެ މީހަކުވެސް ދުވާލަކު މަދުވެގެން 35 މިނެޓް ފޭސްބުކްގައި ހޭދަކުރެ އެވެ.
އެމެރިކާގެ ބްރިގްހަމް ޔަންގު ޔުނިވާރސިޓީގެ ޕްރޮފެސަރުންތަކެއް ކުރި އެ ދިރާސާއިން ދައްކާގޮތުން އެ ހަތަރު ވައްތަރުގެ މީހުނަކީ؛ ލޯބީގެ ގުޅުން ދަމަހައްޓާ މީހުނާއި، މީހުން ހޭލުންތެރިކުރާ މީހުންނާއި، ސެލްފީގެ އަވާގައި ޖެހިގެން އުޅޭ މީހުނާއި، ކުޅިބަލަން ވަންނަ މީހުންނެވެ.
ލޯބީގެ ގުޅުން ދަމަހައްޓާ މީހުން
މި މީހުން ފޭސްބުކްގައި ލޯބީގެ ޕޯސްޓުތަކާއި، ފޮޓޯ އަދި އެހެނިހެން ތަކެތި ޝައިޢުކުރާނެކަމަށްވެ އެވެ. އަދި ދެ ލޯބިވެރިން އަކަކު އަނެކަކު ޕޯސްޓުތަކުގައި ދެ މީހުންގެ ދެމެދުގައި އޮންނަ ލޯބީގެ އަސަރުތައް ދައްކާނެކަމަށާއި، އަދި ގިނަ މީހުން އުޅޭނީ ލޯބީގެ ޙިޔާލީ ފޮލާއެއްގައި ކަމަށް އެ ދިރާސާގައި ބުނެފައިވެ އެވެ.
ލޯބީގެ ގުޅުމުގެ ތެރޭގައި އާއިލާގެ މީހުންގެ ދެމެދުގައި އޮންނަ ގުޅުންތައް ދަމަހައްޓަން ފޭސްބުކް މެދުވެރިކޮށް ކުރާ ކަންތައްތައްވެސް ހިމެނެ އެވެ.
މީހުން ހޭލުންތެރިކުރާ މީހުން
މި މީހުން ފޭސްބުކްގައި ވަގުތު ހޭދަކުރާނީ މީހުންނަށް އެކިކަހަލަ މުހިންމު ކަންކަމާއި ބެހޭގޮތުން ޚަބަރާއި މަޢުލޫމާތު ފޯރުކޮށްދިނުމަށެވެ. އެކިކަހަލަ ކޫސަނީ ފޮޓޯތަކާއި ވާހަކަތައް މި މީހުން ޝެއާކޮށް ނޫޅޭނެކަމަށް އެ ދިރާސާގައި ބުނެ އެވެ.
ސެލްފީގެ އަވާގައި ޖެހިގެން އުޅޭ މީހުން
ސެލްފީ ކެޓެގަރީގައި ހިމެނޭ މީހުން ފޭސްބުކް ބޭނުންކުރަނީ އަމިއްލަ މީހާ ޕްރޮމޯޓުކުރުމަށެވެ. އެކަހަލަ މީހުން ފޮޓޯ އާއި ވީޑިއޯ އަދި ތަފާތު އެކިކަހަލަ ސްޓޭޓަސްތައް އަޕްޑޭޓްކުރާނެ އެވެ. ދެއިރު ދެ ދަޅައަށް ޕްރޮފައިލް ޕިކްޗާ ބަދަލުކުރުމުގައި އުޅޭ މި މީހުންގެ ހުރިހާވެސް ބޭނުމަކީ ލައިކްސްއާއި، ކޮމެންޓްސް ހޯދުންކަމަށް ދިރާސާގައި ބުނެ އެވެ.
ގިނައިން ލައިކްސް ލިބުނުވަރަކަށް އެމީހުން އުފާވާނެ އެވެ.
ކުޅިބަލަން ވަންނަ މީހުން
މި މީހުން ފޭސްބުކަށް ހަމައެކަނި ވަންނަނީ އެހެން މީހުން ކުރާ ކަންތައްތައް ބެލުމަށެވެ. މިފަދަ މީހުން ފޭސްބުކްގައި އަމިއްލަ މީހާއާއި ބެހޭގޮތުން މާގިނަ މަޢުލޫމާތުތަކެއް ޚިއްޞާއެއް ނުކުރާނެވެ. މީގެ ގިނަ މީހުން އުޅޭނީ އެއީ ކާކުކަން ގިނަފަހަރަށް ނޭނގޭ ގޮތަށެވެ.
އެމީހުން ހިތްހަމަޖެހުން ލިބޭނީ އެހެން މީހުންގެ ޕްރޮފައިލްތައް ސްޓޯކުކުރެވުނު ނުވަތަ ފާރަލެވުނުވަރަކަށްކަމަށް އެ ދިރާސާގައި ބުނެ އެވެ.
ޝޯޝަލް މީޑިއާއަކީ މިހާރު ކޮންމެ ދުވަހެއްގެ ދިރިއުޅުމުގައިވެސް ވަރަށް މުހިންމު ދައުރެއް އަދާކުރާ އެއްޗެކެވެ. ނަމަވެސް ޝޯޝަލް މީޑިއާގެ ބޭނުން ކުރަންޖެހޭގޮތައް ގިނަ ފަހަރަށް އޮންނަނީ ނުކުރެވިފައިކަމަށާއި، މި އުސޫލަށް ބަދަލުގެނައުމަށް މީހުން ހޭލުންތެރި ވާންޖެހޭކަމަށް އެ ދިރާސާ ކުރުމުގައި އުޅުނު ޕްރޮފެސަރުން ބުނެފައިވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް