ކޯވިޑް-19: މުޅި ދުނިޔެއިން ބައްޔަށް ފައްސިވި މީހުންގެ އަދަދު 4 މިލިޔަނަށް

މުޅި ދުނިޔެއިން ކޯވިޑް-19 ޖެހުނު މީހުންގެ އަދަދު 4 މިލިޔަން ފަހަނައަޅައިފިއެވެ. ޖޯންސް ހޮޕްކިންސް ޔުނިވަރސިޓީން ޖަހާ ހިސާބުތަކުން، ބައްޔަށް ފައްސިވި މީހުންގެ އަދަދު 4 މިލިޔަނުން މައްޗަށް ގޮސްފައިވާކަމ...

09 May 2020 | 21:46

މުޅި ދުނިޔެއިން ކޯވިޑް-19 ޖެހުނު މީހުންގެ އަދަދު 4 މިލިޔަން ފަހަނައަޅައިފިއެވެ.

ޖޯންސް ހޮޕްކިންސް ޔުނިވަރސިޓީން ޖަހާ ހިސާބުތަކުން، ބައްޔަށް ފައްސިވި މީހުންގެ އަދަދު 4 މިލިޔަނުން މައްޗަށް ގޮސްފައިވާކަމަށް ދައްކާއިރު، މިހާތަނަށް މި ބަލީގައި 277000 (ދެ ލައްކަ ހަތްދިހަ ހަތްހާސް) މީހުން ވަނީ މަރުވެފައެވެ. މިހާތަނަށް 1.3 މިލިޔަނަށްވުރެ ގިނަ މީހުން ބަލިން ރަނގަޅު ވެފައިވެއެވެ.

ފާއިތުވި އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައި ޗައިނާގެ ވޫހާން ސިޓީން ފެނުނު ވައިރަސް މުޅި ދުނިޔެއަށް ފެތުރި، އާލަމީ ވަބާއަކަށް ވެފައިވާއިރު، މި ބަލީގެ އަސަރު އެންމެ ބޮޑަށް ކޮށްފައިވަނީ އެމެރިކާއަށެވެ. މިހާތަނަށް ކޯވިޑް-19 އަށް އެންމެ ގިނަ މީހުން ފައްސިވި އަދި އެންމެ ގިނަ މީހުން މަރުވި ގައުމަކީ ވެސް އެމެރިކާއެވެ.

އެމެރިކާގެ ހާލަތު އަދިވެސް ރަނގަޅު ނުވި ނަމަވެސް، ޓްރަމްޕްގެ ސަރުކާރުން ލޮކްޑައުންތަކާއި، ބަލި ފެތުރުން ހުއްޓުވުމަށް އަޅާފައިވާ އެހެނިހެން ފިޔަވަޅުތަކަށް ލުއި ދިނުމަށް މަސައްކަތް ކުރަމުން އަންނައިރު، އެމެރިކާގެ ކުރީގެ ރައީސް ބަރަކް އޮބާމާ މިއަދު ވަނީ ކޯވިޑް-19 ގެ ކަންކަން ބެލެހެއްޓުމުގައި ޓްރަމްޕް ގެންގުޅުއްވާ ސިޔާސަތުތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.

ކޯވިޑް-19 އަށް އަދިވެސް ވެކްސިނެއް ހޯދިފައި ނުވާއިރު، ޑަބްލިޔުއެޗްއޯ ގެ އިންޒާރުތަކަށް ބެލުމެއް ނެތި ބައެއް ގައުމުތަކުން އަންނަނީ، ބަލި ހުއްޓުވަން އެޅި ހަރުކަށި ފިޔަވަޅުތަކަށް ލުއި ދެމުންނެވެ.

މުޅި ދުނިޔެއިން ބައްޔަށް ފައްސިވި މީހުންގެ އަދަދު 4 މިލިޔަން ފަހަނައެޅިއިރު، ރާއްޖޭގެ ހާލާތު ވެސް މިހާރު ވަނީ ގޯސްވެފައެވެ. ވެރިރަށް މާލެއިން ބައްޔަށް ފައްސިވާ މީހުންގެ އަދަދު އިތުރުވަމުން އަންނައިރު، މިހާތަނަށް މުޅި ރާއްޖެއިން 785 މީހަކު ބައްޔަށް ފައްސިވެ، 3 މީހަކު މި ބަލީގައި ނިޔާވެފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް